ރަށަށް ދާން ބޭނުންވާ ކަމަށް ބުނެ، ބިދޭސީންތަކެއް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދަށް ޖަމާވާން ފެށުމުން ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހުން ފޮނުވާލައިފި އެވެ.
މިއަދު ހެނދުނު ގާތްގަނޑަކަށް 9:00އިން ފެށިގެން، ބިދޭސީންތަކެއް ގަލޮޅުދަނޑު ކައިރީ ކިޔު ހަދަން ފެށި އެވެ. އަދި އެ ކިޔޫގައި ތިބި ބައެއް ބިދޭސީން "ސަން"އަށް ބުނީ އެ މީހުން އެތަނަށް އައީ، އަނބުރާ ރަށަށް ދާން ނަން ނޯޓް ކުރަން ބޭނުން ވާތީ، އެކަމަށް އެދެން ކަމަށެވެ.
އެމީހުން ބުނާގޮތުން މިދިޔަ ބުރާސްފަތި ދުވަހުވެސް އަނބުރާ ރަށަށް ދިޔުމައްޓަކައި، ނަން ނޯޓު ކުރުމަށް އެ ސަރައްހަދަށް އެއްވި ކަމަށެވެ. އެދުވަހު ފުލުހުން އެންގީ ސަރުކާރު ހުޅުވުމުން މިއަދު ހެނދުނު އައުމަށްކަމަށް އެމީހުން ބުންޏެވެ.
"މުޒާހާރާ ކުރަން ނޫން އެއްވީ. ޕޮލިސް ބުނަނީ، މިއަދު ހެނދުނު އަންނަ ރަށަށް ދާން ނަން ނޯޓު ކުރަން. ފިންގާ ޖަހަން،" އެ ސަރަހައްދުގައި ހުރި ބިދޭސީއަކު ބުންޏެވެ.
"ސަން"އާ ވާހަކަ ދެއްކި ހުރިހާ ބިދޭސީންގެ ވާހަކަތައް ވެސް ހުރީ އެކަހަލަ ގޮތަކަށެވެ.
ނަމަވެސް، އިކޮނިމިކް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ބިދޭސީންނާ ގުޅޭ އެއްވެސް ކަހަލަ ހަރަކާތެއް ގަލޮޅުދަނޑުގައި މިނިސްޓްރީއިން ނުހިންގާ ކަމަށާއި އެ މީހުން އެތަނަށް ޖަމާވެގެން އުޅެނީ އަމިއްލައަށް ކަމަށެވެ.
އެ މީހުން އެ ސަރަހައްދަށް ޖަމާވެ ކިޔޫ ހަދަން ފެށުމުން އިރުކޮޅެއް ނުވެ ފުލުހުން އެ ސަރަހައްދަށް އައިސް އެ މީހުން ފޮނުވާލި އެވެ. ނަމަވެސް އަނެއްކާ ވެސް އެމީހުން އެ ސަރަހައްދަށް އެއްވާން ފެށުމުން، އެސްއޯ ފުލުހުން އެމީހުން އެ ސަރަހައްދުން ދުރުކުރުމުގެ މަސައްކަތް ކުރި އެވެ. އަދި އަނބުރާ ފޮނުވާލުމުންވެސް އަނެއްކާވެސް އެތަނަށް ބިދޭސީން ޖަމާވި އެވެ. އެގޮތުން ތިން ހަތަރު ފަހަރު މަތިން ބިދޭސީން އަތަނުން ފޮނުވާލުމުގެ މަސައްކަތް ފުލުހުން ކުރަން ޖެހުނެވެ.
އެންމެ ފަހުން ފުލުހުންނަށް ޖެހުނީ އެ ސަރަހައްދު ދޫކޮށް ނުދާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނާށެވެ. އެގޮތުން ހަތަރު ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަފު ފެނުނެވެ.
ފުލުހުން ބުނީ، ބިދޭސީންތަކެއް ގަލޮޅުދަނޑު ހިމެނޭ ސަރަހައްދަށް އެއްވެފައި ވާތީ، އެ މީހުން މިހާރު ފޮނުވާލާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ބިދޭސީން ބުނީ، އެމީހުން ރަށަށް ދާން ބޭނުން ވަނީ، މިހާރު މަސައްކަތެއް ނެތި، އެއްވެސް ފައިސާއެއް ނުލިބޭތީ ކަމަށެވެ. އަދި ބައެއް މީހުންނަށް މަސައްކަތް ކުރުމަށްފަހު، މުސާރަވެސް ނުދޭ ކަމަށް އެމީހުން ބުންޏެވެ. އެއާއެކު މިހާރު ރާއްޖޭގައި އުޅޭވޭނެ ގޮތެއް ނެތް ކަމަށް އެ މީހުން ބުންޏެވެ.
"މިހާރު ކާން ލާރި ނެތީ. ގެސްޓް ހައުސް ކުލި ދައްކަން ލާރި ނެތީ. ތިން މަސް ވަނީ ރަށުން ފައިސާ ގެނެސްގެން ގެސްޓް ހައުސް ލާރި ދައްކަނީ،" ބިދޭސީއަކު ބުންޏެވެ.
ބިދޭސީންނަށް މުސާރަ ނުދިނުމާއި އެހެން ވެސް ސަބަބުތަކާ ހުރެ، އެ މީހުން މިފަހުން އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. އަދި އެ އިހުތިޖާޖުތަކުގައި އެ މީހުން ފުލުހުންނަށާއި ތަކެއްޗަށް ގެއްލުން ވެސް ދީފައިވެ އެވެ. އެ މުޒާހަރާތަކާ ގުޅިގެން ސަރުކާރުން ތުހުމަތު ކުރަނީ އެކަމަކީ ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށެވެ.