މުދައްރިސުން މަދުވުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: މުއިއްޒު

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު-- ސަން ފޮޓޯ/ އިސްމާއިލް މުނައްވަރު

ރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ މުދައްރިސުންގެ އަދަދު މަދުވުމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރެއްވުމަށް ޓަކައި މިއަދު އިންތިޚާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި މުއިއްޒު ވަނީ މުދައްރިސުން ލިބުމުގެ ދަތިކަމުގެ މައްސަލަ ހައްލުކޮށް، ކިޔަވާ ނިމިގެން ނުކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ އުފައްދާ ސުވާލަށް އެމަނިކުފާނުގެ ސަރުކާރުގައި ވަރަށް ބޮޑު އިސްކަމެއްދީ، އެކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މުދައްރިސުން މަދުވުމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި، މުދައްރިސުން ތާޒާކޮށް، މުދައްރިސުންގެ ދުޅަހެޔޮ ކަމަށް ޚާއްޞަ އިސްކަމެއްދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުމުގެ މީޒާން ހަމަކުރަން ފަހިވާނެހެން ސިޔާސަތުތައް ފަހި ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މުދައްރިސުން ކޮށްދެއްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެ ފަދައިން މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަން ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މުޖުތަމައުގައި މުދައްރިސުންގެ ޝަރަފާއި ގަދަރު މަތިވެރި ކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔަވާ ނިމިގެން ނުކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލުކަން ހުންނާނެކަން ކަށަވަރުކުރުމަށް ޓަކައި، 21 ވަނަ ގަރުނުގެ ދަރިވަރެއްގެ ހުންނަން ޖެހޭނެ ތޫނުފިލި ކަމާއި ހުށިޔާރުކަމާއި، ގާބިލުކަމާއި އުޅުންތެރިކަން އެކުދިންގެ ކިބައިގައި އަށަގެންނެވުމަށް އިސްކަމެއް ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ކުދިންނަކީ އިޖުތިމާއީ މިންގަނޑުތަކަށް ކަމޭހިތުމާއި އުފަން ބިމަށް ލޯބި ކުރުމުގެ މާތް ސިފަ އަށަގެންފައިވާ ބައެއްގެ ގޮތުގައި ބައްޓަން ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރިވެތި އަޚްލާގުތައް އެކުދިންގެ ގައިގައި އަށަގަންނާނޭ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަން ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

https://sun.mv/182805

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު އަލީ ދެއްވި ޚިތާބުގައި ވަނީ މުދައްރިސުން ލިބުމަށް ދަތިވަނީ ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސްކަން ޚިޔާރު ނުކުރާތީ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް