ކުރީ ސަރުކާރު މަޝްރޫއުތަކުގެ ކްރެޑިޓު މި ސަރުކާރުން ނަގާ ކަމަށް ބުނުމުން ހޫނުވެއްޖެ

މިނިސްޓްރީ އޮފް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

ކުރީ ސަރުކާރުން ހިންގައިފައިވާ މަޝްރޫއުތަކުގެ ކްރެޑިޓު މި ސަރުކާރުން ނަގަމުން އަންނަ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވުމުން، ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މެންބަރުން ސުވާލުކުރުމަށް މިނިސްޓަރު އަސްލަމް ހާޒިރުކޮށްފައެވެ.

މިނިސްޓަރާ ސުވާލުކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވަނީ ފާއިތުވީ ފަސް އަހަރުގެ ތެރޭގައި ނައިފަރަށް ކޮށްދެވުނީ ކޮން ކަމެއްތޯ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ފާއިތުވީ ފަސް އަހަރުތެރޭގައި ވެފައި ހުރި ކަމެއް ނޭނގުނަސް، ތިން އަހަރުގެ ތެރޭގައި ވެފައިހުރި ކަންކަން އެނގޭ ކަމަށެވެ.

ހަމައެހެންމެ ނައިފަރުގައި ހައުސިން ޔުނިޓު އަޅައި ނިންމައިފައިވަނީ މި ސަރުކާރުން ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ނައިފަރަށް އަޅާ ނުލާ އޮތް ކަމަކަށް، 100 ހައުސިން ޔުނިޓު އަޅަން ނިންމައި، އަޅާ ނިންމައިފައި އެހެރީ ވެސް އަޅުގަނޑުމެން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރުގެ ޖަވާބާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި، ޝިޔާމް ވަނީ މިނިސްޓަރަށް ރައްދުދެއްވައިފައެވެ.

ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރު ނިމުނުއިރު، 2018 ވަނަ އަހަރުގެ ބަޖެޓުގައި 54 މިލިއަން ރުފިޔާ ނައިފަރުގައި ހައުސިން ޔުނިޓު އެޅުމަށް ކަނޑައަޅައިފައިވާނެ ކަމަށެވެ.

"އެހެންވީމާ އިއުލާނުކޮށްފަ، އެ ސަރުކާރުގެ ބަޖެޓު އެލޮކޭޓްކޮށްފައި އޮތް ވާހަކައެއް، މިއަދު އަޅުގަނޑުމެން ކޮށްފައި އޮތް މަސައްކަތެއްގެ ކްރެޑިޓް ނެގީމަ ވަރަށް ހަޑި،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކައަށް ރައްދު ދެއްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ މިއީ ކޮންމެ ސަރުކާރެއްގައި ވެސް ކަން ހިނގަމުން އަންނަ އުސޫލު ކަމަށެވެ. އެހެންނަމަވެސް އިދިކޮޅުން އެކަމުގައި ވެސް ތަފާތު ގެންގުޅޭ ކަމަށް ވިދާޅުވިއެވެ.

"އެއް ބަޔަކު ކުރީމާ އެ މީހުން ވިސްނި ހުރިހާ ކަމެއް ވެސް އެއީ އެމީހުން ކުރި ކަންތައް، އެމީހުން ކުރަން ފެށި ކަންތައް ވެސް އެއީ އެމީހުން ކުރި ކަންތައް، އެމީހުން ފަށައިފަ ނިންމި ކަންތައް ވެސް އެއީ އެ މީހުން ކުރި ކަންތައް، އަނެއް ބަޔަކު އެކަންތައްތައް ކޮންޓިނިއު ކުރީމަ އެ ބަޔަކަށް އެޔަކުން އެއްވެސް އެއްޗެއް ނުއެއް އޮވޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުގެ ބޮޑުބައިގައި އެންމެ ހައުސިން ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ފަށައިގެން ނިންމައިފައިވާ ނުވާ ކަމަށާއި، މުޅީން ވެސް ހުޅުވައިފައިވަނީ 2008 ވަނަ އަހަރު ފަށައިފައި ހުރި ޕްރޮޖެކްޓުތައް ކަމަށެވެ.

"އެމްޑީޕީގެ ސަރުކާރުން ފެށި މަސައްކަތްތައް ނިންމި ހުންނާނީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، ތިބޭފުޅުން ފެއްޓެވީ، ފެއްޓެވި ތެދެއް، އެ މަސައްކަތް އަޅުގަނޑުމެން ނިންމައިދިނީ، ނިންމައިފައި އަޅުގަނޑުމެން ނުބުނަމޭ އަޅުގަނޑުމެން ކުރި މަސައްކަތެކޭ އެއީކީ، ކޮންޓިނިއުޓީ އޮފް ދަ ސްޓޭޓް،" އަސްލަމް ވިދާޅުވިއެވެ.

މިފަދަ ކަންކަމަކީ ދައުލަތް ދެމިގެން ދިއުމަށް މުހިންމު ކަންކަން ކަން ފާހަގަކުރައްވާ އަސްލަމް އިތުރަށް ވިދާޅުވީ ސަރުކާރު ބަދަލުވުމުން އެ މަސައްކަތް ހުއްޓާލުމުގެ ބާރު އޮންނަ ކަމަށެވެ. އެގޮތުން ޖީއެމްއާރުގެ މައްސަލަ ފާހަގަކުރެއްވިއެވެ.

"ކުރީގައި ތިބި ބަޔަކު ކަމުނުގޮސްގެން އެހުރިހާ އެއްޗެއް ޖުމްލަ ކޮށްލީމަ ކަމުނުދިޔައިމަ ސަރުކާރު ބަދަލުވަނީ، ބަދަލުވީމަ ޖީއެމްއާރު ހުއްޓާލީވެސް ތި ބޭފުޅުން، ޖީއެމްއާރް ހުއްޓާލީ ގޯސްކޮށް، ހަމަ ގޯސްކޮށް ހުއްޓާލީ، އެއީ ކުރާ ޒާތުގެ ކަންތައްތަކެއް ނޫން، ކޮންޓިނިއުޓީ އޮފް ދަ ސްޓޭޓް، އެ ކޮންސެޕްޓް އަންޑަސްޓޭންޑު ވާން ޖެހޭ އެބަ،" ވަރަށް ކޯފާ އިސްކުރައްވައި އަސްލަމް ވިދާޅުވިއެވެ.

ޖީއެމްއާރާ ގުޅިގެން އަސްލަމް ދެއްކެވި ވާހަކައަށް ތާއީދުކުރައްވާ ކަމަށް ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެލާނާ އިންޓަނޭޝަނަލް ޖީއެމްއާރާ ހަވާލުކުރިއިރު ވެރިކަމުގައި ހުންނެވި، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް