އެެމެރިކާގެ ޚާރިޖީ ވަޒީރު ތާލިބާނުންގެ ޚާރިޖީ ވެރިޔާއާ ސީދާގޮތެއްގައި މަޝްވަރާ ކުރައްވައިފި

އެމެރިކާގެ ޚާރިޖީ ވަޒީރު ތާލިބާނުންގެ ޚާރިޖީ ވެރިޔާ މުއްލާ ބުރަދާރާއެކު ވީޑިއޯ ކޮނެފެރެންސް މެދުކޮށް މަޝްވަރާ ކުރައްވަނީ

ވޮޝިންޓަން (އޮގަސްޓް 04) : އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކުރާ އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުގެ އިސްވެރިއެއްކަމަށްވާ މުއްލާ އަބްދުލްޣަނީ ބުރަދާރު އާ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ސީދާ ގޮތެއްގައި މަޝްވަރާކުރައްވައިފި އެވެ.

ވީޑިއޯ ކޮންފެރެންސް ޓެކްނޮލޮޖީ މެދުވެރިކޮށް ޕޮމްޕެއޯ މުއްލާ ބުރަދާރު އާ މަޝްވަރާކުރެއްވީ އަފްޣާނިސްތާނުގެ ހާލަތާ ބެހޭ ގޮތުންނާ އަދި އަފްޣާން ސަރުކާރުން ތާލިބާނުންނާއެކު ފެށުމަށް ތައްޔާރުވަމުންދާ ސުލްޙައިގެ ވާހަކަތަކާ ބެހޭ ގޮތުން ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ ބުނެއެވެ. މުއްލާ ބުރަދާރު އަކީ ތާލިބާނުންގެ ޚާރިޖީ ކަންތައްތަކާ ބެހޭ އިސްވެރިޔާ އެވެ.

ތާލިބާނުންނަކީ އެމެރިކާއިން އަދިވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފކުރާ ޖަމާއަތެކެވެ. ނަމަވެސް އަފްޣާނިސްތާނުގައި އެމެރިކާއާއި ނޭޓޯ ގުޅިގެން 18 އަހަރުވަންދެން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކޮށްގެން ވެސް އެމެރިކާއާއި ނޭޓޯއަށް ތާލިބާން އެއްވެސް ވަރަކަށް ބަލިކޮށްލެވިފައެއް ނުވެ އެވެ. ތާލިބާނުން ބަލިކޮށްލުމުގައި އެމެރިކާ ނާކާމިޔާބުވުމާ އެކު ހަދާނެ ގޮތްހުސްވެގެން އެމެރިކާ ވަނީ ގަތަރު މެދުވެރިއެއްގެ ބައި އަދާކުރާގޮތަށް ތާލިބާނުންނާއެކު 2017ގައި ސުލްހައިގެ ވާހަކަތައް ފަށައިފަ އެވެ.

އެމެރިކާއާއި ތާލިބާނުން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުން

މިވާހަކަތަކުގައި އެމެރިކާ ތާލިބާނުންނަށް ބޮޑެތި ދޫތަކެއް ދިނުމާ އެކު 2019 ވަނަ އަހަރު ވާހަކަތައްވަނީ ކާމިޔާބުވެފަ އެވެ. އެމެރިކާ ދޫތަކެއް ދިންއިރު ތާލިބާނުން ވެސް ބައެއް ދޫތައް ދީފައިވެ އެވެ. ތާލިބާނުން ދިން ދޫތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް ޓަކައި އަފްޣާން ސަރުކާރާ ވާހަކަދައްކައިގެން އެދެފަރާތުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ތާލިބާން އެއްބަސްވުން ހިމެނެ އެވެ.

ކުރިން ތާލިބާނުންނަކީ އަފްޣާން ސަރުކާރަކީ އެމެރިކާގެ ގޮނޑިކޮއްކޮ އެއްކަމަށް ބުނެ އަފްޣާން ސަރުކާރާ ވާހަކަދައްކަން ދެކޮޅު ހެދި ބައެކެވެ. އެމެރިކާއާއި ތާލިބާނުންގެ ސުލްހައިގެ ވާހަކަތައް ކާމިޔާބުވީ މަރުހަލާތަކަކަށް ބަހާލައިގެން އަފްޣާނިސްތާނުން އެމެރިކާގެ ހުރިހާ ސިފައިން ބޭލުމަށް އެމެރިކާ ވެސް އެއްބަސްވުމުންނެވެ.

ތާލިބާނުންނާއި އެމެރިކާއިން 2019 އަހަރު ސޮއިކުރި ސުލްޙައިގެ އެއްބަސްވުމާ އެއްގޮތަށް ފުރަތަމަ މަރުހަލާގައި އެމެރިކާ ވަނީ އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ ދެބައިކުޅަ އެއްބައި މީހުން ބާލައިފަ އެވެ. ދެވަނަ މަރުހަލާގައި އެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ހަމަޖެހިފައިވާއިރު އެމަރުޙަލާ ފެށޭނީ ތާލިބާނުން އަފްޣާން ސަރުކާރާ ސުލްޙައިގެ ވާހަކަތައް ފަށައި އެވާހަކަތައް ކާމިޔާބުވެ ސިޔާސީގޮތުން ވެރިކަން ހޯދަން މަސައްކަތްކުރާ ޖަމާއަތަކަށް ތާލިބާން ވުމުންނެވެ.

އެމެރިކާއާއި ތާލިބާނުންގެ ސުލްހައިގެ އެއްބަސްވުމުގެ ދަށުން މިނިވަން ކުރަންޖެހޭ އަސީރުން މިނިވަންކުރުމުގެ ކަންތައް ކުރިޔަށް އެބަގެންދެއެވެ. މިގޮތުން މިހާތަނަށް 4917 އަސީރުން ވަނީ މިނިވަންކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ތާލިބާނުންގެ އަސީރުންނާއި އަފްޣާން ސަރުކާރުގެ އަސީރުން ހިމެނޭކަމަށް ތާލިބާނުން ބުނެފައިވެ އެވެ.

ތާލިބާނުންގެ ތަރުޖަމާނު ސުހައިލު ޝާހީން ބުނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ތާލިބާނުންގެ ސިޔާސީ ގޮފީގެ އިސްވެރިޔާ މުއްލާ އަބްދުލްޣަނީ ބުރަދާރު ގެ މަޝްވަރާތައް ކާމިޔާބުކަމަށާ އެމެރިކާއާއި ތާލިބާނުންގެ ގުޅުންތައް މިހާރު ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމުގައެވެ. ސުލްހައިގެ އެއްބަސްވުމާއެކު އެއްބަސްވުމަށް އަމަލު ކުރެވެމުންދާތީ އެމެރިކާއާއި ތާލިބާނުންގެ މެދުގައި އިތުބާރު ގާއިމް ކުރެވިފައިވާ ކަމަށް ވެސް ތާލިބާނުންގެ ތަރުޖަމާނު ވިދާޅުވި އެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

comment ކޮމެންޓް