ބަހުސެއް ނެތެވެ؛ އުތުރު ތިލަފަޅުގެ އެގްރީމަންޓް އާންމުކުރަން ޖެހެ އެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ދެ ސަރުކާރުން ސޮއިކުރަނީ --

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި، އިންޑިއާ ބޭނުން އިރަކު ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވީ، ރާއްޖެ އާ އަޅާކިޔާ އިރު، އިންޑިއަކީ އެހާ ވެސް ބާރު ގަދަ ގައުމެއް ކަމަށް ވިދާޅުވުމުގެ ގޮތުން ދެއްކެވި ވާހަކައަކަށް ވެދާނެ އެވެ. އެހެން ނަމަވެސް އެއީ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅަކު ވިދާޅުވެގެން ވާނެ ވާހަކައެއް ކަމަކަށް އަޅުގަނޑަކަށް އޭރަކު ވެސް އަދި މިއަދަކު ވެސް ގަބޫލެެއް ނުކުރެވެ އެވެ. ރާއްޖެ ކިތަންމެ ކުޑަޔަސް އަދި އާބާދީ ކިތަންމެ މަދު ނަމަވެސް ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގަމުކެވެ. ހަމަ އެބީދައިން އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި، އިންޑިއާ ކަނޑުގައި ރާއްޖެ އޮންނާތީ ރާއްޖެއަކީ އިންޑިއާގެ މުއްފަތުގައި އޮންނަން ޖެހޭނެ ގައުމެއް ކަމަށް ދޭހަވާ ގޮތަށް މިނިސްޓަރަކު ދެެއްކެވި ވާހަކަ ވެސް އަޅުގަނޑަށް ބަލައިގަތުމަށް އުނދަގޫވި އެވެ.

އަޅުގަނޑަށް އެ ވާހަކަތައް ބަލައިގަތުމަށް އުނދަގޫވީ އިންޑިއާއާ ދޭތެރޭ އަޅުގަނޑުގެ ޒާތީ ކަމެއް އޮންނާތީއެއް ނޫނެވެ. އަދި ވަކި ގައުމަކާ ދޭތެރޭ އަޅުގަނޑުގެ ހާއްސަ ގުޅުމެއް އޮންނާތީއެއް ވެސް ނުމެ ނޫންމެ އެވެ. އަޅުގަނޑު ވެސް ގަބޫލު ކުރާ ގޮތުގައި ސްރީލަންކާ ފިޔަވައި، އިންޑިއާއަކީ ރާއްޖޭގެ އެންމެ އަވައްޓެރި އެކުވެރި ގައުމަށް ވާން ޖެހެ އެވެ. އަދި އެ ގުޅުން އެ ގޮތުގައި ދެ ގައުމުން ދަމަހައްޓަން ވެސް ޖެހެ އެވެ. އެހެނަސް އިންޑިއާއާ ދޭ ތެރޭ އަޅުގަނޑު ދެކޭ ގޮތް ބަދަލުވީ ރާއްޖޭގައި ދުއްވާ އިންޑިއާގެ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރުގެ އެގްރީމަންޓްގެ މުއްދަތު ހަމަވުމުން އެ ހެލިކޮޕްޓަރު ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެދުމުން އިންޑިއާ އިން އެކަމަށް ބީރުކަންފަތެއް ދިނުމުގެ އިތުރަށް، އޭރު ވިސާ ހަމަވެފައި ތިބި، ހެލިކޮޕްޓަރު ދުއްވާ "ސިފައިން" ފުރުމަށް އިއުތިރާޒު ކުރި ހިސާބުންނެވެ. ހެލިކޮޕްޓަރު އުދުއްސަން ތިބި، "ސިފައިން" ވިސާ ހަމަވިއަސް ގަދަފައިވިއްދާފައި ނުދިޔައީ، ރައީސް ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅުކަން އެ ފަރާތްތަކަށް ވެސް ގަބޫލުކުރެވޭތީ ކަމަށް ވެދާނެ އެވެ. އެހެނަސް ރައީސް ޔާމީން ސަރުކާރުގެ އެ ނިންމުމަކީ ރައްޔިތުން އިންތިހާބުކޮށްފައި އޮތް ގާނޫނީ ސަރުކާރެެއްގެ ނިންމުމެއް ނޫންތޯ އެވެ؟

