ދުނިޔޭގެ ގަދަބާރު އެމެރިކާ ބަލިކުރެވިއްޖެ ކަމަށް ބުނެ ތާލިބާނުން އުފާފާޅުކުރަނީ

އަފްގާނިސްތާނުގައި ތާލިބާނުން ހަރަކާތްތެރިވަނީ --

ދުނިޔޭގެ ގަދަބާރު އެމެރިކާ ބަލިކުރެވިއްޖެ ކަމަށް ބުނެ ތާލިބާނުން އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފިއެވެ.

ވިހި އަހަރު މެދުކެނޑުމެއްނެތި އެމެރިކާގެ ސިފައިންނާ ދެކޮޅަށް ތާލިބާނުން ކުރި ހަނގުރާމަ ނިމުމަކަށް އައީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި އެމެރިކާ ސިފައިން އެ ގައުމުން ފޭބުމުންނެވެ.

"އަފްޣާން ރައްޔިތުންނަށާއި މުޅި ދުނިޔެއަށް އެނގެން އެބަޖެހޭ އަހަރެމެން އެމެރިކާ ބަލިކުރި ގޮތް،" ތާލިބާނުގެ އިސްވެރިއެއްކަމަށްވާ މުއްލާ ހަބީބުﷲ މުޖާހިދު ބުންޏެވެ.

އެމެރިކާގެ މައްޗަށް ތާލިބާނުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޮޑެތި ޕެރޭޑްތައްވެސް ވަނީ ބާއްވާފައެވެ. އަދި އެމެރިކާއިން ދޫކޮށްފައިދިޔަ މިލިޓަރީ އުޅަނދުތައްވެސް ވަނީ އާންމުންނަށް ދައްކާފައެވެ.

އަފްޣާނިސްތާނުގެ ގިނަ ޕްރޮވިންސުތައް ތާލިބާނުންގެ ވެރިކަމުގެ ދަށަށް ގެނެސް، އެ ގައުމުގައި އިސްލާމީ ޚިލާފަތެއް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ގައުމުގެ ފުރިހަމަ ނަންވެސް ވަނީ "އިސްލާމިކް އެމިރެޓްސް އޮފް އަފްޣާނިސްތާން"އަށް ބަދަލުކޮށްފައެވެ.

ތާލިބާނުން އަފްޣާންގެ ސަރުކާރުގެ ބާރު ހޯދި ނަމަވެސް، ދުނިޔޭގެ އެއްވެސް ގައުމަކުން އަދިވެސް އެ ސަރުކާރު ގަބޫލުކޮށްފައެއް ނުވެއެވެ. މިއާއެކު އަފްޣާނިސްތާނު ވަނީ އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ.

comment ކޮމެންޓް