ތާލިބާނުން ހުޅަނގުގެ އޮފިޝަލުންނާ މަޝްވަރާ ކުރަނީ

އަފްޣާނިސްތާނުގެ ވެރިކަންކުރާ ޠާލިބާން ސަރުކާރުގެ އެކްޓިންގ ފޮރިން މިނިސްޓަރު އާމިރު ޚާން މުއްތަޤީ

ނޯވޭގެ ވެރިރަށް އޮސްލޯގައި ތާލިބާނުންނާއި ހުޅަނގުގެ އޮފިޝަލުންގެ މަޝްވަރާތައް ބާއްވަން ނިންމައިފިއެވެ.

މާދަމާއިން ފެށިގެން އަންނަ އަންގާރަ ދުވަހަށް ނޯވޭގައި ކުރިއަށް ގެންދާ މި މަޝްވަރާކުރުންތަކުގައި އެމެރިކާ، ޖަރުމަން، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، އިޓަލީ އަދި ޔޫރަޕިއަން ޔޫނިއަނުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ނޯވޭގެ ޚާރިޖީ ވަޒީރު ވިދާޅުވީ، މިއީ އެއްވެސް ހާލެއްގައި ތާލިބާން ސަރުކާރު ގަބޫލުކުރުމަށް ކުރެވޭ މަސައްކަތެއް ނޫންކަމަށާއި ނަމަވެސް އަފްޣާނިސްތާނުގައި ވެރިކަންކުރާ މީހުންނާ މަޝްވަރާކުރަން ޖެހޭ ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ އަފްޣާނިސްތާނަށް އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ނޯވޭގައި ބާއްވާ މަޝްވަރާކުރުންތަކުގައި ތާލިބާނުންގެ ފަރާތުން އިސްކޮށް ހުންނާނީ ފޮރިން މިނިސްޓަރު އާމިރު ޚާން މުއްތަގީ އެވެ. މިއީ ޔޫރަޕުގައި ތާލިބާނުން މަޝްވަރާކުރުންތައް ބާއްވާ ފުރަތަމަ ފަހަރެވެ.

އަފްޣާނިސްތާނުގެ ޑެޕިއުޓީ ކަލްޗާ މިނިސްޓަރު އަދި އިންފޮމޭޝަން މިނިސްޓަރު ޒަބީހުﷲ މުޖާހިދު ބުނީ، އެމެރިކާގެ އޮފިޝަލުންނާއި ޔޫރަޕުގެ އިއްތިހާދުގެ އޮފިޝަލުންނާ ވަކިން ބައްދަލުކުރުންތައް ބާއްވަންވެސް ހަމަޖެހިފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގެ ހަނގުރާމަ ކާމިޔާބުކޮށް، ޠާލިބާނުން އެ ގައުމުގެ ވެރިކަމާ ހަވާލުވިނަމަވެސް އެއްވެސް ގައުމަކުން ޠާލިބާން ސަރުކާރު ބަލައިގަނެފައެއް ނުވެއެވެ. ނަމަވެސް ތާލިބާނުން ވަނީ ޗައިނާ، ރަޝިއާ، އިރާން، ގަތަރު، ޕާކިސްތާން އަދި ތުރުކުމެނިސްތާނުގައި މީގެ ކުރިން މަޝްވަރާކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

ތާލިބާނުގެ ވެރިކަމެއްގައި އަފްޣާން އަންހެނުންގެ ހައްގުތައް ހަނިވެ، އަންހެނުންގެ ހައްގުތައް ކަށަވަރުވާކަމާމެދު ހުޅަނގުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް ތާލިބާނުން ދަނީ އިސްލާމީ މިންގަނޑުތަކުގެ ތެރެއިން އަންހެނުންނަށް ދެވެންހުރި ހުރިހައި ހައްގެއް ދެމުން އަންނަކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

comment ކޮމެންޓް