ގަޑިއަށް ވޯޓުލާން ފެށުނީ 77 ޕަސެންޓް މަރުކަޒުގައި: އެޗްއާރުސީއެމް

މަޖިލިސް އިންތިޚާބުގައި މީހަކު ވޯޓުލަނީ: މިއަދު ގަޑިއަށް ވޯޓުލުން ފެށުނީ 77 ޕަސެންޓު މަރުކަޒުގައި ކަމަށް އެޗްއާރުސީއެމުން ބުނި -- ސަން ފޮޓޯ/ މޫސާ ނަދީމް

މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވޯޓުލުން 8:00 ޖެހިއިރު ފެށުނީ 77 ޕަސެންޓް މަރުކަޒެއްގައި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

އެޗްއާރުސީއެމްއިން ކުރި ޕޯސްޓެއްގައި ބުނީ އިންތިޚާބުގެ ވޯޓުލުން އޮބްޒާވް ކުރުމުގެ ތެރެއިން ބައެއް ކަންތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބަލާއިރު، ކަނޑައެޅިފައިވާ ވަގުތުގައި ވޯޓުލާން ނުފެށި ލަސްވީ އޮފިޝަލުން ވާން ޖެހޭ ތައްޔާރީތަކަށް ލަސްތަކެއް ދިމާވުމުން ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އެންމެ ލަހުން ވޯޓުލާން ފެށީ ހެނދުނު 8:35 ގައި ކަމަށް އޮބްޒާވް ކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން، ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓުލާ މަރުކަޒު ފާހަގަވާ ގޮތަށް ދާންވާ މަގު އަންގައިދިނުމަށް އިންތިޒާމްތައް ހަމަޖައްސާދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ޕޯސްޓުގައިވެއެވެ.

އޭގެއިތުރުން، އެޗްއާރުސީއެމުން ވަނީ ވޯޓުލުމުގެ ކަންތައް ވަރަށް އަމާންކަމާއެކު ކުރިއަށްދާ ކަމާއި މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައިނުވާކަން ފާހަގަކޮށްފައެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 284,663 މީހުންނަށެވެ. އަދި، ރާއްޖެއާއި ރާއްޖޭން ބޭރުގެ ބައެއް ގައުމުތައް ހިމެނޭހެން ޖުމުލަ 602 ވޯޓުފޮށި ބަހައްޓާފައިވެއެވެ.

comment ކޮމެންޓް