ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އެކި މައްސަލަތަކުގައި ދައުވާ ކުރަނީ އެއްވެސް ހެއްކެއް ހުރެގެން ނޫންކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖަމީލްވަނީ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާ ދައުވާތަކަކީ އެ މަނިކުފާނާ ޒާތީ ގޮތުން ޖައްސަަައިލައިގެން ކުރާ ދައުވާތަކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
"އެއްްވެސް ދައުވާއެއް ތި ކުރަނީ ދައުވާއެއް ކުރަން ޖާގަ އޮވެގެންނެއް ނޫން. ރައީސް ޔާމީނަށް ވީތީ ކުރާ ދައުވާތަކެއް އެއީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ކަމެއް، މިހާރު ކުރިއަށްދާ މައްސަލަތަކަށް ބަލާނަމަ ނެތޭ. އެއްވެސް އަސާސެއް އޮތް މައްސަލައެއް ނޫނޭ. ނެގެހެއްޓޭނެ އެއްޗެއް ނެތޭ،" ޖަމީލް ވިދާޅުވިއެވެ.
އޭނާވަނީ މަނީ ލޯންޑަރިންގެ ނަމުގައި ރައީސް ޔާމީނަށް ދައުވާކުރަނީ އެ މަނިކުފާނަށް ގޯނާކުރުމުގެ ނިޔަތުގައިކަމަށެވެ.
"ސާފުކޮށް މި ދަންނަވަނީ. ކުރެވޭނެ ޖާގަ އޮވެގެން ހިންގާފަ އޮތް ތަހުގީގުތަކެއް ވެސް ނޫން. އެެއްވެސް ހެއްކެއް ވެސް ނެތް. އަޅުގަނޑުމެން ތަހުގީގުތަކަށް ހާޒިރު ވެސް ވިން. އެ މަނިކުފާނާ ގުޅޭ ގޮތެއް ވެސް ނެތް. އެހެންނަމަވެސް އޭގެ ބޭނުމެއް އެބައޮތް. އެ ބޭނުމަކީ. ރާއްޖޭގެ ރައްޔިތުންނަށް ދައްކަން ވަކި މީހެއް ބަދުނާމުކުރުމަށް ޓަކައި ވަރަށް ބައިވަރު ކަންތައްތަކެއް އެބަ ހުއްޓޭ،" ޖަމީލް ވިދާޅުވިއެވެ.
އެއާއެކު ޖަމީލްވަނީ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަކީ "ސަރުކާރުގެ ޕްރޮސެކިއުޓާ ޖެނެރަލް"އެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.
އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަހަރުގެ އޭޕްރީލް 19ގައިއެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ ހައި ކޯޓުން ދެމެހެއްޓި ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށް ނިންމައިފައެވެ.