މިއަދު އެމްޑީޕީގެ ސައިޒަކީ 30 ޕަސެންޓް: އަދުރޭ

ރ. މީދޫގައި މިއަދު އޮތް އިންޑިއާ އައުޓް ހަރަކާތުގައި އަބްދުއްރަހީމް ވާޙަކަ ދައްކަވަނީ --

އެމްޑީޕީގެ ސައިޒު މިއަދު ހާމަވެއްޖެކަމަށާއި އެމްޑީޕީގެ ސައިޒަކީ 30 ޕަސެންޓުކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ މިއަދު ރ. މީދޫގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިންނެވެ.

އަދުރޭ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިހާބުން އެމްޑީޕީގެ ސައިޒު ވަރަށް ރަނގަޅަށް އެނގިއްޖެ ކަމަށެވެ. އަދި އަވަސް އަރުވައިލައި ގައުމީ މަޖިލިސް ބާއްވައި 30 އިންސައްތައިން ވެރިކަމަށް އާދެވޭ ގޮތް ހަދަން އުޅެނީ އެމްޑީޕީގެ ސައިޒު އެނގޭތީކަމަށް އަދުރޭ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި 30 ޕަސެންޓް ވޯޓު ލިބޭ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާކަމަށް އާދެވޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިއަދު އެމްޑީޕީގެ ސައިޒަކީ 30 ޕަސެންޓުކަމަށާއި 30 ޕަސެންޓުން ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން އެ އުޅެނީ އެހެންވެ ކަމަށެވެ.

"ތިރީސް ޕަސެންޓުން ވެރިކަމަށް އާދެވޭ ގޮތް ހެދިޔަސް ވެރިކަމާ ކުޑަބޭރު ވެސް އެމްޑީޕީއަަކަށް ނޭރުވޭނޭ. ރައްޔިތުން ތިބީ އެއަށްވުރެ މާ ހޭލާ. އެކަން އެނގެނީ ކޮމަންޑޫ ދާއިރާގެ އިންތިހާބުން،" އަދުރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ސައިޒު ކޮމަންޑޫ ދާއިރާގެ އިންތިހާބުން ހާމަވެއްޖެކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމުން ވާދަކުރީ ހަމައެެކަނި އިހުލާސްތެރި ނިޔަތަކާ ތެދުވެރި މަސައްކަތާ އެކީގައި ކަމަށެވެ. ނަމަވެސް އެމްޑީޕީން، އިންޑިއާއާއި ދިވެހި ދައުލަތާއި ރާއްޖޭގައި ތިބި ހުރިހާ މުއްސަނދިންނާއި އެ މީހުންގެ ހުރިހާ ވަސީލަތްތަކެއް އެ ތަނަށް އޮއްސާލީ ތަނެއްދޮރެއް ނުބަލާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެކަމަކު ނަތީޖާއަކީ އެ ހުރިހާ ލީޑަރުންނާއި ދައުލަތް އެކުވީމައި ލިބުނީ 46 ޕަސެންޓް. އޭގެން މި އެނގެނީ ދިވެހި ރައްޔިތުންގެ ތާއީދު މިއަދު މި ސަރުކާރަށް ނެތްކަން،" އަދުރޭ ވިދާޅުވިއެވެ.

މިހާރުގެ ގާނޫނު އަސާސީގައިވާގޮތުންނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ވާނީ 50 ޕަސެންޓަށްވުރެ މަތިން ވޯޓު ލިބިގެންނެވެ. އަދި އެ އަދަދަށް ވޯޓު ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުން ދާންޖެހޭނީ ދެވަނަ ބުރަކަށެވެ.

comment ކޮމެންޓް