މެއި ހަޔެއްގެ ހަމަލާއަށް ފަންޑު ކުރި މީހުން އަދި ހޯދޭނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ސަންފޮޓޯ/ އަހްމަދު އައިމަން އަލީ

މެއި ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ފަންޑު ކުރި މީހުން އަދި ހޯދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މެއި ހައެއް ހަމަލާގެ ތަހުގީގުތައް އަދި ނުނިމޭ ކަމަށާއި ތަހުގީގު ނިމުމުން ގިނަ ކަންކަން ހާމަވާނެ ކަމަށެވެ.

"ފަންޑު ކުރި ފަރާތެއް އިރާދަކުރެއްވިއްޔާ ހޯދޭނެ. އަދި ރޭވި ފަރާތްތައް ވެސް އިރާދަކުރެއްވިއްޔާ ހޯދޭނެ. އިންތިޒާމު ކުރި ފަރާތްތައް ވެސް އިރާދަކުރެއްވިއްޔާ ހޯދޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެންމެ ފަހުން ވެސް ފުލުހުން މައުލޫމާތު ދިން އިރު އެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަނިކުފާނު ގާތުގައި ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވީ ނަމަވެސް ފުލުހުން ވަނީ މި ހަމަލާއަށް ފަންޑުކުރި މީހަކު ހުރިކަމަށް ތަހުގީގަށް ފާހަގަވެފައި ނުވާކަމަށް މީގެ ކުރިން ބުނެފައެވެ.

ނަޝީދު ވަނީ މީގެ ކުރިން ހަމަލާއަށް ފަންޑު ކުރި މީހުން ހޯދުމަށް ކުރާ މަސައްކަތް ކުޑަ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އިނގިރޭސިވިލާތުގައި ހުންނަވައިގެން ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ މިހާތަނަށް ލިބިވަޑައިގެންފައިވާ މައުލޫމާތުތަކުން ޓެރަރިސްޓް ހަމަލާއަށް ހަރަދު ކުރި މީހުން ހޯދުމަށް ކުރެވުނު މަސައްކަތް ކުޑަ ކަމަށެވެ. އަދި ހަމަލާގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ މީހުން ހޯދުމަށް ކުރެވުނު މަސައްކަތްވެސް ކުޑަ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.

މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މެއި ހައެއްގެ ހަމަލާގައި ނަޝީދުގެ ބަޔާން ދެއްވަނީ ކޮން އިރަކުތޯ ވެސް ސުވާލުކުރައްވާފައެވެ. އެކަމާ ގުޅިގެން ނަޝީދު ވަކި ތާރީހެއް ނުދެއްވި ނަމަވެސް ވަރަށް އަވަހަށް ބަޔާން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން މެއި ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ ބަޔާނެއް ނުލިބޭކަމަށާއި ރައީސް ނަޝީދުގެ ފަރާތުން ބަޔާނެއް ލިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ގެ މައްޗަށެވެ. މި ހަތަރު މީހުންގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.

comment ކޮމެންޓް