އުތުރު ތިލަފަޅާ ބެހޭ ގޮތުން ވެސް އަދި އައްޑޫ ސިޓީގައި ހަދާ ނަމުން "ޕޮލިސް އެކަޑަމީ"އާ ދޭތެރޭ ވެސް ޝައްކުގެ ނަޒަރަކުން އަޅުގަނޑު ބަލަން މަޖުބޫރުވީ މިދެންނެވި ސަބަބުތަކާ ހުރެ އެވެ.

އައްޑު ސިޓީ ލިންކް ރޯޑް ސަރަހައްދުގައި އިންޑިއާ އެހީގައި ބިނާ ކުރަމުންދާ ސަރައްދު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އުތުރު ތިލަފަޅު ތަރައްގީ ކުރުމަކީ ވަރަށް މުހިންމު އަދި ސިފައިންގެ އުޅުނދުތައް މަރާމާތު ކުރުމަށް ބޭނުންތެރި ތަނަކަށް ވެދާނެ އެވެ. އެއީ ދެބަސްވުމެއް ނެތް، ހަގީގަތެކެވެ. ސިފައިންގެ ޖެނެރަލުން ފުލުފުލުން ބޭއްވި ނޫސްކޮންފަރެންސުތަކުގައި އެ ބޭފުޅުން ވިދާޅުވި ގޮތަށް ރާއްޖޭގެ ބިޔަ ކަނޑުތަކުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުން ކުރާ އުޅަނޑުދުފަހަރު ފަސޭހައިން މަރާމާތު ކުރެވޭނެ އިންތިޒާމެއް ރާއްޖޭގައި ގާއިމު ކުރަން ޖެހެ އެވެ. އެކަން ކުރުމަށް އުތުރު ތިލަފަޅު ތަރައްގީ ކުރުމުގެ ވާހަކަ ދައްކާތާ ވެސް އެހާ ދުވަސް ވެއްޖެ އެވެ. އެހެން ނަމަވެސް އެކަމަކީ ރާއްޖޭގެ މިނިވަންކަން ގުރުބާންކޮށްފައި ވެސް ކުރާވަރުގެ ކަމެއްތޯ މިއީ ވިސްނާލަން ޖެހޭ ކަމެކެވެ.

އުތުރު ތިލަފަޅު ނޫނީ ޔޫޓީއެފްގެ އެއްބަސްވުމާ ބެހޭ ގޮތުން ލީކްވި ޑޮކިއުމެންޓްގައި ހުރި ވާހަކަތަކަކީ ބިރުގަންނަ ވަރުގެ ވާހަކަތަކެކެވެ. އެ ލިއުމުގައިވާ ގޮތުން އިންޑިއާ ސިފައިންނަށް ހަތިޔާރާ އެކު ރާއްޖޭގައި ތިބެވޭނެ އެވެ. އެހެން ކަމަށްވާ ނަމަ އެކަން ވާނީ ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ) އާ ފުށުއަރާ ނިންމުމަކަށެވެ. އެ މާއްދާގައި ބުނަނީ ބޭރުގެ ބަޔަކަށް ރާއްޖެ އިން ބައެއް އަސްކަރީ ބޭނުމަކަށް ދޭން ވާނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން ކަމަށެވެ.

