ރައީސް ނަޝީދަކީ ހައިރިސްކް ބޭފުޅެއް، ދިނީ ވަރުގަދަ ސެކިއުރިޓީއެއް: ޝަމާލް

ޗީފް އޮފް ޑިފެންސް، ޝަމްއާލް. --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް އެމްއެންޑީއެފް އިން ފޯރުކޮށްދިނީ ވަރުގަދަ ސެކިޔުރިޓީ އެއް ކަމަށް ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން މިރޭ ދިފާއީ ބާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ޝަމާލް ވިދާޅުވީ އެފަދަ އަމަލުތައް ކުރާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށާއި އެފަދަ އަމަލުތައް ހުއްޓުވުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ޝަމާލް ވިދާޅުވީ ރޭ، އެހެން ރަށެއްގައި އޮތް ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ނަޝީދު ގެއިން ނިކުމެ ވަޑައިގަތީ 8:25 ހާއިރު ކަމަށާއި އޭރު އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގެ ސީޕީ ޓީމް އެމަނިކުފާނު އަރިހުގައި ތިއްބެވި ކަމަށެވެ. އެމަނިކުފާނުގެެ ކުރީގައި ސީޕީ ޓީމުގެ އެޖެންޓަކު ހުރި ކަމަށާއި ފަހަތުގައި، ދޮޅު ފޫޓެއްހައި ހިސާބުގައި ޕާސަނަލް ބޮޑީގާޑުންގެ ޓީމުގެ އެންމެ އިސް އޮފިސަރު ހުންނެވި ކަމަށެވެ.

"ރައީސް ނަޝީދަކީ ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ޕްރޮޓެކްޝަން އަދި ޑިފެންސް އިންޓެލިޖެންސް ސާވިސް އާ އެކީގައި ގުޅިގެން ހަދާފައިވާ އެސެސްމެންޓުތަކުގެ އަލީގައި އެންމެ ސެކިޔުރިޓީ މަތީ ލެވެލްގައ ނުވަތަ ހައި ރިސްކުގައި ހިމެނޭ ބޭފުޅެއް. އަދި އެބޭފުޅާ އާ ގުޅޭ އިންޓެލިޖެންސް އިންޕުޓް އަކީ އަބަދުހެން އަންނަ އިންޕުޓެއް. އެބޭފުޅާ އަކީ ހައިރިސްކު ބޭފުޅެއް ކަމާ އެބޭފުޅާ އާ ދެން ގުޅުންހުރި، ކަންތަކާ ގުޅުންހުރި މައުލޫމާތު އަޅުގަނޑުމެންނަށް އަބަދުހެން ލިބޭ،" ޝަމާލް ވިދާޅުވިއެވެ.

"އެ މައުލޫމާތު ލިބިގެން އެކަމާ ގުޅުންހުރި ގިނަ ފިޔަވަޅުތަކެއްވެސް ހަގީގަތުގައި ގެނެވެމުން ދަނީ. އެންމެ ފުރަތަމަވެސް ސެކިޔުރިޓީ އެންހޭންސްމެންޓް ޕްލޭނެއްގެ ދަށުން އެބޭފުޅާގެ ސެކިޔުރިޓީ އެންހޭންސް ކުރެވިފައި ވަނީ،" ޝަމާލް ވިދާޅުވި އެވެ.

ސީޕީ ޓީމުގެ ކެޕޭސިޓީ ވަރުގަދަކޮށް އަދަދު ގިނަކޮށް، ހަނގުރާމަ ވެރި ހަތިޔާރާއެކު ސީޕީ ޓީމު ރައީސް ނަޝީދާއެކު ހަރަކާތްތެރިވާ ކަމަށާއި ރައީސް ނަޝީދު ވަޑައިގަންވާ ތަންތަނަށް އެޑްވާންސް ޓީމުތައް ގޮސް، ކުރަންޖެހޭ ސްކްރީންތަކާއި ސެނިޓައިޒޭޝަން ހަދާ ކަމަށެވެ.

"އިއްޔެގެ ހާލަތުގައިވެސް ރަށުން ބޭރަށް ވަޑައިގަންނަވާތީ ފާލަން ކައިރީ ތިބި އެޑްވާންސް ޕާޓީގެ ބަޔަކު. އެއާއެކީގައި އެ ވަޑައިގަންނަވާ ރަށަށް ވެސް ޓީމެއް ފޮނުވިފައި އޮތީ. އެކި ލޭޔާ ތަކުގައި ސެކިޔުރިޓީ ފަށަލަތައް ގާއިމް ކުރެވި އެމަނިކުފާނަށް ސެކިޔުރިޓީ ދެވެމުން ދިޔައީ،" ޝަމާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޓެލިޖެންސް އިން ލިބޭ މައުލޫމާތަށް ބަރޯސާވެ. އެކި ނޒާމުތައް ރާވާ ކަމަށެވެ. އިއްޔެ ތިން ހަމަލާ އަކީ އައިއީޑީ ހަމަލާއަކަސް، ޖާނުން ފިދާވެގެން ދިން ހަމަލާއެއް ވިޔަސް ގިނަ ގޮންޖެހުންތަކެއް އޮންނަ ފަދަ ކަމެއް ކަމަށެވެ. އެއީ ސަލާމަތީ ގޮތުން ފުންނާބުއުސް ގައުމުތަކުގައިވެސް ހިނގާ ކަމެއް ކަމަށާއި ނަމަވެސް އެފަދަ ކަމަކާ ގުޅިގެން ކުރިއަށް އޮތްތަނުގައި ޕްރޮޓޮކޯލަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

އިއްޔެގެ ހާދިސާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސް އަށް ނުލިބޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ. ނަމަވެސް ޝަމާލް މިރޭ ވިދާޅުވީ ނީލޯފަރު ހިނގުމުގައި ސައިކަލު ޕާކުކޮށްފައި ހުންނާތީ އެއީ ސެކިޔުރިޓީ ތްރެޓެއްގެ ގޮތުގައި ދެކި އެ މަގުގައި ޕާކު ނުކުރެވޭ ގޮތަށް ހެދުމަށް އެދިފައިވާނެ ކަމަށެވެ.

ރޭގެ ހާދިސާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެމުވުމަށް ރައީސް ނަޝީދު އޮންނެވީ އޭޑީކޭގައެވެ. އެމަނިކުފާނުގެ ގިނަ ސާޖަރިތަކެެއް ހަދާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

comment ކޮމެންޓް