ބިދޭސީ ޓީޗަރުންގެ ބަދަލުގައި ގިނަ އަދަދެއްގެ ދިވެހި ޓީޗަރުން ހޯދަނީ

ބިދޭސީ ޓީޗަރުންނަަށް ފެށި އޮރިއެންޓޭޝަން ޕްރޮގްރާމްއެއްގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ބިދޭސީ ޓީޗަރުންގެ ބަދަލުގައި ގިނަ އަދަދެއްގެ ދިވެހި ޓީޗަރުން ހޯދަން އިއުލާންކޮށްފިއެވެ.

ގިނައިން ދިވެހި ޓީޗަރުން ހޯދަން އިއުލާންކޮށްފައިވަނީ އަތޮޅުތަކުގެ ސްކޫލްތަކުންނެވެ.

ސްކޫލްތަކުގެ ކިޔެވުން ޗުއްޓީއަށް ބަންދުކޮށްފައިވާއިރު ސްކޫލްތައް ދެން ހުޅުވާނީ އަންނަ ޖެނުއަރީ މަހު 10 ވަނަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދެމުން ވިދާޅުވީ ގިނަ އަދަދެއްގެ ދިވެހި ޓީޗަރުން ހޯދަން އިއުލާންކުރީ ވިހާވެސް ބޮޑަށް ދިވެހި ޓީޗަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި އަންނަ އަހަރު ސްކޫލްތަކުގައި ޓީޗަރުންގެ ދަތިތައް ކުރިމަތި ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރު ކޮވިޑް ފެތުރޭ ރަށްރަށުގައި އޮންލައިންކޮށް އަދި ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދޭގޮތަށް މިހާރު އުސޫލުވަނީ އެކުލަވާލައިފައެވެ.

އާ އުސޫލުތަކުގައި ވާގޮތުން އަންނަ އަހަރު ގްރޭޑް އެކަކުން ފެށިގެން މަތީގެ ދަރިވަރުންނަށް ހަފްތާއަކު ފަސް ދުވަހު ހަތަރެއް ނޫނީ ފަސް ގަޑިއިރުގެ ސެޝަނެއް ކުރިއަށް ގެންދާނެއެވެ.

އޭގެ ތެރެއިން އެއް ގަޑިއިރު އަތް ދޮވުމާއި، ހުން ބެލުމާއި، ހާޒިރީ ނެގުމާއި ކަސްރަތު ފަދަ ކަންކަމަށް ހާއްސަކޮށްފައި ވެއެވެ.

comment ކޮމެންޓް