ބޭރުގެ ބަޔަކަށް، ރާއްޖެ އިން ބައެއް އަސްކަރީ ބޭނުމަކަށް ދިނުމޭ ބުނާ ނުކުތާގައި ބަހުސު ކުރެވިދާނެ އެވެ. އެހެން ނަމަވެސް އެ އެއްބަސްވުމުގައި އޮތް އެންމެ ހައްސާސް މާއްދާއަކީ ވެސް އެއީ އެވެ. އަދި ކުރީ ސަރުކާރުން އެއްބަސްވުމަކަށް ނާދެވި، އިއުތިރާޒު ކުރީ ވެސް ބަނދަރުގެ އެކްސްކުލޫސިވް ރައިޓްސް އިންޑިއާ އަށް ދިނުމަށް ބޭނުން ނުވުމުންނެވެ. އަޅުގަނޑުގެ މައުލޫމާތު ކުށްކަމުގައި ނުވާ ނަމަ މިހާރު ސޮއިކޮށްފައި އޮތް އެއްބަސްވުމުގައި ވެސް އެ ނުކުތާ އޮތީ ގާތްގަނޑަކަށް އެހެންނެވެ. އެއީ ދެ ފަރާތުން ހަމަހަމަކޮށް އޮންނަ ބޯޑަކުން ހުއްދަ ލިބިގެން ނޫނީ ބޭރުގެ ސަރުކާރެއްގެ އުޅަނދަކަށް ހިދުމަތް ނުދެވޭނެ ކަމަށް ބުނާ ނަމަ، ދިވެހި ސަރުކާރުގެ އޮތް މިނިވަންކަމަކީ ކޮބައިތޯ އެވެ؟ އެއަށް ވެސް ހަމަ ކިޔަންވީ މިނިވަން އަދި މުސްތަގިއްލުތޯ އެވެ؟ ހަމަ ޔަގީނުން ވެސް އެހެނެއް ނުވާނެ ދެއްތޯ އެވެ. ދެ ވަނަ ޕާޓީ އަށް ވެސް ހަމަހަމަ ހައްގު އޮންނަ ނަމަ، ކޮންމެ ޕާޓީއަކަށް ވެސް، ތިން ވަނަ ޕާޓީއަކަށް ހިދުމަތް ދިނުމަށް ނޫނެކޭ ބުނެވިދާނެ އެވެ. ކުރުކޮށް ބުނާ ނަމަ، ތިމަންނަމެން ތަރައްގީ ކުރާ ތަނަކުން ޕާކިސްތާން އަދި ޗައިނާ ސަރުކާރުގެ އުޅަނދުފަހަރަށް ހިދުމަތް ނުދެވޭނެ ކަމަށް ފާޅުގައި ލިޔަންވީ ނޫންތޯ އެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އުތުރު ތިލަފަޅު މަޝްރޫއަކީ ހަމައެކަނި ޑޮކްޔާޑެއް ނޫނެވެ. ޑޮކްޔާޑަކީ އެ މަޝްރޫއުގެ ފުރަތަމަ ފޭސްގައި ހިމެނޭ ބައެވެ. ދެން ހިމެނެނީ މެރިޓައިމް ސިކިއުރިޓީ ސެންޓަރަކާއި އަދި އެއާ ވިންގެކެވެ. ސުވާލަކީ އެ ވަރުގެ މަޝްރޫއުއެއްގެ ފުރިހަމަ ކޮންޓްރޯލް، 15 އަހަރަށް ވިޔަސް، ވަކި ބަޔަކަށް ދީގެން ތިބެންވީތޯ އެވެ. އެއީ ރަނގަޅު ގޮތް ނަމަ އެކަން ނިންމަން ޖެހޭނީ ރައްޔިތުންނެވެ. ނޫނީ ރައްޔިތުންގެ މަންދޫބުންނެވެ.

އުސްފަސްގަނޑު ސަރަހައްދަށް ހެލިކޮޕްޓަރު ޖައްސަނީ --- ސަން ފައިލް ފޮޓޯ

މިއަދުގެ ދުނިޔޭގައި އެއީ ނުކުރާ ކަމެއް ވެސް ނޫނެވެ. އެއީ ކުރާ ކަމެކެވެ. އެންމެ ކުރު މިސާލަކީ ސިންގަޕޫރާއި ޖަޕާނެވެ. ސިންގަޕޫރު އަދި ޖަޕާނުގައި ވެސް އެމެރިކާގެ މިލިޓަރީ ބޭސް އޮޕަރޭޓް ކުރެ އެވެ. އެހެން ނަމަވެސް ރާއްޖޭގައި އެފަދަ ބޭހެއް ގާއިމުކުރާ ނަމަ، އެކަމަށް އެންމެ މުނާސަބަތު ގައުމަކީ އިންޑިއާތޯ ނޫނީ އެމެރިކާތޯ ނޫނީ އެހެން ގައުމެއްތޯ ނިންމަން ޖެހެ އެވެ. އެ ނިންމުން ނިންމަން ޖެހޭނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ރައްޔިތުންގެ މަޝްވަރާއާ އެކު އެވެ. ސިއްރަކުން ނޫނެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރެއްވި ގޮތަށް ދިވެހި ސަރުކާރުން އުތުރު ތިލަފަޅުގެ އެގްރީމަންޓްގައި ސޮއިކުރީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ވަރަށް ނާޒުކު ފައްތައްރެއްގައި އޮތް ދުވަސްވަރެއްގަ އެވެ. ކުރީ ސަރުކާރުން ޗައިނާގައި އެލިގަނެގެން އުޅުނު ގޮތަށް މި ސަރުކާރުން އެލިގަނެގެން އުޅެނީ އިންޑިއާގަ އެވެ. އެގޮތުން އިންޑިއާގެ ފަރާތުން މި ސަރުކާރު ބަރޯސާވަރު ބޮޑެވެ. އެހެން ކަމާ އެކު އުމަރު ތުހުމަތު ކުރެއްވި ވާހަކައަކީ ވެސް ދެ ވަނަ ވިސްނުމަކުން ވިސްނާލަން ޖެހޭ ނުކުތާ އެކެވެ. ހަމަ އެއާ އެކު ކުރީ ސަރުކާރުން ޗައިނާއަތުން ލޯން ނަގައި ދަރަނީގެ ދަންތޫރާރައިގާ ޖެއްސި ކަމަށް ވާހަކަ ދެއްކި ގޮތަށް އިންޑިއާ އިން ނަގާ ލޯންތައް ގިނަވުމަކީ އެ ނަޒަރުން ވިސްނަން ޖެހޭ ކަމެކެވެ.

ރާއްޖެއަކީ މި ސަރަހައްދުގައި ވެސް ނިސްބަތުން އާމްދަނީ އެންމެ ގިނައިން ބޮލަކަށް ޖެހޭ އަދި އިގްތުސާދީ ދުވެލި އެންމެ ހަލުއި އެއް ގައުމެވެ. އެހެން ކަމާ އެކު ސިސްޓަމް އޯވާހޯލްކޮށް، ސިޔާސީ މަގާމުތައް މަދުކޮށްގެން ވިޔަސް، އަމިއްލަ ފައިމަތީގައި އިގުތިސާދު ބޭއްވުމަކީ ސިޔާސީ ޕާޓީތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ވިސްނަން ޖެހޭ މައްސަލަ އެކެވެ. އެންމެ ނިކަމެތި މީހާގެ އަތުން ފެށިގެން ނަގާ ޓެކުހުން ލިބޭ އާމްދަނީއަކީ ހަމައެކަނި ސިޔާސީ މީހުންނަށް ވަޒީފާ ދިނުމަށް ނަގާ އެއްޗަކަށް ވެގެން ނުވާނެ އެވެ. ގައުމު ހިންގާ ފަރާތްތަކުގެ އެކެރިފޯރުންތެރިކަން ނެތުމަކީ ރައްޔިތުން ޒިންމާވާން ޖެހޭ ކަމެއް ނޫނެވެ.

