ކާބުލް (މެއި 25): އަފްޣާނިސްތާނުގެ ޖަލުތަކުގައި ތިބި ތާލިބާން ޖަމާއަތުގެ 2،000 މެމްބަރަކު މިނިވަން ކުރުމުގެ މަސައްކަތް ރައީސް އަޝްރަފް ޣަނީ ފައްޓަވައިފި ކަމަށް އެގައުމުން ބުނެފި އެވެ.
ޣަނީގެ ތަރުޖަމާނު ސިއްދީގު ސިއްދީގީ ޓުވިޓާ މެދުވެރިކޮށް ވިދާޅުވި ގޮތުގައި ސަރުކާރުން ތާލިބާނުގެ ގައިދީން މިނިވަން ކުރަން ނިންމާފައި ވަނީ އެ ޖަމާއަތާ އެކު ސުލްހަ ގާއިމު ކުރުމުގެ މަސައްކަތް ކާމިޔާބު ކުރުމުގެ ގޮތުންނެވެ. އަފްޣާން ސަރުކާރުން އެފަދައިން އިއުލާން ކުރީ ތާލިބާނުން އީދުގެ ތިން ދުވަހު ހަމަލާތައް ނުދޭނެ ކަމަށް އެ ޖަމާއަތުން މިދިޔަ ހޮނިހިރު ދުވަހު ބުނި ފަހުންނެވެ.
ރައީސް ޣަނީ ވިދާޅުވި ގޮތުގައި ސަރުކާރުން އޮތީ ތާލިބާނާއާ އެކު ސުލްހައިގެ ވާހަކަތައް ފަށަން ތައްޔާރަށެވެ. އަދި ސަރުކާރުގެ ޑެލިގޭޝަނުގައި އިސްކޮށް ހުންނަވާނީ ޣަނީއާ އެކު ބާރުތައް ހިއްސާ ކުރުމުގެ އެއްބަސްވުމެއް ހައްދަވާފައިވާ، އެގައުމުގެ ކުރީގެ ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ އެވެ. މިހާރު އަބްދުﷲއަކީ އެގައުމުގައި ސުލްހަ ގާއިމުކުރުމުގެ ކަންތައްތައް ބަލަހައްޓާ އަދި ތަންފީޒުކުރާ ގައުމީ އެއްބައިވަންތަކަމުގެ އެންމެ މަތީ ކައުންސިލުގެ ޗެއާމަނެވެ.
މިދިޔަ ފެބްރުއަރީ މަހު އެމެރިކާއިން ވަނީ އަފްޣާން ހަނގުރާމަ ހުއްޓާލުމަށް ތާލިބާނާ އެކު އެއްބަސްވުމެއް ހަދާފަ އެވެ. އެ އެއްބަސްވުމުގައި އެމެރިކާއިން ވަނީ އަފްޣާންގައި ތިބި އެމެރިކާގެ ސިފައިން ބާލާނެ ކަމަށް ބުނެފަ އެވެ. އަދި ތާލިބާނުން ވަނީ އެޖަމާއަތުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި އެހެން ޖަމާއަތްތަކުން ހަރަކާތްތެރިވާން ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން އެ އެއްބަސްވުމުގައި ވަނީ އަފްޣާން ސަރުކާރާއި ތާލިބާނާ ދެމެދު ސުލްހަ ގާއިމު ކުރުމުގެ ކުރިން ސަރުކާރުން ތާލިބާނުގެ 5،000 ގައިދީންނާއި ތާލިބާނުން ސަލާމަތީ ފައުޖުތަކުގެ 1،000 މެމްބަރަކު މިނިވަން ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ތާލިބާނުން ވަނީ ސަރުކާރާ އެކު ސުލްހައިގެ މަޝްވަރާތައް ފެށޭނީ އެ ގައިދީން މިނިވަންކޮށް ނިމުމުން ކަމަށް ބުނެފަ އެވެ.