ތެދެކެވެ؛ ބުރޯއަކީ މަށެވެ.

ރައީސް ސޯލިހް އާއި މަޖިލިސް ރައީސް ނަޝީދު އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒު

ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފުކުރީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާ ގިނަ ދުވަހު ވެރިކަމުގައި ހުންނެވުމުން އެ މަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށް ބެލެވެން ފަށައިފި އެވެ. އެހެން މި ދެންނެވީ މަލްޓި ޕާޓީ ޑިމޮކްރަސީއެއް ރާއްޖެ އަށް ތައާރަފުކޮށް އެ ނިޒާމުގެ ދަށުން އިންތިހާބެއް ބޭއްވިތާ 12 ވަރަކަށް އަހަރު ފާއިތުވީ އިރު ވެސް "ގަބީލާ ވިސްނުމުން" އަހަރެމެންނަށް އަރައިނުގަނެވި، ކަންކަން ރަނގަޅު ނުވާތީ އެވެ. ރައްޔިތުންގެ ރައްކާތެރި ކަމަށް ޓެކްސް ފައިސާ އިން ހަރަދުކޮށްގެން ހިންގާ މުއައްސަސާތަކުން އެކަށީގެންވާ ނަތީޖާ ނުނެރެވޭތީ އެވެ.

ދެ ހާސް ފަސް ވަނަ އަހަރު މަލިޓި ޕާޓީ ޑިމޮކްރަސީ ރާއްޖެ އަށް ތައާރަފު ކުރި ހިސާބުން އަޅުގަނޑު ހީކުރީ ޕާޓީތަކުގެ ލީޑާޝިޕަކީ، އެ ކަމަށް ގާބިލު ބޭފުޅަކަށް ފުރުސަތު އޮންނަ އަދި އޮންނާނެ ނިޒާމެއް ކަމަށެވެ. ނަމަވެސް އެކަން ހިނގަނީ އެހެނެއް ނޫނެވެ.

ފުރަތަމަ އެމްޑީޕީ ނަގަމާ ހިނގާށެވެ. އެ ޕާޓީގެ ލީޑަރުގެ މަގާމަށް ކިތައް ބޭފުޅުން އަތުވެއްޖެތޯ އެވެ؟ އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލު (އިބުރާ) އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ފަދަ ބޭފުޅުން ހިމެނެ އެވެ. އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ވެސް އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރެެއްވި ބޭފުޅެކެވެ. އެ ބޭބޭފުޅުންނަށް އެ ޕާޓީގެ މަތީ ފަނޑީގައި ހިފަހައްޓާނުލެވި، ކަފިކަފިވެގެން ދާން ޖެހުނު ގޮތް އެއީ ދިރާސާކޮށްލުން ހަމަ ރަނގަޅު ކަމަކަށްވެދާނެ އެވެ. އަދި އެ އަށް ފަހު އައި އިންތިހާބުތަކުގައި، އެ ޕާޓީގައި ތިއްބެވި ތައުލީމީ އަދި ގާބިލު ބޭފުޅުން ޕާޓީގެ ލީޑާޝިޕަށް ވާދަ ނުކުރައްވަނީ ކީއްވެގެންތޯ ވެސް އެއީ ސުވާލު އުފައްދަން ޖެހޭ ކަމެކެވެ.

ފަހުގެ ތާރީހެއްގައި އެމްޑީޕީގެ ނާއިބު ރައީސް ކަމަށް ވާދަ ކުރެއްވި، މިހާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް މަގާމަށް ނާދެވުނީ ކޮން ނުފޫޒެއް އޮވެގެންތޯ އެއީ ވެސް ވިސްނާލަން ޖެހޭ ކަމެކެވެ. އެ އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންނާ އަޅާކިޔާ އިރު، އަސްލަމަކީ ގާބިލު ބޭފުޅެކެވެ. އެކަމަކު އޭނާ އަށް ހަތަރު ފޮޅުން އެތެރެވެވޭ ގޮތެއް ނުވި އެވެ. ކުރީ ހަފުތާގައި މަޖިލީހުގެ ތަޅުމުގައި މެންބަރުންނާއި ރިޔާސަތުން އަސްލަމާ ކުރިމަތި ކުރެއްވި ސުވާލުތަކަށް ދެ ފޮޅުވަތް ދޭތެރެއިން ތިމަންނަމެންގެ ވެސް "ހަން ވަރަށް ބޯވާނެ" ކަމަށް ވިދާޅުވެ ޖަވާބު ދެއްވީ މާޒީގައި ކަން ހިނގާފައިވާ ގޮތުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމުން ކަމަށް ބެލެވެ އެވެ.

ދެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން އުފެއްދި ޑީއާރުޕީ އާއި އަދި އެއަށް ފަހު އުފެއްދި ޕީޕީއެމް ދަތުރު ކުރި މިސްރާބާ ތޭތެރޭ ވެސް ވިސްނާލަން ޖެހެ އެވެ. އެ ދެ ޕާޓީގެ ތެރެއިން ބިޔަ ބޮޑު ޑީއާރުޕީ ނިމި ދިޔައީ މަގުބޫލީ ކޮން ބޭފުޅެއްތޯ ނުބައްލަވައި ވަކި ބޭފުޅަކަށް ޕާޓީ ތަބަކަކަށް ލާފައި ދެއްވުމުގެ އިތުރަށް، "ގަބީލާ" އުސޫލު އެ ޕާޓީގެ ތެރޭގައި އަށަގަތުމަށް ފަހުގެ ލީޑަޝިޕުން ޖާގަ ނުދިނުމުން ނޫންތޯ އެވެ؟

ޕީޕީއެމް ވެސް އެހެންނެވެ. އެތެރޭގެ ކޯޅުމާ ހުރެ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރެވޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން ޕާޓީގެ ރައީސާއި ގައުމުގެ ރައީސްގެ ކޯޅުމާ އެކު، ޕާޓީގެ ވެރިފަރާތަކީ، ގައުމުގެ ރައީސް ކަމަށް ނިންމި އެވެ. އެނޫން ގޮތަކަށް އެކަން ކުރެވޭނެ ގޮތެއް އެ ހާލަތުގައި އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

ޑީއާރުޕީ ރޫޅުމުން އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ގިނަ ބޭފުޅުން ބަދަލުވެވަޑައިގަތީ އެމްޑީޕީ އަށެވެ. ނަތީޖާއަކީ ކިރިއާ ވެސް ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވާ ކޮންމެ ފަހަރަކު އެ ބޭފުޅުންނަކީ ޑީއާރުޕީ ފެކްޝަންގެ ބޭފުޅުން ކަމަށް ބުނެ ފޫޅުކެނޑުމެވެ. މިހާ ދުވަސްވީ އިރުވެސް އެ ބޭފުޅުންނަކީ އެމްޑީޕީ ބަޔަކަށް ނުވެ އެވެ.

އެ ނޫނަސް އެމްޑީޕީގެ ލީޑަޝިޕަށް ފައި ނެންގެވި ވަރަށް ގިނަ ބޭފުޅުންނަށް ތަފާތު ތުހުމަތުތައްކޮށްފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އޭރު މާލޭގެ މެންބަރު މުހައްމަދު ޝިހާބެވެ. އޭނާ ޕާޓީގެ އިންތިހާބެއްގައި ވާދަކުރާނެ ކަމަށް އިއުލާން ކުރެއްވީއެއް ވެސް ނޫނެވެ. އެކަމަކު ފަހަރުގައި ވާދަކުރައްވައިފާނެ ކަމަށް ހީކޮށް، އޭނާއާ އަޅުވައި ފެނުނީ ހަނޑިމުޑުދާރު ލިއުމެއް އޭރު ނެރެމުން ދިޔަ މިނިވަން ނޫހުގައި ޖެހިތަނެވެ. މަގުސަދަކީ ކޮބައިތޯ އެވެ؟ އޭނާއަކީ މާލޭގައި ނުފޫޒު ގަދަ އާއިލާއެއްގެ ބޭފުޅަކަށްވާތީތޯ އެވެ؟ އަޅުގަނޑު ހުކުމް ކުރާކަށް ނެތީމެވެ. އެނގޭ ކަމަކީ އެކަން އެގޮތަށް ހިނގި ކަމެވެ.

ހަމަ އެބީދައިން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފާ) ބެހޭ ގޮތުން ވެސް އެފަދަ އާޓިކަލެއް އޭރު ޖަހައި އޭނާގެ އަބުރު ކަތިލުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް ޝަރީފަކީ އެއަށް ވުރެ ސިޔާސީ ގޮތުން ހަންބޯ ބޭފުޅަކަށް ވާތީ އޭނާ ދިޔައީ ކޮޅު ބަދަލުކުރައްވައި އެކަންކަމާ ކުރިމަތި ލައްވަމުންނެވެ. އޭނާއާ ހަމައަށް އަޔަކު ނުދެ އެވެ.

