އެޗްއާރްސީއެމްއިން 263 ވޯޓުލާ މަރުކަޒެއް އޮބްޒާވްކުރާނެ

ރައްޔިތުންގެ މަޖިލިސް 2024: ޖުމްލަ ވޯޓުލާ 263 މަރުކަޒެއް އޮބްޒާވްކުރާނެ ކަމަށް އެޗްއާރްސީއެމްއިން ބުނި -- ފޮޓޯ/ މޫސާ ނަދީމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ 263 މަރުކަޒެއް އޮބްޒާވްކުރާނެ ކަމަށް ބުނެފިއެވެ.

އެޗްއާރްސީއެމްއިން އެކްސްގައި ބުނީ މާލެ ސަރަހައްދުގެ އިތުރުން 18 އަތޮޅެއްގެ 35 ރަށަކާއި އެއް ޖަލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެއް އޮބްޒާވް ކުރުމަށް އެ ކޮމިޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 168 އަދި އަތޮޅުތެރޭގެ 93 މަރުކަޒު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން އެޗްއާރްސީއެމްއިން ބުނީ މެދުކެނޑުމެއްނެތި ހެނދުނު 06:30 ފެށިގެން ވޯޓުލާ 40 މަރުކަޒެއްގައި ނަތީޖާ އިއުލާންކޮށް ނިމުމާ ހަމަޔަށް އެ ކޮމިޝަނުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އެއީ އަތޮޅުތެރޭގެ 23 މަރުކަޒަކާއި، މާލެ ސަރަހައްދުގެ 16 މަރުކަޒަކާއި މާފުށީ ޖަލުގައި ބަހައްޓާފައިވާ ވޯޓު މަރުކަޒު ވެސް ހިމެނޭގޮތަށް ކަމަށް ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން، އެކިއެކި ވަގުތުތަކުގައި މަރުކަޒުތަކަށް ޒިޔާރަތްކޮށްގެން އަތޮޅުތެރޭގެ 70 މަރުކަޒަކާއި މާލެ ސަރަހައްދުގެ 152 މަރުކަޒަކާއި މާފުށީ ޖަލު ހިމެނޭގޮތަށް 223 މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ވެސް އޮބްޒާވް ކުރަމުންގެންދާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެޗްއާރްސީއެމްއިން ބުނީ ވޯޓުލާ މަރުކަޒުތައް އޮބްޒާވް ކުރުމުގައި އެކިރަށްރަށުން ނަގާފައިވާ 25 ލޯންގް ޓާމް އޮބްޒާވަރުންނާއި އެ ކޮމިޝަންގެ 73 މުވައްޒަފެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ހެނދުނު 8:00 ޖެހުމާއެކު ފެށިގެން ކުރިއަށްދާއިރު، ވޯޓުލާ ކިއޫތައް ހަވީރު 5:30 ވުމާ އެކު ބަންދުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ވޯޓުލުމަށް އިތުރު ވަގުތެއް ނުދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 284,663 މީހުންނަށެވެ. އަދި، ރާއްޖެއާއި ރާއްޖޭން ބޭރުގެ ބައެއް ގައުމުތައް ހިމެނޭހެން ޖުމުލަ 602 ވޯޓުފޮށި ބަހައްޓާފައިވެއެވެ.

comment ކޮމެންޓް