ކާބުލް (މެއި 12): އިސްލާމިކް ސްޓޭޓް (އައިއެސް)އިން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަ ލީޑަރު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހައްޔަރުކޮށްފި ކަމަށް އެގައުމުގެ ޖާސޫސީ އިދާރާއިން ބުނެފި އެވެ.
އަފްޣާން ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ނެޝަނަލް ސެކިއުރިޓީ (އެންޑީއެސް) އާއި އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އަބޫ އުމަރު ޚުރަސާނީ ހައްޔަރުކޮށްފައި ވަނީ ދެކުނު އޭޝިއާގައި ހުންނަ އެ ގުރޫޕުގެ ޖާސޫސީ އިސް ވެރިޔާ އާއި ތަރުޖަމަނަކާ އެކުގަ އެވެ.
އެ ބަޔާނުގައި ވަނީ އެމީހުން ހައްޔަރު ކުރުމަށް އޮޕަރޭޝަން ކުރިއަށްގެންދިޔައީ މީގެ ކުރިން ހައްޔަރު ކުރި އައިއެސްގެ އިސް ހަތަރު މެމްބަރަކު ދިން މައުލޫމާތަށާއި ޖާސޫސީ ހޯދުންތަކަށް ބިނާކޮށެވެ.
އައިއެސްއިން ވަނީ ފާއިތުވި އަހަރުތަކުގައި އަފްޣާނިސްތާނުގައި ވަރުގަދަ ހަމަލާތައް ދީފަ އެވެ. އެ ޖަމާއަތުން އާއްމު ގޮތެއްގައި ހަރަކާތްތެރި ވަނީ އެގައުމުގެ އުތުރުގައި ކަމަށްވީ ނަމަވެސް އައިއެސްއިން ވަނީ އެގައުމުގެ ދެކުނުގައިވެސް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ މައިގަނޑު ހަނގުރާމަވެރި ޖަމާއަތަކީ ތާލިބާނެވެ. އެ ޖަމާއަތުން ވަނީ އެގައުމުގައި ތިބި އެމެރިކާ ސިފައިން އަފްޣާނުން ބޭލުމަށް ޝަރުތުކޮށް، އެމެރިކާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ތާލިބާނުން ވަނީ އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ އެއްވެސް ސަރަހައްދެއްގައި އެއްވެސް އަސްކަރީ ޖަމާއަތަކަށް ހަރަކާތްތެރިވާން ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.