ބަދަލާއެކު، ގްރޭޑް 8ގެ ދަރިވަރުންނަށް ގެއްލުނު ހަ މަސްދުވަސް ލިބޭނެ: މިނިސްޓަރު

އިސްކަންދަރު ސްކޫލުގެ ދަރިވަރުން -- ފޮޓޯ: އިސްކަންދަރު ސްކޫލު

މިހާރު ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އަންނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމުގެ ސަބަބުން ދަރިވަރުން ސިލަބަސް ކަވަރުކުރަން އިތުރު ވަގުތު ލިބި، ކުރިން އެ ކުދިންގެ ކިޔެވުމުން ގެއްލުނު ހަ މަސްދުވަސް އެ ކުދިންނަށް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިރޭ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފައިވާ ގޮތުންނަމަ މިހާރު ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރުން އަންނަ އަހަރު އޯލެވެލް ހަދާނެއެވެ. އަދި މި ހިނގަމުންދާ ދެވަނަ ޓާމުގައި އެ ދަރިވަރުން އޯލެވެލް ސިލަބަސް ކިޔަވަން ފަށާނެކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް މި ނިންމުމާ ގުޅިގެން ގިނަ ބެލެނެވެރިންތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހަމައެއާއެކު ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އޭގެ ސަބަބުން އަށެއްގެ ދަރިވަރުންނަށް އެއް ޓާމުގެ ކިޔެވުން ގެއްލޭ ކަމަށެވެ.

ނަމަވެސް މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ ގްރޭޑް އަށެއްގެ ދަރިވަރުންގެ ކިޔެވުމާ ގުޅިގެން އުފެދިފައިވާ ސުވާލުތައް ސާފުކޮށްދެއްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު މި ހިނގާ ދިރާސީ އަހަރު ނިމެންދެން ނުވަތަ އެޕްރިލް މަހުގެ ނިޔަލަށް އެ ކުދިން ތިބޭނީ ހަމަ ގްރޭޑް އަށެއްގައި ކަމަށެވެ.

އަދި މި ދަރިވަރުން ގްރޭޑް ނުވައެއްގައި ތިބޭނީ، މި އަހަރުގެ މެއި މަހުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކުދިން ގްރޭޑް 10 ފެށާނީ އަންނަ އަހަރުގެ މާޗު މަހުގައި ކަމަށާއި އޯލެވެލް ހަދާނީ އަންނަ އަހަރު ނޮވެމްބަރު މަހުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލު ދަރިވަރުންގެ ތައުލީމީ ކަލަންޑަރަށް ގެނައި ބަދަލުގެ ފައިދާ އެންމެ ބޮޑަށް ލިބޭނީ ވެސް މިހާރު ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރުންނަށް ކަމަށެވެ.

https://sun.mv/187246

މި ނިންމުމާ ގުޅިގެން ބައެއް ބެލެނިވެރިން އަންނަނީ އޯލެވެލްއަށް ތައްޔާރުވާ ދެ އަރަހަކީ ދަރިވަރުންނަށް ވަރަށް މުހިންމު އަދި ވަރަށް ސްޓްރެސް ބޮޑު ދެ އަހަރު ކަމަށާއި އަށެއްގެ ދަރިވަރުންނަށް، އަވަސް އަރުވައިލައިގެން އެ ފަދަ ބުރައެއް ޖައްސަން ޖެހޭ ހާލަތެއް މިވަގުތު ނެތްކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއީ 2026ވަނަ އަހަރު، ޖެނުއަރީގައި ދިރާސީ އަހަރު ފަށަން ގެންނަ ބަދަލެކެވެ.

comment ކޮމެންޓް