ބަންގްލަދޭޝް މީހުން ގޮވައިގެން 50 ވަނަ ފްލައިޓު ޑާކާ އަށް

ޖުލައި 19، 2020: ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ގޮވައިގެން މޯލްޑިިވިއަންގެ 50 ވަނަ ފްލައިޓު ބަންގްލަދޭޝްގެ ޑާކާ އަށް ހިނގައްޖެ އެވެ.

މޯލްޑިވިއަން އިން ބުނީ ބަންގްލަދޭޝްގެ ރައްޔިތުން ގައުމަށް ގެންދިޔުމަށް ބާއްވާ ރެޕަޓްރިއޭޝަން ދަތުރުތަކުގައި މިހާތަނަށް މޯލްޑިވިއަންގެ ފްލައިޓުތަކުގައި 9633 މީހުން ބަންގްލަދޭޝް އަށް ގޮސްފައިވާ ކަމަށެވެ.

މިއަދުގެ ފްލައިޓުގައިވެސް 200 މީހަކު ބަންގްލަދޭޝް އަށް ގޮސްފައިވެ އެވެ.

މޯލްޑިވިއަންގެ ފްލައިޓުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގައްޔާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެ ފަހަރެއްގެ މަތިން އެ ގައުމުގެ ރައްޔިތުން ފުރުވާލައިފައިވެ އެވެ.

ބިދޭސިން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަން ޖެހޭ ލިޔުންތައް ވެސް ހޯދުމަށް ފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެންނެވެ.

ގަދަކަމުން ބިދޭސީން ފޮނުވާލެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަންނަ އަހަރުވެސް މި ރެޕަޓްރިއޭޝަން ޕްރޮގްރާމު ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް