އަފްގާނިސްތާނަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ސަބަބުން އާއިލާއަކުން ކުޑަ އަންހެން ކުއްޖަކު ވިއްކާލައިފި

ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާނު ގޮސްފައިވާއިރު، އަފްގާނިސްތާނުގެ މީހުން ވަނީ ފައިސާ ހޯދާނެ ގޮތެއް ނެތި ބަނޑުހައިހޫނުކަންމަތީގައެވެ.

އެތަައް މިލިއަން ކުޑަ ކުދިންތަކެއްގެ ފުރާނަ ވަނީ ގެއްލުމުގެ މަގުމަތީގައެވެ. އެންމެ ކުޑަ މިނުން ފަރުވާ ދޭންހުރި ސިއްހީ މަރުކަޒުތަކުގައި ބޭސް ފަރުވާ ދިނުމަށް ބޭނުންވާ އާލާތްތައް ވެސް ނެތެވެ. ހަމައެހެންމެ އެތަނުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުންނާއި ނަރުހުންނަށް މުސާރަ ނުދޭތާ ވެސް މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފެއެވެ. މުޅި ގައުމު ވަނީ ބަނޑަށް ޖެހި ކާ އެތިކޮޅެއް ހޯދުމަށް ވާން ޖެހުނު ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން ޖެހިފައެވެ.

މީގެ ކުރިން އަފްގާނިސްތާނުގެ އެކި ކަންކަމަށް އައީ ބައިނަލްއަގްވާމީ އެހީ ހޯދަމުންނެވެ. ނަމަވެސް ތާލިބާނުގެ ބާރުގެ ދަށަށް އަފްގާނިސްތާނު އައި ފަހުން އެގައުމަށް ވަނީ އެއްވެސް ގޮތަކުން އެހީ ނުލިބިފައެވެ.

އެހެންކަމަށްވުމާއެކު އަފްގާނިސްތާނުގެ ސިޓީ އެއް ކަމަށްވާ ހިރާތުގެ ބޭރުގައި ދިރިއުޅެމުން އަންނަ އާއިލާ އަކުން ވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުން އަންހެން ކުޑަ ކުއްޖަކު ވިއްކާލައިފައެވެ. އެ އާއިލާއިން އެ މައުސޫމު ކުއްޖާ ވިއްކާލާފައިވަނީ އެ އަންހެން މީހާގެ އެހެން ދަރިއެއް ބަނޑުހައި ހޫނުކަމުގެ ސަބަބުން މަރުވެފައިވާތީއެވެ.

ބޭރުގެ އިތުބާރު ހިފޭ މީޑިއާ އަކަށް އެއަންހެން މީހާ ބުނެފައިވަނީ އެ އަންހެން ކުއްޖާ ވިއްކާލަން އެ އާއިލާއަށް ވަނީ މަޖުބޫރުވެފައި ކަމަށެވެ.

"ކީއްވެ އަހަރެން ދެރަ ނުވާންނީ. އަހަރެންގެ ދަރިއެކޭ މަރުވީ. އަހަރެން ހިތަށް އަރާ މި އަންހެން ކުއްޖާ ވިއްކާލަން ނުޖެހޭނެ ނަމައޭ. އެކަމު މިއަދު އަހަންނަށް މަޖުބޫރު" އަންހެން ކުއްޖާގެ މަންމަ ގިސްލަމުން ބުންޏެވެ.

އެ ކުޑަ ކުއްޖާގެ ބައްޕަ އަކީ މީގެ ކުރިން ގޮނޑުން އެއްޗެހި ހޮވައިގެން ވިއްކަން އުޅުނު މީހެކެވެ. ނަމަވެސް މިހާރު ވަނީ އެމަސައްކަތް ކޮށްގެން ވެސް ފައިސާ ލިބޭނެ ގޮތެއް ނުވެފައެވެ.

"އަހަރެމެން މިތިބީ ބަނޑުހައި ހޫނުކަން މަތީގައި. ގޭގައި އެންމެ ކުޑަމިނުން ފުށެއް ވެސް ނެތް. ކައްކަން ބޭނުންކުރާނެ ތެލެއް ވެސް ނެތް. އެކައްޗެއް ވެސް ނެތް. އަހަރެންގެ ދަރިއަށް މުސްތަގުބަލުގައި ވާނެ ގޮތެއް ނޭނގޭ. އަހަންނަކަށް ނޭނގެ އޭނާ އެދުވަހަކުން ހިތަށް އަރާނެ އެއްޗެއް ވެސް. އެކަމު މިއަދު އަހަންނަށް މަޖުބޫރު މިހެން ހަދަން،" އެ އަންހެން ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

އެ އަންހެން ކުޑަ ކުއްޖާ ވިއްކާލައިފައި ވަނީ 500 އެމެރިކާ ޑޮލަރަށެވެ. އެ ކުއްޖާ އަށް ހިނގެން ފެށުނު ދުވަހަކުން އެ ކުއްޖާ އާ ހަވާލު ވާނެ ކަމަށް ފައިސާ ދެއްކި މީހާ ބުނެފައިވެއެވެ. އެމީހާ ވަނީ މިހާރު 500 އެމެރިކާ ޑޮލަރުގެ ޑޮލަރުގެ ދެބައި ކުޅަ އެއްބަޔަަށްވުރެ ގިނަ ފައިސާ އެއާއިލާއަށް ދައްކާފައެވެ.

މީގެ އިތުރުން އެ އަންހެން ކުއްޖާ އެމީހާގެ ފިރިހެން ދަރިއާ ކައިވެނި ކުރުވާނެ ކަމަށް ވެސް އެމީހާ ބުނެފައިވާ ކަމަށް އެ މީޑިއާގައި ބުނެފައިވެއެވެ.

އެ އާއިލާ ނޫނަސް މި ދަނޑިވަޅުގައި އަފްގާނިސްތާނުގެ އެކި އާއިލާ ތަކުން އަންނަނީ ބަނޑުހައި ހޫނުކަމުގެ ސަބަބުން އަމިއްލަ ދަރި ވިއްކާލަން ޖެހިފައެވެ. ފައިސާ ހޯދާނެ މަގެއް ނެތި ބިކަވެ ނިކަމެތި ވެފައެވެ.

comment ކޮމެންޓް