ތާލިބާނުން މައިތިރި ކުރުމަށް އަފްޣާން އާންމުން ހަތިޔާރު ހިފައިގެން ނުކުންނަނީ

އަފްޣާން އާންމުން

ކާބުލް (ޖުލައި 03): އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅުގެ ފައިދާ ނަގައިގެން ތާލިބާނުން އަފްޣާނިސްތާނުގެ ގިނަ ސަރަހައްދުތަކެއް ހިފައި އެޖަމާއަތުގެ ބާރުގެ ދަށަށް ގެންނާތީ އެގައުމުގެ އާންމުންގެ އެތަށް ލައްކަ ބަޔަކު ހަތިޔާރު ހިފައިގެން ތަލިބާނުންނާ ދެކޮޅަށް ތެދުވުމަށް ތައްޔަރުވަމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އަފްޣާނިސްތާނަށް ގަދަބާރުން އަރައި އަފްޣާން އާންމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގި އެމެރިކާ ސިފައިންނާ ދެކޮޅަށް ދެކޮޅަށް ތާލިބާނުން ކުރި މިނިވަންކަމުގެ ޖިހާދަށް އަފްޣާނިސްތާން އާންމުންގެ ތާއީދު ލިބުނު ނަމަވެސް ދީނުގެ ނަމުގައި ހަރުކަށި ގޮތްތަކެއް ގެންގުޅޭ ތާލިބާން ޖަމާއަތަށް އަފްޣާން އާންމުންގެ ގިނަބަޔަކު ނަފްރަތުކުރެއެވެ. ޚާއްސަކޮށް އިންތިޚާބަކާ ނުލައި ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އަތްގަދަކުރުމަށާއި އެމީހުން އިސްލާމްދީނުގެ ނަމުގައި ގެންގުޅޭ ހަރުކަށި އުސޫލުތައް އަފްޣާން އާންމުންގެ ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

އެހެންކަމުން އެމެރިކާގެ އިސްތިއުމާރީ ސިފައިން އަފްޣާނިސްތާނުން ފައިބަމުންދާ މިދަނޑިވަޅުގެ ފައިދާ ނަގައިގެން ތާލިބާނުން އަފްޣާނިސްތާނުގެ ގިނަ ސަރަހައްދުތަކެއް ހިފައި ވެރިކަމަށް ގަދަބާރުން އަތްގަދަކުރުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓުވުމަށްޓަކައި އަފްޣާން އާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނު ހަދައި ހަތިޔާރު ބޭނުންކުރުމަށް ތައްޔާރުވަމުންދާކަމަށް އަފްޣާން މީޑިއާ ބުނެއެވެ.

ތާލިބާނުން

މިގޮތުން އަފްޣާން ރަށްތަކާއި އަވަށްތައް ހިފައި އާންމުންނާ ޙަމަލާދީ އަނިޔާވެރިކަން ކުރިޔަށް ނެރެ ދީނުގެ ނަމުގައި އަންހެނުންނާ މެދު ތާލިބާނުން ގެންގުޅޭ އިހާނެތި ގޮތްގޮތަށް ތަންފީޒުކޮށް ޣަނީމާގެ ގޮތުގައި އާންމުންގެ މުދާ ފޭރިގަންނަމުން ގެންދާނަމަ އެ ޖަމާޢަތާ ދެކޮޅަށް އާންމުންގެ އެތަށް ލައްކަބަޔަކު ހަތިޔާރާއެކު ނުކުންނަން ތައްޔާރުކަމަށް އަފްޣާން މީޑިއާ ބުނެއެވެ. ތާލިބާނުންނާ ދެކޮޅަށް ހަތިޔާރު ހިފައިގެން އަފްޣާން ޢާންމުން ނުކުމެއްޖެނަމަ އަފްޣާނިސްތާނުގައި ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު އަފްޣާން ބައެއް މުހައްލިލުންނާއި ތިންކް ޓޭންކުންވަނީ ދީފައެވެ.

އެމެރިކާ ސިފައިން ތާލިބާނުން ބަލިކުރުމަށް 20 އަހަރުވަންދެން ކުރި ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ނާކާމިޔާބުވެ ތާލިބާނުން ބަލިކުރުމަށް އެމެރިކާ ނުކުޅެދުމުން އެމެރިކާވަނީ ތާލިބާނުންނާ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށް އަންނަ ސެޕްޓެމްބަރު މަހުގެ 11 ގެ ކުރިން އަފްޣާނިސްތާނުން ފޭބުމަށް ނިންމާފައެވެ. މިއާއެކު މިދިޔަ ހަފްތާގެ ނިޔަލަށް އެމެރިކާއާއި ނޭޓޯގެ ސިފައިންގެ ގާތްގަނޑަކަށް 97 އިންސައްތަ މީހުން އަފްޣާނިސްތާނުންވަނީ ފައިބާފައެވެ.

އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން 20 އަހަރުވަންދެން މަރުކަޒުކޮށްގެން އޮތް އަފްޣާން ބާގްރާމް ވައިގެ ބޭސް އިންވެސް އެމެރިކާ ސިފައިން ފާބައި އެ ބޭސް އިއްޔެވަނީ އަފްޣާން ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފައެވެ. އެމެރިކާ ސިފައިން ފޭބުމަށްފަހު އަށެއްކަ މަސްތެރޭގައި ތާލިބާނުން އެމެރިކާގެ މަދަދު ލިބޭ އަފްޣާން ސަރުކާރު ވައްޓާލައި އެގައުމުގެ ވެރިކަން ގަދަބާރުން އަތުލައިގަންނާނެކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އަފްޣާން އާންމުން ހަތިޔާރާއެކު ތާލިބާނުންނާ ދެކޮޅަށް ނުކުމެއްޖެނަމަ ތާލިބާނުންނަށް މި މަގްސަދު ހާސިލުނުކުރެވި އަފްޣާނިސްތާނުގައި ހިނގާނީ ލޭ އޮހޮރުވުންބޮޑު ދާޚިލީ ހަނގުރާމައެއް ކަމަށް ވަނީ ބެލެވިފައެވެ.

އަނިޔާވެރިކަމުގައި ތާލިބާނުންނަކީވެސް އެމެރިކާ ސިފައިންނާ ދާދި އެއްގޮތް ބައެކެވެ. އެމެރިކާ ސިފައިންވެސް ވަނީ އަފްޣާން އާންމުންގެ އެތަށް ލައްކަ ބަޔަކު އެއްވެސް ރަހުމެއްނެތި މަރާލާފައެވެ. ތާލިބާނުން އަފްޣާން އާންމުން މަރަނީ ބޮން ގޮއްވައިގެންނެވެ. އެމެރިކާއިން އަފްޣާން އާންމުން މަރަނީ ބޮންއަޅައިގެންނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރަ ފަތާތްތަކުން ސިފަކުރާގޮތުގައި އެމެރިކާ ސިފައިންނާއި އެމެރިކާގެ ވެރިންނާއި ތާލިބާން ހަނގުރާމަވެރިންނާއި އެމީހުންގެ ލީޑަރުންނަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރުކުރަންޖެހޭ ހަނގުރާމައިގެ މުޖްރިމުން ނުވަތަ "ވޯ ކްރިމިނަލްސް"އެވެ.

comment ކޮމެންޓް