ސެން ޓީޗަރުންނަށް އިތުރު އެލޮވެންސް ދެނީ

އިމާދުއްދީން ސްކޫލްގެ ޓީޗަރު އައިޝަތު ހަޝްމާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ޚާއްސަ އެހީއަށް ވޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް މީގެ ކުރިން ލިބެމުން އައި ރިސްކް އެލޮވެންސް އަނެއްކާ ވެސް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ ޓީޗަރުން މަދުކަމާ، އަދި އެ ދާއިރާއަށް ލިބެމުން އައި ޚާއްސަ އެލޮވެންސާ ގުޅޭ ގޮތުން އެ ދާއިރާގެ ޓީޗަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިކަމާ ގުޅިގެން ރައީސް ވިދާޅުވީ މީގެ ކުރިން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ލިބެމުން އައި ރިސްކް އެލޮވެންސް އުނިވެގެން ދިޔައީ މިދިޔަ ސަރުކާރުން ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ކަމަށެވެ.

"ދަންނަވާލަން ބޭނުންވަނީ އިރާދަ ކުރެއްވިއްޔާ ތި ވިދާޅުވި ކަންތަކުގައި ސެން ޓީޗަރުންނަށް ރިސްކް އެލޮވެންސެއް ނޫނީ ޚާއްސަ އިތުރު ފައިސާގެ އިނާޔަތެއް ލިބޭނެ ގޮތް އިރާދަ ކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސައިދޭނެ" ކަމަށް ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް މި އަހަރުގެ މެދު ތެރޭގައި ޓީޗަރުން މަދު ދާއިރާތަކުން ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން އެޑިއުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލުންގެ މުސާރައިގެ އޮނިގަނޑަކަށް ގެނައި ބަދަލާ އެކު، އެންމެ ދަށް ރޭންކުގެ މުވައްޒަފަކަށް ވެސް 20000އަށްވުރެ ބޮޑު މުސާރައެއް ލިބެއެވެ. އަދި އެންމެ މަތީ ރޭންކުގެ މުވައްޒަފަކަށް 32218 ރުފިޔާގެ މުސާރައެއް ލިބެއެވެ.

comment ކޮމެންޓް