ރެހެންދި ސްކޫލުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ ފަތިސް ނަމާދުން

ރެހެންދި ސްކޫލްގެ ދަރިވަރުން ފަތިސް ނަމާދުގެ ޖަމާއަތުގެ -- ފޮޓޯ/ ރެހެންދި ސްކޫލް

ހުޅުމާލެ ރެހެންދި ސްކޫލްގައި މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ ފަތިސް ނަމާދުގެ ޖަމާއަތުގައި ދަރިވަރުން ނަމާދު ކުރުމުން ކަމަށް އެ ސްކޫލުން ބުނެފި އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން އެ ސްކޫލްގައި ފަތިސް ނަމާދުގެ ބޮޑު ޖަމާއަތް ބާއްވާފައި ވަނީ އެ ސްކޫލްގެ ހުސްތަނުގަ އެވެ. އެ ޖަމާއަތުގައި ދަރިވަރުންގެ އިތުރުން ސްކޫލްގެ ޓީޗަރުންނާއި ބައެއް ބެލެނިވެރިން ވެސް ބައިވެރިވި އެވެ.

ފަތިސް ނަމާދު ވަގުތަކީ، ފަތިހު 5:03 އެވެ.

ރެހެންދި ސްކޫލްގައި ޖަމާއަތުގައި ފަތިސް ނަމާދު ކުރަނީ -- ފޮޓޯ/ ރެހެންދި ސްކޫލް

ފަތިސް ނަމާދުގެ ޖަމާއަތުގެ ފޮޓޯތަކާ އެކު އެ ސްކޫލުން އާންމު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، އެ ސްކޫލުން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ ދަރިވަރުންގެ ދުވަސް ފަތިސް ނަމާދުން ފެށުމަށް ނަސޭހަތްތެރިވުމުގެ ގޮތުން ކަމަށެވެ. އަދި ނަމާދު ކުރުމުގެ މުހިންމުކަން ދަރިވަރުންނަށް ބުނެދިނުމަކީ ވެސް އެކަމުގެ ބޭނުމެއް ކަމަށް އެ ސްކޫލުން ބުންޏެވެ.

ރެހެންދި ސްކޫލުގައި 1،500 އެއްހާ ދަރިވަރުން ތައުލީމު ހާސިލް ކުރާއިރު އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް ސްކޫލެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ސްކޫލްތަކުގެ ކިޔެވުން ފަތިސް ނަމާދުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބާރު އަޅާ ކަމަށެވެ.

comment ކޮމެންޓް