ހައިޟުވުމާއި ގުޅިގެން މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އިސްލާހު ހުށަހަޅައިފި

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު: ހައިޟުވުމާއި ގުޅިގެން މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އޭނާ ވަނީ އިސްލާހު ހުށަހަޅާފައި -- ފައިލް ފޮޓޯ/ މަޖިލިސް

ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަށް ހައިޟުވުމާއި ގުޅިގެން ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އެ އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެވެ.

މޫސާ ސިރާޖު ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ ހައިޟުވުމާ ގުޅިގެން ދެވޭ ޗުއްޓީ ހައްގުކަން ސާބިތުކޮށްދިނުމަށް އެއްވެސް ލިޔުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އަދި އެއް ދުވަހުގެ އެ ޗުއްޓީ ނުނަގައި ވަޒީފާއަށް ނިކުންނަ ފަރާތްތަކަށް ކޮންމެ މަހަކަށް ދެވޭ މުސާރައިގެ އިތުރުން އެ މުވައްޒަފުގެ އަސާސީ މުސާރައިން އެއް ދުވަހަށް ޖެހޭ މިންވަރު ދޭން ޖެހޭނެކަމަށް ވެސް އެ އިސްލާހުގައި ވަނީ ބުނެފަ އެވެެ.

ހައިޟުވުމާއި ގުޅިގެން އެއް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ހުށަހެޅުމުގެ ބޭނުމަކީ، އެ ދުވަސްވަރު އަންހެނުން އުފުލާ ތަކުލީފުތައް ގަބޫލުކޮށް، އެކަމަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގެން އަމަލުކުރަމުންދާ އުސޫލަކަށްވާތީ ކަމަށް ސިރާޖު ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެގައި އެ އުސޫލު ކަނޑައެޅިގެން ދިއުމަކީ ވަޒީފާ އަދާކުރާ އަންހެނުންނަށް ލިބޭ ލުޔަކަށްވުމުގެ އިތުރުން ވަޒީފާ އަދާކުރުމަށް އަންހެނުންނަށް ހިތްވަރަކަށް ވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މި ސަރުކާރުން ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. އެގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުތަކުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީ އަދި އިޖްތިމާއީ ކޮމިޓީން އެކުގައި އަންނަނީ ދިރާސާކުރަމުންނެވެ.

comment ކޮމެންޓް