މިހާރު އެ ސަގާފަތް ހިންގަނީ ނޫހުގައެއް ނޫނެވެ. ގިނަ ފަހަރަށް ޓުވިޓާގަ އެވެ. މީސްމީހުން ނުކުރާކަންކަން ބޮލުގައި އަޅުވައި ބޮޓްތައް ބޭނުންކޮށްގެން ސިޔާސީ ދުސްމަނުން ކަތިލުމަކީ އާންމުކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ބަސްމަދު ބޭފުޅެކެވެ. ކޮވިޑް19 އާ ގުޅިގެން، ހަތް ޕަސެންޓްގައި ކުރިއަރަމުން އައި އިގްތިސާދު މައިނަސް 11 ޕަސެންޓަށް ވެއްޓުމަކީ އެ މަނިކުފާނުގެ ކުށެއް ނޫނެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް އެ މަނިކުފާނަށް ލިބުމަކީ ވެސް އެ ޕާޓީގެ ނިންމުމެކެވެ. ވަކި ބޭފުޅަކަށް ޓިކެޓް ނުލިބުމަކީ ރައީސްގެ އަތެެއް އެކަމުގައި އޮތް ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

ބޭރަށް ތިލަ ނުވިއަސް، އެމްޑީގެ ތެރޭގައި ހެޔޮވަރަކަށް ވަނީ ފެކްޝަން ހެދިފަ އެވެ. އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އެ ތަޅާފޮޅުން އެގޮތުގައި އޮތްހާ ހިނދަކު އެއީ ބަދަލުވާނެ ކަމެއް ވެސް ނޫނެވެ. ހަގީގަތަށް ބުރަވާ ނަމަ، އެ ޕާޓީގެ ތެރޭގައި ފެކްޝަން ވެފައި އޮތް ވަރަކީ ކުރިން ޕީޕީއެމްގެ ރައީސް އާއި ގައުމުގެ ރައީސާ ދެމެދު ފެކްޝަން އޮތް ވަރަށެވެ. އެކަމަކު އެމްޑީޕީ ފަޅާލާފައި ބަޔަކު އަދި ނުކުމެދާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ މަސްލަހަތު ހުރި ކަމެއް ވެސް ނުމެ ނޫންމެ އެވެ. އެކަމަކު ގަބޫލު ކުރަން ޖެހޭ ހަގީގަތެއްވެ އެވެ. އެ ހަގީގަތަކީ ރައީސް އަށް ރައީސްކަން ކުރެވޭ ގޮތަށް ޕާޓީ އިން ވެސް މަގުފަހިކޮށްދޭން ޖެހޭ ކަމެވެ. އޭގެ މާނައަކީ ވަޒީރަކު ހިޔާނާތްވެޖެ ނަމަ އޭނާ މަގާމުގައި ބަހައްޓަން ބުނުމެއް ނޫނެވެ. އެފަދަ ކަމެއް ސާބިތުވެއްޖެ ނަމަ އެ ވަޒީރަކު ޖެހޭނީ ދުރުކުރާށެވެ. އަދި ފިޔަވަޅު އަޅާށެވެ. އޮޑިޓް ރިޕޯޓްތަކާ ގުޅިގެން މޫނަށް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވުމުން އެ ދައްކަވާ ވާހަކައެއް ބަލާލަން ޖެހެ އެވެ. އެހެނީ ކޮންމެ ވަޒީރަކީ ވެސް ގާނޫނުގެ ކުރިމަތީގައި މަސްއޫލިއްޔަތު އުފުލައްވަން ޖެހޭނެ ބޭފުޅަކަށް ވާތީ، ޖެހިވަޑައިގަންނަވާނީ އެކަން ކަމާ ކުރިމަތި ލައްވާށެވެ. އެ ކަމުގައި، އެ ބުރޯއެއް މި ބުރޯއެއް ތަފާތު ނުކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ. އެކަމަކު 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުޏަށް 30.91 މިލިއަން ރުފިޔާ ފިނޭންސުން އެޑްވާންސްކޮށް ދޫކުރި ގޮތް މިއީ ބަލަން ޖެހޭ މައްސަލައެކެވެ.

އެމްޑީޕީ އަށް ދިވެހި ރައްޔިތުން ދިން މެންޑޭޓަކީ ދެން ދުވަހެއްގައި ވެސް ބަޔަކަށް ދިވެހިން ދޭނެ މޭންޑޭޓެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެހެން ކަމާ އެކު، ޒާތީ ހަސަދަ އާއި ތައައްސުބުން ނެއްޓޭން ނޭނގި، ޕާޓީ ފުނޑާލާ ނަމަ ބަޔަކު ކުރާނެ އެއަށް ވުރެ ބޮޑު މޮޔަ ކަމެއް އޮންނާނެ ހެނެއް ހިއެއް ނުވެ އެވެ. އަދި އެފަދަ ބޭބޭފުޅުންނަށް ވިސްނިވަޑައި ނުގަންނަވާ އަނެއް ކަމަކީ ސަރުކާރަށް ޑެލިވާ ނުކުރެވި، ފޭލިވެއްޖެ ނަމަ އެ ފޭލި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކަނި ނޫން ކަމެވެ. އެހެނީ ސަރުކާރު ފޭލި ވެއްޖެ ނަމަ، މައި ޕާޓީއެއްގެ ގޮތުން އެ ފޭލި ވަނީ މުޅި އެމްޑީޕީ އެވެ. އެކަމުގައި ދެއްކޭނެ މާކަ ގިނަ ހުއްޖަތްތަކެއް ނޯންނާނެ އެވެ. އަދި ދެން އަންނަ އިންތިހާބެއްގައި އެ ބޭފުޅުންނަށް ގޮނޑި ލިބުމާއި ނުލިބުމުން ވެސް ބިނާވާނީ ސަރުކާރު ޕާފޯމް ކުރާ ގޮތެއްގެ މައްޗަށެވެ. އެ ހާލަތުގައި ވަކި ބޭފުޅެއްގެ ހިޔަންޏެއްގެ ގޮތުގައި އުޅުނަސް ވަކިން ވާނެ މާ މޮޅުތަކެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

އަޅުގަނޑު ކުރިން ދެންނެވި ގަބީލާ ވެރިކަން އަދި ވެސް ނުނިމޭ ކަމަށް ދަންނަވަނީ ގިނަ ސަބަބުތަކާ ހުރެ އެވެ. އެއްކަމަކަށް އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލު ވަކިކުރަން ނެގި އިސްނެގުން ފާހަގަކޮށްލަން ޖެހެ އެވެ. އެމްޑީޕީގެ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މި ސަރުކާރުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މަދު މިނިސްޓަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. ދެ ވަނަ ކަމަކަށް އޭނާގެ އިތުބާރު ނެތް ކަމަށް ވޯޓު ހޯދަން މަސައްކަތް ކުރި، ސަބަބު ސާފެއް ނުވެ އެވެ. އޭގެ އިތުރަށް "ގަބީލާ ލީޑަރު" ނޫނީ "ކަލްޓް ލީޑަރަށް" ނިސްބަތްކޮށް އެއްޗެއް ބުނާ ކޮންމެ މީހަކު ޕާޓީ އިން ވަކި ކުރާނެ ކަމަށް ބުނެ، ބިރު ދައްކާ އިރު، އެފަދަ ބޭބޭފުޅުން އަނެކުންނާ ދިމާލަށް ކޮންމެ އެއްޗެއް ގޮވިއަސް ވަރިހަމަ އެވެ. އެގޮތް ހަމަ ރަނގަޅެވެ. އަދި ބޮޓްތައް އަތް ޖަހަ އެވެ. ހަގީގީ ގަބީލާ ވިސްނުން ނޫނީ ކަލްޓް ވިސްނުމަކީ އެއީއެއް ނޫންތޯ އެވެ؟ ހަމަ އެއާ އެކު ތިމަންނާމެން ރުހޭ މީހުން ޕާޓީގެ ވިޕްލައިން ފޫއަޅުވާލިއަސް އެޅޭ ފިޔަވަޅެެއް ނޯވެ އެވެ. ގަބީލާގެ ލީޑަރާ އެއް ގޮތަށް ވަކާލާތު ކުރާ ނަމަ ހަމަ އެ ގޮތް ވެސް ބަރާބަރެވެ. އަޅުގަނޑުމެން މިކިޔާ 21 ގަރުނުގެ ތަހުޒީބީ ޑިމޮކްރަސީއަކީ އެއީތޯ އެވެ.؟

ފުރުސަތު ދީފި އެވެ. ފުރަތަމަ ފަހަރުވީ ފޭލި އެވެ. އެންމެ ބޮޑު ފޭލުވުމަކީ ރާއްޖޭގެ މައި ދޮރާށި ބޭރުގެ ބާރަކަށް ދޫކޮށްލުމެވެ. އެކަމުން އަރައިގަތުމަށް ދިވެހިން ދައްކަން ޖެހުނު އަގު ކުޑައެއް ނޫނެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަމިއްލަ ބަޔަކަށް ސޮވަރިން ގަރަންޓީއާ އެކު ދިން 160 މިލިއަން ޑޮލަރު ޑިފޯލްޓްވެ، ދައުލަތުން ދައްކަން ޖެހުނު 270 މިލިއަން ޑޮލަރަކީ ކުޑަ އަދަދެއްތޯ އެވެ؟ އަދި ވެސް ދަނީ އެ މަގަށް މަގުފަހިކުރަމުންނެވެ. މިއީ ބަލައިގަންނަން ފަށޭހަކަމެއް ނޫނެވެ.

comment ކޮމެންޓް