މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށް ޝަމީމް އިސްތިއުފާ ދެއްވައިފި

ދަރުބާރުގެ ގޭގައި މިއަދު ބޭއްވި ސިވިސް ސާވިސް ކޮންފަރެންސްގައި ޑރ. އަލީ ޝަމީމް ވާހަކަ ދައްކަވަނީ---ސަން ފޮޓޯ: ފަޔާޒު މޫސާ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިއަދު ހެނދުނެވެ.

އިސްތިއުފާ ދެއްވި އިރު ޝަމީމްގެ އިތުރުން ސީއެސްސީގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި އިތުރު ދެ މެމްބަރަކު ހިމެނޭ ގޮތަށް ހަތަރު މެމްބަރުން މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައި އެކުލަވާލި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސިވިލް ސާވޮސް ކޮމިޝަންގެ ރައީސް މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމުގެ މައުލޫމާތު މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ކޮމެޓީ ރިޕޯޓަށް ވޯޓު ނެގުމުގައި ރައީސް ހިމަނަން ނުޖެހޭނެ ކަަމަށެވެ.

ސީއެސްސީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން މެމްބަރު ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު ވަކިކުރަން ކޮމެޓީން ނިންމީ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.

އެ ހަތަރު މެމްބަރުންގެ އިތުރުން ކޮމިޓީގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއިން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް