އަޅުގަނޑުގެ މައްސަލަ ބަލަންޏާ، ހުކުމް އިއްވި ގާޒީގެ މައްސަލަ ވެސް ބަލަންޖެހޭ: މުހުތާޒު

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

ރާއްޖޭގެ މައި އެއާޕޯޓުގައި މުޒާހަރާކުރުމުން ދައުވާ ކުރި ކަމަށްޓަކައި އޭނާގެ މައްސަލަ ބަލަންޏާ އެ މައްސަލާގައި ހުކުމް އިއްވި ގާޒީގެ މައްސަލަ ވެސް ބަލަންޖެހޭ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ތެރޭގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްޑީޕީން ކުރި މުޒަހަރާގެ ބައިވެރިންނަށް ދައުވާ ކުރިކަމަށްޓަކައި އޭރުގެ ޕީޖީ މުހުތާޒުގެ މައްސަލަ މިހާރު ވަނީ އިންތިގާލީ އިންސާފުގެ އޮމްބަޑުސް ޕާސަންގެ އޮފީހަށް ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން މުހުތާޒު "ސަން" އަށް ވިދާޅުވީ ފަރުދީގޮތުން އެކަމާ ގުޅޭގޮތުން ދަންނަވާނެ އެއްޗެއް ނެތް ކަމަށާއި އެއީ ފަރުދީގޮތުން ޒިންމާ ނަގަންޖެހޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ޝަރުއީ މަރުހަލާ ނިމިފަ އެއޮތީ. ކޯޓުތަކުންތާ އެއަށް ގޮތެއް ނިންމާނީ. ހައްގުން ވިޔަސް ނުހައްގުން ވިޔަސް ނިންމަނީ ކޯޓުންނެއް ނޫންތޯ؟ ދެން އެ ބޭފުޅުންގެ ހައްގަށް އުނިކަމެއް އަންނަ ކަމެއް ދިމާވެފަ އޮތިއްޔާ މައްސަލަ ބަލަން ތަނަކަށް ހުށަހެޅިދާނެ. ޕްރޮސެކިއުޓާ ޖެނެރަލް އަށް ހުންނަ މީހަކު ޕާސަނަލީ އެއްވެސް މީހެއްގެ މައްޗަށް ކޮށްފަ ހުރި ދައުވާތަކެއް ނުހުންނާނެ. ހުންނާނީ އޮފީހުގައި ހުންނަ އުސޫލުގެ ތެރެއިން ކޮށްފަ ހުރި ދައުވާތަކެއް،" މުހުތާޒް ވިދާޅުވިއެވެ.

މުހްތާޒް ވިދާޅުވީ، އެ ދައުވާތަކާ ގުޅިގެން އޮމްބަޑްސްޕާސަން އޮފީހުގެ މިންގަނޑުގެ ތެރެއިން ބެލޭނެ ކަމެއް އޮތިއްޔާ އެކަމެއް ބަލަންވީ ކަމަށެވެ.

"އެބޭފުުން ހައްގުގެ ވާހަކަ އެ ކިޔަނީ މުޒާހަރާ ކުރީމަ. މުޒާހަރާ ކުރުމުގެ ހައްގުގެ ވާހަކަ އެ ކިޔަނީ. އެބޭފުޅުންނަށް އޭގެ ސަބަބުން ލިބުނު އަނެއްކަހަލަ އެއްޗެއްގެ ވާހަކައެއް ނޫން. އަޅުގަނޑަށް ހީވަނީ، ހަނދާން ވާ ގޮތުން، ބަންދަށް ވެސް ލީ ޕްރޮސެކިއުޓާ ޖެނެރަލް އެއް ނޫން. ބަންދަށް ލީ ކޯޓުން. ދެން ގާޒީތާ މައާފަށް އެދެން ޖެހޭނީ ތީގެ." މުހުތާޒް ވިދާޅުވިއެވެ.

މުހުތާޒު ވިދާޅުވިގޮތުގައި ހައްގަށް އުނިކަމެއް އަންނަކަމަށް ބުނެވޭނީ އެކަމާ ގުޅިގެން ބަންދުކޮށްފައިވާނަމަ ކަމަށެވެ. ބަންދުގައި ބަހައްޓާ މަރުހަލާގައި ޕީޖީ ކިރާނެ ކަމެއް ނޯންނާނެ ކަމަށް ވެސް މުހުތާޒު ވިދާޅުވި އެވެ.

"އެހެންވިއްޔާ މައްސަލަ ބެލި ގާޒީވެސް މައާފަށް އެދެން އެބަ ޖެހޭ. ހުކުމް ކުރި ގާޒީއާ. ހަމައެކަނި ތަހުގީގު ކުރި މީހުންވެސް،" މުހުތާޒް ވިދާޅުވިއެވެ.

އެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދާއި، ހ. ވެޔޮވިލާ، ޝަފިއްޔާ ޒުބައިރާއި، ސ. ހުޅުދޫ، ކަޅުމަގިގޭ މަރިޔަމް ޒުބައިރު (މަންދީ) އާއި ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކެވެ.

އެ މީހުންނަށް ވަނީ އެ މައްސަލާގައި ހުކުމް އިއްވާފައެވެ.

އޮމްބަޑްސް ޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ އެ މައްސަލާގައި ދައުވާ ކުރުމަށްޓަކައި މައާފަށް އެދުމަށް މުހުތާޒަށް އެންގުމަށެވެ. އަދި އެ މައްސަލަ އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންގުމަށް ވެސް އެދިފައިވެއެވެ.

ހަމައެހެންމެ ކުށުގެ ރެކޯޑުން އެ މައްސަލަ އުނިކޮށްދިނުމަށް ވެސް އެ މީހުން އެދިފައިވެއެވެ.

ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެ މައްސަލާގައި އެމީހުންނަށް ހުކުމް އިއްވުމަކީ ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ހިންގި އަމަލެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގަތުން ކަމަށެވެ.

މީގެއިތުރުން ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް ވެސް އެ މައްސަލައިގައިވެއެވެ.

comment ކޮމެންޓް