މިދިޔަ އަހަރު އެޗްއާރްސީއެމްއިން 308 މައްސަލައެއް ނިންމާފައިވޭ

މިއަދު ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެޗްއާރްސީއެމް

މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން އިންސާނީ ހައްގުތަކާ ގުޅުންހުރި 308 މައްސަލައެއް ބަލައި ނިންމައިފި އެވެ.

މިއަދު އާންމު ކުރި އެޗްއާރްސީއެމްގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، 2020 ވަނަ އަހަރު އެ ކޮމިޝަނުން އިސް ނަގައިގެން 157 މައްސަލައެއް ބަލާފައިވެ އެވެ. އަދި އެ ކޮމިޝަނަށް އެހެން ފަރާތްތަކުން 510 މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުގައި ރަޖިސްޓްރީ ކުރީ 627 މައްސަލަ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 69 މައްސަލަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު އެންމެ ގިނައިން އެޗްއާރްސީއެމްގައި ރަޖިސްޓްރީ ކުރީ ޖަލުތަކުގެ ސިއްހީ މައްސަލަތަކާއި ޖަލުތަކުގައި ދިމާވާ އެހެނިހެން މައްސަލަތަކެވެ.

މިދިޔަ އަހަރު އެޗްއާރްސީއެމްގައި ރަޖިސްޓްރީ ކުރި މައްސަލަތައް:

  • ސިއްހީ ހިދުމަތް ލިބުމާ ގުޅޭ 141 މައްސަލަ
  • އާއިލާ ބިނާކުރުމުގެ ހައްގާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި 75 މައްސަލަ
  • އުނގެނުމުގެ ހައްގާ ގުޅުންހުރި ތިން މައްސަލަ
  • އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކާ ގުޅޭ 15 މައްސަލަ
  • ލާއިންސާނީ އަނިޔާއާ ގުޅުންހުރި 54 މައްސަލަ
  • ބޯހިޔާވަހިކަމާ ގުޅުންހުރި 16 މައްސަލަ
  • ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކާ ގުޅުންހުރި 11 މައްސަލަ
  • އިގުތިސާދީ އިޖުތިމާއީ ހައްގުތަކާ ގުޅުންހުރި 56 މައްސަލަ
  • މަސައްކަތް ކުރުމުގެ ހައްގާ ގުޅުންހުރި 102 މައްސަލަ
  • ޝަރުއީ ދާއިރާގެ ހައްގުތަކާ ގުޅުންހުރި 32 މައްސަލަ
  • ގައިދީންގެ ހައްގުތަކާ ގުޅުންހުރި 90 މައްސަލަ
  • ބަންދު ކުރެވޭ ފަރާތްތަކުގެ ހައްގުތަކާ ގުޅުންހުރި 35 މައްސަލަ

މިދިޔަ އަހަރުގެ ތެރޭގައި އެޗްއާރްސީއެމްއިން 308 މައްސަލަ ބަލައި ނިންމާފައިވެ އެވެ. އޭގެ ތެރޭގައިި ހިމެނެނީ 2020 ވަނަ އަހަރުގެ 195 މައްސަލައާއި، 2019 ވަނަ އަހަރުގެ 99 މައްސަލާއާއި، 2018 ވަނަ އަހަރުގެ 12 މައްސަލައާއި، 2017 ވަނަ އަހަރުގެ މައްސަލައަކާއި 2015 ވަނަ އަހަރުގެ މައްސަލައެކެވެ.

ކޮމިޝަނުން މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން 62 މައްސަލައެއް ހައްލުވެފައިވެ އެވެ. އަދި 66 މައްސަލައެއް ބަލައި ހައްގެއް ގެއްލިފައި ނުވާ ކަމަށް ނިންމާފައިވެ އެވެ.

އެޗްއާރްސީއެމްއިން 2020 ވަނަ އަހަރު މައްސަލަތައް ނިންމި ގޮތުގެ ތަފްސީލު އަހަރީ ރިޕޯޓުން --

މިހާރު އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ އަދަދަކީ 557 އެވެ. އޭގެ ތެރޭގައި ގިނައީ 2020 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ނުނިމި ހުރި މައްސަލަތަކެވެ.

އަހަރީ ރިޕޯޓު އާންމު ކުރުމާ ގުޅިގެން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ މެމްބަރު ޑރ. އަހްމަދު އަދުހަމް އަބްދުﷲ ވިދާޅުވީ، 2019 ވަނަ އަހަރާ އަޅާ ބަލާއިރު 2020 ވަނަ އަހަރު އެ ކޮމިޝަނަށް ހުށަހެޅުނު ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް 53 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް 205 ޕަސެންޓު އިތުރުވެފައިވެ އެވެ. ބިދޭސީ މައްސަކަތްތެރިންގެ މައްސަލަތައް 61 ޕަސެންޓު އިތުރުވެފައިވާއިރު އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާގެ މައްސަލަތައް ވަނީ 211 ޕަސެންޓު އިތުރުވެފައިވެ އެވެ. އަދި 2018 ވަނަ އަހަރާއި 2019 ވަނަ އަހަރަށް ބަލާއިރު، ޝަރީއަތްތައް ލަސްވެގެން ހުށަހެޅޭ މައްސަލަތައް 257 ޕަސެންޓު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަދުހަމް ވިދާޅުވި ގޮތުގައި، އުމުރުން ދުވަސްވީ މީހުންގެ މައްސަލަތައް 2018 ވަނަ އަހަރާ އަޅާބަލާއިރު 2019 ވަނަ އަހަރު އިތުރުވި ނަމަވެސް 2020 ވަނަ އަހަރު އެފަދަ މައްސަލަތައް މަދުވެފައިވެ އެވެ.

ޑރ. އަދުހަމް ވިދާޅުވީ، މިހާރުގެ ދައުރަށް ކޮމިޝަނުގެ ސްޓްރެޓަޖިކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ ޕްލޭނުގައި ސަލާމުކަން ދެނީ މައިގަނޑު ތިން ކަމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ނިޒާމް ރިފޯމް ކުރުމާއި، ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ހިއުމަން ރައިޓްސް އިންސްޓިޓިއުޝަނަކަށް އެޗްއާރްސީއެމް ހެދުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމާއި، އޯގަނައިޒޭޝަނަލް އެކްސެލެންސް ހާސިލު ކުރުން ނުވަތަ މުއައްސަސާ އެންމެ ފުރިހަމައަށް ހިންގޭ ތަނަކަށް ހެދުމެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ހާސިލު ކުރެވުނު މުހިންމު ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ދޫނިދޫ ކަސްޓޯޑިއަލްގައި ސާފު ފެން ފޯރުނުކޮށްދީ ހުރި މައްސަލައަށް ހައްލެއް ގެނައިކަން މެމްބަރު މަރިޔަމް މުނާ ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް