ޖޭޕީން މަޖިލިސް ބޮައިކޮޓްކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ

މަޖިލީހުގެ ރައީސް ނަޝީދު އަދި ޖޭޕީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް: ނަޝީދު ވިދާޅުވަނީ އެ ޕާޓީން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާ ކަމަށް --- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޮައިކޮށްޓް ކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށް އެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާގައި ހިނގާދިޔަ ކަނައްތައްތަކަށް ފަހު މަޖިލީހުގެ ރައީސްއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އިދިކޮޅުން ވަނީ ޖަލްސާތައް ބޮއިކޮޓް ކޮށްފަ އެވެ.

މިއަދުގެ ނުވައެއް ޖެހިއިރު މަޖިލިސް ފައްޓަވައި ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެވަގުތު ޖަލްސާއަށް ހާޒިވެވަޑައިގަތް ތިއްބެވީ 23 މެންބަރުން ކަމަށެވެ. މަޖިލީހުގެ ޖުމްލަ އަދަދަކީ 87 އެކެވެ.

ހެނދުނު ސައިގެ ވަގުތަށް ޖަލްސާ މެދު ކަނޑާލުމުގެ ކުރިން ރައީސް ނަޝީދު ވަނީ ޖޭޕީގެ އެއްވެސް މެންބަރަކު ޖަލްސާއަށް ހާޒިރުވެފައިނުވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.

"އަޅުގަނޑު ތަޅުމަށް ބަލާލާއިރު އަދި މިއަދުގެ ހާޒިރީއަށް ބަލާލާއިރުގައި ޖުމްހޫރީ ޕާޓީ ބޮއިކޮޓްގައި ތިބި ކަމަށް އެބަފާހަގަވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެކަން ޖޭޕީން ވަނީ ދޮގުކޮށްފަ އެވެ. އެޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ، ޖޭޕީން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާ ކަމަށް ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެކަން ޖޭޕީގެ ޕީޖީ ގްރޫޕް މެންބަރުން ދޮގު ކުރައްވާ ކަން ވެސް އަލީ ސޯލިހު ފާހަގަ ކުރެއްވި އެވެ.

ރައީސް ނަޝީދު މިއަދު ވަނީ އިދިކޮޅުން މަޖިލިސް ޖަލްސާތައް ބޮއިކޮޓް ކޮށްފައިވާތީ އެކަމާއި ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.

އެގޮތުން އިދިކޮޅު މެންބަރުން ޖަލްސާއަށް ވަޑައިނުގަތް ނަމަވެސް އެކަން މަޖިލީހުން ފާހަގަ ނުވާކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަން ފާހަގަނުވަނީ އެ މެންބަރުން ވެސް މީގެ ކުރިން މަޖިލީހަށް ވަޑައިނުގަންނަވާތީ ކަމަށް ވެދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް