ރާއްޖޭގައި ވެރިކަން ހޯދެނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓު ލިބިގެން: ނަޝީދު

ފެބްރުއަރީ 1 ،2020: އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮންމެ ސަރުކާރަކަށްވެސް ބާރުތަކާއި ވެރިކަން ހޯދެނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓު ލިބިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑީއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ ފެހި ގާނޫނު އަސާސީ ވުޖޫދުވި ފަހުން ބޭއްވި ތިން އިންތިހާބުގެ ތެރެއިން ކޮންމެ ފަހަރަކުވެސް ކާމިޔާބުވާ ބަޔަކު ކާމިޔާބުވަނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓު ލިބިގެން ކަމަށެވެ.

"އެމްޑީޕީ ވަނީ ދެ ފަހަރު ކާމިޔާބު ހޯދައިފަ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު. ރައީސް ޔާމީން ކާމިޔާބު ހޯއްދެވީ 2013 ވަނަ އަހަރު. މި ތިން ކާމިޔާބީވެސް ހޯދޭނީ ހަމަ ހަރުކަށި ފިކުރުގެ މީހުުންގެ ވޯޓާވެސްއެކު," ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން ރުއްސާ އެމީހުންގެ ވޯޓުގެ ބޭނުމުގައި އުޅޭ ނަމަ ގައުމުގެ މިސްރާބު ބިރުވެރި މަގަކަށް އެޅިގެން ހިނގައިދާނެކަމަށެވެ. އަދި އަފްޣާނިސްތާން ފަދަ ގައުމަކަށް ރާއްޖެ ބަދަލުވުމުގެ ބިރު އޮންނާނެކަމަށެވެ.

ރައީސް ނަޝީދު އެ ނޫހަށް ވަނީ އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އަދި އެއީ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

އެހެން ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ބައިބައިވެގެން ދާތަން ބަލަން އެމަނިކުފާނު ބޭނުންފުޅުނުވާކަމަށެވެ.

"އަޅުގަނޑު ހުރި ހާ ދުވަހަކު އެކަން ވިޔަ ނުދޭނަން." އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ޕީޕީއެމާއެކު މަސައްކަތް ކުރެވިދާނެކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު އިންޑިއާގެ "ދަ ހިންދޫ"އަށް އިންޓަވިއުއެއް ދެއްވާފައިމިވަނީ މިދިޔަ ހޮނިހިރު ދުވަހު އެމަނިކުފާނު އިނގިރޭސި ބަހުން ބަޔާނެއް ނެރުއްވައި, ސަރުކާރާ ދޭތެރޭގައި ހުރި ހިތްހަމަނުޖެހުންތަކެއް ތިލަކުރެއްވި ފަހުންނެވެ.

comment ކޮމެންޓް