ހުށަހެޅީ އަދީބުގެ އިސްލާހެއް ނޫން، އެމްޑީޕީ ރައީސްގެ އިސްލާހެއް: ޝަރީފް

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބުނެގެން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައި ނުވާނެ ކަމަށް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ދެހާސް ދިހަވަނަ އަހަރު އަމަލުކުރަން ފެށި ކޯޓުތަކާ ބެހޭ ގާނޫނުގައި ވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަފަނޑިޔާރާއި އެ ކޯޓަށް އައްޔަނުކުރެވޭ އިތުރު ހަ ފަނޑިޔާރުންނާއެކު، ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށެވެ.

އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ފަހުކޮޅު އެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހާއެކު ކޯޓުގެ ބެންޗު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކޮށްފައެވެ. އެ އިސްލާހު ހުށަހެޅުއްވީ އޭރުވެސް މަރަދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި އިންނެވި ޝަރީފެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމާ ގުޅޭގޮތުން، ފުލުހުންނަށް ދިން ބަޔާނެއްގައި ކުރީގެ ނައިބު ރައީސް އަދީބު ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ބަޔާނެއް ދައުރު ކުރަމުންނެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އެ ގާނޫނަށް ބަދަލުގެންނަން އިސްލާހު ހުށަހެޅުމަށް ޝަރީފަށް 20 މިލިއަން ރުފިޔާ ދިނުމަށް އަދީބު އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އަދި ބިލަށް ވޯޓު ލާނެ މީހުންގެ ޕެކޭޖެއް ތައްޔާރުކުރީ މެމްބަރު ޝަރީފް ކަމަށާއި އިސްލާހު ހުށަހަޅަން އެއްބަސްވުމުން، ބިލު ހުށަހެޅުމުގެ ކުރިން ފަސް މިލިއަން ރުފިޔާ ޝަރީފަށް ދިން ކަމަށް ވެސް އެ ލިޔުމުގައިވެއެވެ.

އަދި ބިލު ހުށަހެޅުމުން ބާކީ ހުރި 15 މިލިއަން ޝަރީފަށް ދިން ކަމަށް ލިޔުމުގައިވެއެވެ. އަދި އެ ބިލަށް ވޯޓަށް އަހާ ޖަލްސާއަށް މެމްބަރުން ހާޒިރުކުރަން 100 މިލިއަން ރުފިޔާ އިން ވެސް ނުވާނެ ކަމަށް ޝަރީފް ވިދާޅުވި ކަމަށް ވެސް ލިޔުމުގައި ވެއެވެ.

ނަމަވެސް ޝަރީފް ވަނީ އެ ލިޔުން ދޮގުކުރައްވައިފައެވެ. އެ ލިޔުމާއެކު މީހަކު ކުރި ޓުވީޓަކަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ އޭނާ ލައްވައި އަދީބު އެއްވެސް އިސްލާހެއް ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ލައްވާ އިސްލާހެއް އަދީބެއް ހުށަހެއްނާޅާ. އަޅުގަނޑު ހުށަހެޅީ އެމްޑީޕީގެ ރައީސް ބޭނުންފުޅުވެގެން ހުށަހެޅި އިސްލާހެއް،" ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސްގެ ގޮތުގައި އޭރުވެސް އަދި މިހާރުވެސް ހުންނެވީ މުހައްމަދު ނަޝީދެވެ.

ޝަރީފް ވިދާޅުވީ ޕާޓީގެ ރައީސް ބޭނުންފުޅުވި ގޮތާ ހިލާފަށް އެކަން ހިނގިނަމަ، އޭނައާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

"ކިތަންމެ ބިރެއް ދެއްކިޔަސް ފަހަތައް ނުޖެހޭނަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އެ އިސްލާހު ހުށަހެޅުއްވުމުން އޭރު ރައީސް ނަޝީދު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ރިޝްވަތު ހިއްޕަވާ ކަމަށް ވެސް އެމަނިކުފާނު އޭރު ތުހުމަތު ކުރެއްވިއެވެ.

ނަމަވެސް ރިޝްވަތު ހިއްޕަވަނީ ކޮން ޕާޓީއަކަށް ނިސްބަތްވާ، ކޮން މެމްބަރުންނެއް ކަމެއް ވިދާޅެއް ނުވެ އެވެ.

މެމްބަރު ޝަރީފް އާ ގުޅޭގޮތުން މިފަދަ ވާހަކައެއް ދެކެވެން ފަށާފައިމިވަނީ، ފުލުހުންގެ ގާނޫނަށް ގެންނަ އިސްލާހުތަކަކާ މެދު ހިތްހަމަ ނުޖެހިގެން މިއަދުގެ ޖަލްސާގައި އޭނާ ވަރަށް ހޫނު ބަހުސެއް ކުރައްވާފައި ވަނިކޮށެވެ.

ބަހުސް ހޫނުވެ އެންމެ ފަހުން ރިޔާސަތުން ވަނީ ޝަރީފްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައެވެ.

comment ކޮމެންޓް