ދިވެހީން ޖަހަން ބޭނުންވާ ޖަމްޕު ޖެހޭނީ އެމްޑީޕީއާއެކު: މަޖިލީސް ރައީސް ނަޝީދު

ފެބްރުއަރީ 21، 2020: އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން، "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި އެޕާޓީގެ ރައީސް ރައީސް ނަޝީދު ވާހަކަ ދައްކަވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދިވެހިން އެދޭ ކުރިއެރުން ހޯދައި، އެދިއެދި ތިބި "ޖަމްޕް" ޖެހެން އޮތީ ހަމައެކަނި އެމްޑީޕީ އާއެކު ކަމަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއީ އެ ޕާޓީން ވެރިކަން ކުރާ ދެވަނަ ފަހަރުކަމަށާއި އެ ޕާޓީގެ ތަޖުރިބާ ވެސް ބޮޑުވާނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ މިސްރާބު ކަނޑައަޅަން އެނގޭ ކަމަށާއި މީޒާން ހިފަން އެނގޭ ޕާޓީއަކީ އެމްޑީޕީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިން މިއަދު ބޭނުންވަނީ މިހާރު ތިބި ހާލަތަށް ވުރެ ރަނގަޅު ހާލަތަކަށް ވަރަށް ކުރު މުއްދަތެއްގައި ދިއުމަށް ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި ދިވެހިން މިއަދު އެދެނީ ޖަމްޕެއް ޖަހަން. ދިވެހިން އެދެނީ ފުންމައިގަންނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހީން ބޭނުންވަނީ ޖީބަށް ވަންނަ އާމްދަނީ ދެގުނަވެ، ދިރިއުޅުމަށް ލިބިފައިވާ ޖާގަ އާއި ތަނަވަސްކަން، އިތުރުވެ، ދަރިންނަށް ލިބޭ ތައުލީމާއި ރައްޔިތުންނަށް ލިބޭ ސިއްހީ ފަރުވާގެ ފެންވަރު ރަނގަޅުވުން ކަމަށެވެ،

އެމަނިކުފާނު ވިދާޅުވީ އަބަދުވެސް ދިވެހިން އެހެން ހާލަތަކަށް ގެންދަން ވިސްނުން ގެންގުޅެނީ ވެސް އަދި އެ ވިސްނުން ތަންފީޒުކުރާ ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށެވެ. އަދި އެ ޕާޓީއަކީ ރައްޔިތުން އިތުބާރު ކުރާ ޕާޓީއެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތަށް ރައްޔިތުން އިތުބާރު ކުރާ ކަމަށެވެ. އަދި ދިވެހިން އެދޭ "ޖަމްޕް" ޖެހުމަށް ދިވެހިން އިތުބާރު ކުރަނީ ރައީސް ސޯލިހަށާއި، އެމްޑީޕީ އަށާއި މިއަދުގެ ސަރުކާރަށް ކަމަށެވެ.

އެމްޑީޕީއަށް އިތުބާރުކޮށް ދިވެހި ރައްޔިތުން ތަކުރާރުކޮށް އެ ޕާޓީ ވެރިކަމަށް ގެންނަ އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީގެ ފުޅާ ވިސްނުން ކަމަށާއި، އެމްޑީޕީން ވިސްނުން ގެންގުޅެނީ ރަށުން ބޭރުން، އަތޮޅުން ބޭރުން އަދި ރާއްޖޭގެ އަސްދަނޑިން ވެސް ބޭރުގައި ކަން ރައްޔިތުން ދަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ސާފުވެފައި އޮތް ހަގީގަތަކީ ސަލާމަތްތެރިކަމާ އެކީގައި ވިސްނުންތެރި ކަމާއެކު ބުއްދިވެރިކަމާއެކު ދިވެހިން ޖަހަން ބޭނުންވާ ޖަމްޕު ޖެހޭނީ އެމްޑީޕީއާ އެކީގައި ކަން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި އަޅުގަނޑުމެން މި ޖަމްޕަ ޖަހާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރަނީ 80 ޕަސެންޓަށް ވުރެ މަތިން ކަމަށް މިރޭ ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް