ގޭގައި ކުދިން އުޅޭ އިރު ނަފްސާނީ ދުޅަހެޔޮކަން އިތުރުވާނެ ގޮތަކަށް ކަންކަން ރޭވުން މުހިންމު: އެޗްއާރުސީއެމް

ކުޑަކުއްޖަކު ޓީވީ ބަލަނީ: ރޭއްޖޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ގޭގައި ކުޑަކުދިން ތިބޭއިރު ނަފްސާނީ ދުޅަހެޔޮކަން އިތުރުވާނެ ގޮތަކަށް ކަންކަން ރޭވުން މުހިންމު ކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޭގައި ކުދިން ހޭދަ ކުރާ ވަގުތަކީ އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ގޮތަކަށް ކަންކަން ރޭވިފައިވާ ވަގުތުތަކަށް ހެދުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސްބަތުގައި އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ބޭނުމަކީ ކުޑަކުދިންގެ ހައްގުތަކަށް މުޖުތަމައު ހޭލުންތެރިކޮށް، ގާނޫނީ ގޮތުން އެކުދިންނަށް ލިބިދޭ ރައްކާތެރިކަމާ އެންމެހާ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބާރުއެޅުމާއި، އެ ކުދިންނަށް ބޭނުންވާ އެކަށޭނަ ތައުލީމާއި ތަރުބިއްޔަތުދީ، އަމާން ވެއްޓެއް ގާއިމްކުރުމަށް މަސްޣޫލުވާ ފަރާތްތަކުގެ ޒިންމާ ހަނދާންކޮށްދިނުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ކުޑަކުދިންނަށް ހެދިބޮޑުވެވޭނެ މާޙައުލެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުމަށް ކަމަށެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަންޖެހިފައި މިވަނީ ކޮވިޑް-19 ބަލިމަޑުކަން މުޅި ދުނިޔެ ތަޙައްމަލުކުރަމުންދާ ޙާލަތެއްގައި ކަމަށާއި އެއާ އެކު ގެއިން ބޭރަށް ނިކުތުން ރައްކާތެރި ނޫން މި ދަނޑިވަޅުގައި ގޭގޭގައި ތިބޭ ކުދިންގެ ރައްކާތެރިކަން ކޮންމެ މީހަކު ވެސް ކަށަވަރު ކުރަން ޖެހޭނެ ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ.

"މަދަރުސާތަކާއި ތަޢުލީމުދޭ އެހެނިހެން މަރުކަޒުތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ދަރިވަރުންގެ އުނގެނުމުގެ ޙައްޤު ކަށަވަރުކުރުމަށް ދައުލަތާއި ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދިނުމުގެ މުހިންމުކަން ފާހަގަކުރަމެވެ. އަދި ގޭގައި ކުދިން ހޭދަ ކުރާ ވަގުތަކީ އުފާވެރި، އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ގޮތަކަށް ކަންކަން ރޭވިފައިވާ ވަގުތުތަކަށް ހެދުމަށް އިލްތިމާސްކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

މި ޙައްޞާޞީ ދަނޑިވަޅުގައި، ޚާއްޞަ އެހީއާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ޢާއިލާއިންނާއި ދައުލަތުން ފޯރުކޮށްދޭންޖެހޭ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ އަހައްމިޔަތުކަމެއް ދިނުމުގެ މުހިންމުކަން އެޗްއާރުސީއެމުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، އެފަދަ ކުދިންނަށް ބޭނުންވާ ޞިއްޙީ އަދި އެހެނިހެން އަސާސީ ކަންކަން ފުރިހަމަ ކުރެވޭނެ ހަރުދަނާ ނިޒާމެއް ވީހާވެސް އަވަހަށް ޤާއިމުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއަކަށްވީ ހިނދު، ކުޑަކުއްޖަކަށް އަނިޔާ ލިބޭކަން އެނގޭނަމަ ލަސްނުކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަށް ރިޕޯޓުކުރުމަށް ވެސް އެޗްއާރުސީއެމުން ވަނ އިލްތިމާސްކޮށްފަ އެވެ.. އަދި ކުޑަކުދިންނާ ގުޅުންހުރި ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި، އެކުދިންގެ ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ރިޕޯޓުކުރުމަށް އެންމެހާ ފަރާތްތަކަށް ވަނީ ނަޞޭހަތްތެރިވެފަ އެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ އާ ޤާނޫނާއި ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް ޢަމަލު ކުރަން މިއަހަރު ވަނީ ފަށާފައެވެ.

އެޗްއާރުސީއެމަށް ހުށަހެޅޭ ކުޑަކުދިންނާގުޅުންހުރި، މައްސަލަތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ ޖިސްމާނީ، ނަފްސާނީ، އަދި ޖިންސީ އަނިޔާގެ މައްސަލަތަކާއި، ހަނގާކުރުމުގެ މައްސަލަތަކާ އަދި އިހުމާލުގެ މައްސަލަތައް ހިމެނޭ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް