އިންޑިއާގެ ތާއީދު ހޯދަން މަޖިލީހުގައި މި ކުޅެނީ ޑްރާމާއެއް: ޓޮމް

މެމްބަރު ތޯރިގު: އޭނާ ވަނީ ނަޝީދުއަށް ފާޑުވިދާޅުވެފައި -- ފައިލް ފޮޓޯ/ މަޖިލިސް

ރިޔާސަތަށް ފާޑުވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުޅެމުން ދަނީ ޑްރާމާއެއް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

ތޯރިގު އެހެން ވިދާޅުވެފައި ވަނީ، މެންބަރުންގެ ލަފަޔާއި އިރުޝާދު ހޯއްދެވުމަށް ރައީސް ނަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަނީގެ މައްސަލަ ދިރާސާ ކުރަމުންދާ މުޅި މަޖިލީހުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދައުރުން ފެށިގެން މިއަދާ ހަމައަށް މާލީ ވަޒީރުކަން ކުރެއްވި ވަޒީރުން ހާޒިރުކޮގެން މިއަދު ކުރިއަށް ގެންދިޔަ ކޮމެޓީގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ އިންޑިއާގެ އެހިތެރިކަމާ އެކު ކަމަށާއި މިހާރު ޖެހިގެން އުޅޭ މައްސަލައަކީ ކުރިއަށް ދެން އޮންނަ އިންތިހާބެއްގައި އިންޑިއާގެ ތާއިދު ލިބޭނީ ކޮން ފަރާތެއްކަން ކަށަވަރު ނުވާ މައްސަލަ ކަމަށެވެ.

"... މިހާރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގައި އިންޑިއާއިން ތާއިދު ކުރާނީ ރައީސް ނަޝީދަށްތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްތޯ ބެލުމުގެ ރޭހެއްގެ ޑުރާމާ މިތާންގައި މި ކުޅެމުން ދަނީ. އެ ޑުރާމާގައި މި އަދަބު ލިބިގެން ދަނީ ނުވަތަ މިވާހަކަތަކުގެ ތެރޭގައި ހަލާކުވެގެން ދަނީ ޗައިނާ އާއި ދިވަހިރާއްޖެއާ ދެމެދު މި އޮތް ގުޅުން،" އިދިކޮޅު ޕީޕީއެމްގެ މެންބަރު ތޯރިގު ވިދާޅުވި އެވެ.

ތޯރިގުގެ އެވާހަކަތައް ރައީސް ނަޝީދު ވަނީ ހުއްޓުވައިފަ އެވެ. އަދި ކުރަން ބޭނުންވާ ސުވާލުތައް ކުރުމަށް އެދިވަޑައިގަތެވެ.

މަޖިލިސް ރައީސް އާއި ތޯރުގުއާ ދެމެދު ދެކެވުނު ވާހަކަ:

"އިއްޒަތްތެރި ރައީސް އަޅުގަނޑު އިއްޒަތްތެރި ރައީސް ވެސް ވާހަކަދައްކަވާ ގަޑީގައި ގަޑި ހުއްޓާލާފައި މި ބައިންދަނީ އެއީ އަޅުގަނޑުގެ ހަތަރު މިނެޓް ހަމަވަންދެން،"

"އިއްޒަތްތެރި މެންބަރު ހަތަރު މިނެޓް ތިބޭފުޅާއަކަށް އަޅުގަނޑު އެރުވި ވާހަކައެއް ނުދަންނަވަމޭ. އަޅުގަނޑު މި ދެންނެވީ އާންމުކޮށް އަޅުގަނޑު ހަތަރު މިނެޓޭ އަރުވަނީ ދެ މިނެޓް ވެސް އެރުވިދާނެ އޭ،"

"އަޅުގަނޑަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާ. އެހެންވީމަ ރިޔާސަތުން އެކަނި ބައިންދާފައި މަޖިލިސް ރައީސްގެ ކޮޓެރީގައި ހުރިހާ މިނިސްޓަރުން ގެނައިސްގެން ސުވާލު ކޮށްލާފައި ނިންމާލަންވީ ނޫން ތޯ. ކީއްކުރަންތޯ މިތާ މަޖިލިސް މެންބަރުން ބައިތިއްބަވަނީ،"

"އިއްޒަތްތެރި މެންބަރު ބައެއް ދުވަސް ދުވަހު އެހެން ވެސް ހަދަމޭ،"

މަޖިލިސް ރައީސްއާ ތޯރިގުއާ ދެމެދު 'ހޫނުކޮށް' ދެކެވުނު އެ ވާހަކަތައް ފަހު ތޯރިގު ވަނީ އިތުރަށް ވާހަކަތައް ކުރިއަށް ގެންދަން ބޭނުންނޫން ކަމަށް ވިދާޅުވެ ވާހަކަ ކުރުކޮށްލާފަ އެވެ.

"އެގޮތަށް ހައްދަވާލެއްވީމަ މާ ރަނގަޅު ވާނެ އިއްޒަތްތެރި ރައީސް. މިހާރު މިއުޅޭނީ އިންޑިއާގެ ތާއިދު ނުލިބިދާނެތީ ޑްރާމާ ކުޅެން. އަޅުގަނޑުގެ ވާހަކަ ނިމުނީ މިހިސާބުން." ތޯރިގު ވިދާޅުވި އެވެ.

comment ކޮމެންޓް