ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެހެން ސަބަބުތަކާ ހުރެވެސް އެނބުރި ގައުމަށް ދާން ބޭނުން މީހުންގެ ތެރެއިން އިތުރު 199 މީހަކު ފުރުވާލައިފިއެވެ.
މޯލްޑިވިއަންގެ ބޯޓެއްގައި އެ މީހުން މިއަދު ފުރުވާލާފައިވާއިރު މިއީ ބަންގްލަދޭޝް އަށް މޯލްޑިވިއަން އިން ބޭއްވި 32 ވަނަ ރެޕަޓްރިއޭޝަން ފްލައިޓެވެ. ރެޕަޓްރިއޭޝަން ފްލައިޓުތަކުގައި މިހާތަނަށް އެގައުމުގެ 6،132 މީހަކު މޯލްޑިވިއަން އިން ވަނީ އުފުލައިފައެވެ.
އޭގެ ތެރޭގައި ގިނައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންނެވެ.
ބިދޭސިން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަން ޖެހޭ ލިޔުންތައް ވެސް ހޯދުމަށް ފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެން ކަމަށެވެ. އަދި ގަދަކަމުން ބިދޭސީން ފޮނުވާލެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ޓާގެޓަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށެވެ.
"އަޅުގަނޑު އުއްމީދު މި ކުރަނީ ކޮވިޑްގެ ހާލަތު ރަނގަޅުވެއްޖެ ނަމަ މި އަހަރުގެ ނިޔަލަށް 20،000 މީހުން ފޮނުވާލެވޭނެ ކަމަށް. އެއީ ޓާގެޓަކީ. ނުވެދާނެ، އެކަމަކު ގަދައަޅާ މަސައްކަތް މިކުރަނީ ޓާގެޓަށް ވާސިލް ވެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގަ އާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.