ރޭސޫޓް މޯލްޑިވްސް ސިމެންޓު އުފައްދައި، ސަރަހައްދީ އޮޕަރޭޝަންތައް ފުޅާކުރަނީ

ތިލަފުށީގައި ހުންނަ ލަފާޖު މޯލްޑިވްސް ސިމެންޓު ކުންފުނީގެ ސިމެންތި ޕްލާންޓް. ލަފާޖު ކުންފުނީގެ 75 ޕަސެންޓް ހިއްސާ އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީން ވަނީ ގަނެފައި--

އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީއިން އެސްޓީއޯއާއެކު "ރޭސޫޓް މޯލްޑިވްސް ސެމެންޓް"ގެ ނަމުގައި ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދައި، މި ސަރަހައްދުގައި ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރަން ނިންމައިފި އެވެ.

މި ޖޮއިންޓް ވެންޗާ ކުންފުންޏަކީ އެސްޓީއޯއާއި ސުވިޒަލެންޑްގެ ކުންފުންޏަކާ ގުޅިގެން ހިންގަމުން އައި ލަފާޖު މޯލްޑިވްސް ސިމެންޓު ކުންފުނީގެ 75 ޕަސެންޓު ހިއްސާ ގަތުމަށްފަހު އުފެއްދި ކުންފުންޏެކެވެ.

އޮމާންގެ ރޭސޫޓް ކުންފުނިން ވަނީ ސުވިޒަލެންޑްގެ ލަފާޖްހޯލްސިމްއިން އެސްޓީއޯއާ ގުޅިގެން ރާއްޖޭގައި ހިންގަމުންދިޔަ ކުންފުނީގައި އޮންނަ ސުވިޒަލެންޑް ކުންފުނީގެ ހިއްސާ ގަނެފަ އެވެ. ޖޮއިންޓް ވެންޗާ ކުންފުނީގައި އެސްޓީއޯގެ އޮންނާނީ 25 ޕަސެންޓު ހިއްސާ އެވެ.

ރޭސޫޓް ސިމެންޓް ކޮމްޕެނީން ނެރުނު ނޫސްބަޔާނުގައި ބުނީ ލަފާޖުހޯލްސިމްއިން ތިލަފުށީގައި އޮޕަރޭޓު ކުރަމުންދިޔަ ސިމެންތި ޓާމިނަލްގެ ކެޕޭސިޓީ 100 ޕަސެންޓަށްވުރެ ބޮޑަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެތަނުން ސިމެންތި އުފެއްދުމުގެ ކެޕޭސިޓީ އަހަރަކު 75،000 ޓަނުން 200،000 ޓަނަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ރޭސޫޓްއިން ބުނެ އެވެ.

މިއާއެކު ރާއްޖެއަށް މިހާރު ސިމެންތި އެތެރެކުރާ މިންވަރު ކުރިއަށް އޮތް ތަނުގައި ދަށްވެ، ރާއްޖެއަށް ބޭނުންވާ ސިމެންތި ރާއްޖޭގައި އުފެއްދުމުގެ ގާބިލުކުރަން އިތުރުވެގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ. މިކަމަށް ބޭނުންވާ ޕްރޮޑަކްޝަން ފެސިލިޓީތައް ވެސް ގާއިމުކުރަން ވެސް އެކުންފުނިން ވަނީ ރާވާފަ އެވެ.

އޮމާންގެ ރޭސޫޓް ކުންފުނިން އެސްޓީއޯ ގުޅިގެން ޖޮޮއިންޓް ވެންޗާ ކުންފުންޏެއް ހިންގަން ފެށިއިރު، މިދިޔަ އަހަރު އެކުންފުނިން ވަނީ ދުނިޔޭގެ އެހެނިހެން ބައެއް ހިސާބުތަކުގައި ވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ. އިތުމަތީ އެފްރިކާ އަދި ޖޯޖިއާގައި ކުރި އެ އިންވެސްޓްމަންޓްތައް 200 މިލިއަން ޑޮލަރަށް އަރަ އެވެ.

ރޭސޫޓްއަކީ މެދުއިރުމަތީގެ އެންމެ ފުންނާބު އުސް ސިމެންތި އުފައްދާ އެއް ކުންފުންޏެވެ.

comment ކޮމެންޓް