ދެވަނަ ޓާމްގައި ކިޔަވާ ދުވަސްތައް މަދުކޮށް، ބޮޑު ޗުއްޓީ މެއި އެކަކަށް

ދެވަނަ ޓާމްގައި ކިޔަވާ ދުވަސްތައް މަދުކޮށް، ބޮޑު ޗުއްޓީ މެއި އެކަކަށް ހަދަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ މި އަހަރުގެ މެއި މަހުގެ އެކެއްގައި ލިބޭ ގޮތައް ނިންމައިފިއެވެ.

މި އަހަރުގެ އެކަޑަމިކް ކަލަންޑަރުން ދައްކާ ގޮތުގައި އިއްޔެ ފެށި ދެވަނަ ޓާމު ނިމޭނީ މި އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނި އަންނަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި، 2023/2024ގެ ދިރާސީ އަހަރުގެ ކަލަންޑަރުގައި އޮތް ގޮތުން ދެވަނަ ޓާމް ނިމޭނީ ޖޫން 13ގައެވެ. އަދި ޖެހިގެން އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖުލައި 31ގައެވެ.

ދިރާސީ އަހަރުގެ ކަލަންޑަރަށް އެ ބަދަލުތައް ގެންނަނީ، ދިރާސީ އައު އަހަރު ޖެނުއަރީ މަހު ފަށައި އަހަރީ ޗުއްޓީ ޑިސެމްބަރުގައި ލިބޭ ގޮތަށް ހެދުމަށެވެ. އެ ބަދަލު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ، ދިރާސީ އާ އަަހަރުގެ ކިޔެވުން 2026ވަނަ އަހަރުން ފެށިގެން ޖެނުއަރީގައި ފަށާ ގޮތަށް ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ބަދަލާއެކު 2025ވަނަ އަހަރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން ފެށުން އަހަރު މެދަށް ބަދަލުކުރީ، ޓޫރިޒަމްގެ ޕީކް ސީޒަން ޑިސެމްބަރުގައި އަންނާތީ، ރިސޯޓު މުވައްޒަފުންނަށް އެ މީހުންގެ ދަރިންގެ ގާތުގައި ޗުއްޓީ ހޭދަކުރަން ދަތިވާތީކަމަށް ބުނެއެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނެވީ ދިރާސާކުރުމަށްފަހުގައެވެ. ނަމަވެސް ބަދަލު ގެނައުމާއެކު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ޖޫން، ޖުލައިއަކީ މޫސުމީ ވިއްސާރަ އަންނަ ދުވަސްވަރަކަށް ވަތީ ދަތުރުފަތުރަށް ހުރަސް އެޅޭކަމަށް ބުނެއެވެ.

comment ކޮމެންޓް