ފިނޭންސް މިނިސްޓަރަށް ލަފާދެއްވާ އިކޮނޮމިސްޓު މަސައްކަތް ކުރައްވަނީ ހިލޭސާބަހަށް

ޑޜ. ޝަންތާ ދޭވަރާޖަން.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ލަފާއެރުވުމަށް މި އަހަރުގެ މޭ މަހުގެ ތެރޭގައި އައްޔަނު ކުރި ބައިނަލްއަގްވާމީ އެޑްވައިޒަރު މަސައްކަތްކޮށްދެއްވަނީ ހިލޭ ކަމަށާއި ދައުލަތުން އޭނާއަށް އެއްވެސް ހަރަދެއް ނުކުރާނެކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފި އެވެ.

ވޯލްޑް ބޭންކުގެ އެކްޓިންގް ޗީފް އިކޮނޮމިސްޓް އަދި ޑެވެލޮޕްމެންޓް އިކޮނޮމިކްސްގެ ސީނިއާ ޑިރެކްޓަރުގެ މަގާމްވެސް އަދާކޮށްފައިވާ ތަޖުރިބާކާރު އިކޮނޮމިސްޓު ޑރ. ޝަންތާ ދޭވަރާޖަން ފިނޭންސް މިނިސްޓަރުގެ ބައިނަލްއަގްވާމީ އެޑްވައިޒަރަކަށް އައްޔަނުކުރިކަން މިނިސްޓްރީއިން އިއުލާންކުރީ މިދިޔަ މޭ މަހުގެ 27 ވަނަ ދުވަހު އެވެ.

ޑރ. ދޭވަރާޖަން އެ މަގާމުގައި ހުންނަވައިގެން ކުރައވްާ މަސައްކަތަށް ސަރުކާރުން މުސާރައެއް ދޭތޯ އަދި އެއީ ކިހާވަރެއްތޯ 'ސަން' އިން ސުވާލުކުރުމުން ފިނޭންސް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް މިއަދު ވިދާޅުވީ އެބޭފުޅާ މަސައްކަތްކޮށްދެއްވަނީ ހިލޭ ސާބަހަށް ކަމަށާއި އަދި ދައުލަތުން އެއްވެސް ހަރަދެއް ޑރ. ދޭވަރާޖަންއަށް ކުރަން ނުޖެހޭކަމަށެވެ.

ޑރ. ދޭވަރާޖަންއަކީ ޖޯޖްޓައުން ޔުނިވާސިޓީގެ ޕްރެކްޓިސް އޮފް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ޕްރޮފެސަރެކެވެ. މީގެ ކުރިން، ވޯލްޑް ބޭންކްގެ މިޑްލް އީސްޓް، ނޯތު އެފްރިކާ އަދި ސައުތު އޭޝިއާ ސަރަހައްދުތަކުގެ ޗީފް އިކޮނޮމިސްޓްގެ މަގާމުގެ އިތުރުން، 2004 ގެ ވޯލްޑް ޑިވެލޮޕްމަންޓް ރިޕޯޓުގައިވެސް މަސައްކަތް ކުރައްވާފައި ވެއެވެ. އަދި 1991 ވަނަ އަހަރާއި ހަމައަށް، ޑރ. ދޭވަރާޖަން ވަނީ ހާވާޑް ޔުނިވާސިޓީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ފިނޭންސް މިނިސްޓަރަށް ލަފާ އަރުވާ ބައިނަލްއަގުވާމީ އެޑްވައިޒަރުގެ ގޮތުގައި ޑރ. ދޭވަރާޖަން މައިގަނޑު ގޮތެއްގައި މަސައްކަތްކުރައްވާނީ ބައިނަލްއަގްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށް އަދި ކޮވިޑް-19 ގެ ޕެންޑަމިކް ހާލަތުން އަރައިގަނެ، އިގުތިސާދު އަލުން އާރާސްތުކޮށް އަދި އެފަދަ ކަންކަމުން ކުރިޔަށް އޮތްތަނުގައި ރައްކާތެރިކުރެވިފައިވާ އިގްތިސާދެއް ބިނާކުރުމަށް އިރުޝާދާއި ލަފާ ދިނުމުގަ އެވެ.

މީގެ ކުރިން ސަރުކާރުގެ ބައެއް ވުޒާރާތަކަށް އައްޔަނުކުރާ ބޭރުގެ އެޑްވައިޒަރުން، ކޮންސަލްޓެންޓުން އަދި ތަޖުރިބާކާރުންނަށް އާދަޔާހިލާފު ބޮޑެތި މުސާރަތަކެއް ހަމަޖައްސާކަމުގެ ޝަކުވާތަކެއް ވަނީ ކުރެވިފަ އެވެ.

comment ކޮމެންޓް