އަފްގާނިސްތާނަށް ބޯކޮށް ވާރޭ ވެހި، ހަފްތާއެއް ތެރޭ 160 މަރު

އަފްގާނިސްތާނަށް ބޯކޮށް ވާރޭ ވެހުމާ ގުޅުން ހުރި ހާދިސާތަކުގައި ހަފްތާއެއް ތެރޭ 100އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ -- ފޮޓޯ: އޭއެފްޕީ

ކާބުލް (އޮގަސްޓު 30): އަފްގާނިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި އެގައުމުން ހަފްތާއެއް ތެރޭ 160 މީހަކު މަރުވެއްޖެ އެވެ.

އަފްގާނިސްތާނުގެ ޑިޒާސްޓާ މެނޭޖްމެންޓު މިނިސްޓްރީން ބުނި ގޮތުގައި ވިއްސާރައިގެ ސަބަބުން މިހާތަނަށް އެގައުމުގެ 13 ޕްރޮވިންސެއްގައި ފެންބޮޑުވެ، ގެތަކަށް ގެއްލުން ލިބިފައިވެ އެވެ. އަދި އެގައުމުގެ ވެރިރަށް ކާބުލްގެ އުތުރަށް އޮންނަ ޕަރުވަން ޕްރޮވިންސުން އެކަނިވެސް ވިއްސާރައިގެ ސަބަބުން 116 މީހަކު މަރުވެ، 120 މީހަކަށް އަނިޔާވެފައިވާ އިރު 15 މީހަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.

ޕަރުވަންގެ ފުލުހުންގެ ތަރުޖަމާނު ސާލިމް ނޫރީ ވިދާޅުވި ގޮތުގައި ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުނު ލިބުނު ސަރަހައްދުތަކުގައި ގިނައިން ދިރިއުޅެނީ ދަނޑުވެރިންނާއި ނުރަސްމީ މަސައްކަތްތައް ކުރާ މީހުންނެވެ. އަދި ކޮރޯނާވައިރަސް ބަލިމަޑުކަމާ ގުޅިގެން މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އެ މީހުންނަށް ވަނީ ވިއްސާރައިގެ ސަބަބުން އިތުރު ގެއްލުމާ ކުރިމަތިލާން ޖެހިފަ އެވެ.

އަފްގާން ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އެގައުމުގެ އަސްކަރިއްޔާއިން ދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދީ، މީހުން ސަލާމަތް ކުރުމުގައިވެސް ހަރަކާތްތެރިވަމުންނެވެ.

މިދިޔަ ޖޫން މަހުން ފެށިގެން އަފްގާނިސްތާނުގެ އިތުރުން އަވަށްޓެރި ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެގައުމުން މިހާތަނަށް 150 މީހަކު މަރުވެފައިވާ ކަމަށް ޕާކިސްތާނުން ބުނެ އެވެ.

comment ކޮމެންޓް