މިހާރު ވެސް ބައިވަރު އިތުރު ވާހަކަ ދެއްކިއްޖެ އެވެ. އަޅުގަނޑުގެ ޒުވާބަކީ އުތުރު ތިލަފަޅާ ބެހޭ ގޮތުން އިންޑިއާއާ އެކު ހެދި އެއްބަސްވުން އާންމު ކުރުމަށް ގޮވާލުމެވެ. ދެ ފަރާތުން ސޮއިކުރި އެއްބަސްވުމުގައި ސިއްރު ހިފަހައްޓަން ޖެހޭނެ ކަމަށް އޮތަސް، ދިވެހި ރައްޔިތުންނަށް ކަންކަން އެނގުމަށް އޮންނަ މަސްލަހަތަށް ވުރެ، އެ މަސްލަހަތު ބޮޑުވެގެން ނުވާނެ އެވެ. އެންމެ މަސްލަހަތު އޮތް ގޮތަކީ ދެ ފަރާތް އެއްބަސްވި ގޮތުގެ އެގްރީމެންޓް އާންމު ކުރުމެވެ. ނޫނީ ލީކްވި ޑޮކިއުމެންޓްގައި ހުރި ކޮންމެ ނުކާތާއަކާ ގުޅޭ ގޮތުން ސޮއިކުރި އެގްރީމަންޓްގައި އޮތްގޮތް ސާފުބަހުން ބުނެދިނުމެވެ. ކޮންމެހެން ޖެނެރަލުންނަށް އިތުބާރު އޮންނަން ޖެހޭނެ ކަމަށް ބުނެ، ހުއްޖަތު ދެއްކުމެއް ނޫނެވެ. އެއީ ޖެނެރަލުންނާ ބެހޭ ކަމެއް ނޫނެވެ. އެއީ ދެ ސަރުކާރެއްގެ ދެމެދުގައިވި އެއްބަސްވުމެކެވެ. އެއަށް ޖަވާބު ދެއްވަން ޖެހޭނީ ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި އަދި ރައީސް އެވެ.

އެއްވެސް ބަޔަކު ވެދޭ އެހީއަކީ އަނެއް ބައެއްގެ ނިކަމެތިކަމުން ނަގާ ފައިދާއަކަށްވާ ނަމަ، އެއީ ރަނގަޅު ރައްޓެހިންނެއް ނޫންކަން ވެސް ގަބޫލުކުރަން ޖެހެ އެވެ. ތިމަތިމަންނަމެންގެ އަމިއްލަ އެދުމަށް ހުރިހާ ކަމެއް ގުރުބާން ކުރުމުގެ ވިސްނުން ވެސް އެއްފަރާތް ކުރަން ޖެހެ އެވެ. އަޅުގަނޑުމެން ކޮންމެ މީހަކަށް ވުރެ މި ގައުމު ބޮޑެވެ. އަދި މި ގައުމަކީ ކުރިއަށް އޮތް ޖީލުތަކުގެ އަމާނާތެއް ވެސްމެ އެވެ. އަޅުގަނޑުމެން މިއަދު އެކަން ނުކޮށްފި ނަމަ، މުސްތަގުބަލުގެ ދަރީން އަޅުގަނޑުމެންނަށް ލައުނަތް ދޭނެކަން ގަބޫލުކުރަން ޖެހެ އެވެ. ފަންސާސް މިލިއަން ޑޮލަރު ހަރުދުވާ މަޝްރޫއަކީ ރާއްޖެއަށް ވެސް ހިންގިދާނެ ވަރުގެ މަޝްރޫއުއެކެވެ. އެކަކުންޏެއްގެ ވަރުން ހަރުކޮނުމުން ރަނގަޅުވާނެ އެވެ.

comment ކޮމެންޓް