ދިރާސީ އަހަރަށް ގެނައި ބަދަލާއެކު ތައުލީމީ ދާއިރާގެ ފައިސާގެ ދަތިކަން ހައްލުކުރެވޭނެ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު: މިނިސްޓަރު ވިދާޅުވީ ދިޔާސީ އަހަރަށް ގެނެވުނު ބަދަލާއެކު ތައުލީމީ ދާއިރާގެ ފައިސާ ދަތިކަން ކުޑަކުރެވޭނެ ކަމަށް-- ފޮޓޯ: އެޑިއުކޭޝަން

ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާގޮތަށް ބަދަލު ގެނައުމުން، ތައުލީމީ ދާއިރާއަށް މިހާރު ދިމާވާ ފައިސާގެ ދަތިކަން ކުޑަކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު ތ. އަތޮޅަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި ވަންދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިހާރު ފަށަނީ އަހަރުގެ މެދުތެރެއިން ނަމަވެސް، ޖެނުއަރީ މަހުން ދިރާސާ އަހަރު ފަށާ ގޮތަށް ބަދަލުކުރުމަށް ޓަކައި، ސަރުކާރުން އަންނަނީ ސްކޫލްތަކުގެ ކިޔެވުމަށް ބަދަލުތަކެއް ގެންނަމުންނެވެ.

ޝަފީއު ވިދާޅުވީ، އޮގަސްޓު މަހުން ފެށިގެން ކިޔަވާ ގޮތަށް ބަދަލުކޮށްފައި އޮތުމުން އެތައް ގުރޭޑެއްގެ ދަރިވަރުންނަށް ހަ މަސް ދުވަހުގެ ކިޔެވުން ނިމެނީ މާ ލަހުން ކަމަށެވެ.

ނަމަވެސް މިހާރު ތައުލީމީ ދާއިރާއަށް ގެނެސްފައިވާ ބަދަލާއެކު ތައުލީމީ ނިޒާމުގެ ހިންގުން އިތުރަށް ހަރުދަނާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތ.ވަންދޫ ގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ބައިވެރިވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

"މިހާރު މި ގެނެވުނު ބަދަލަކީ ދިވެހިރާއްޖޭގެ ފައިނޭންޝިއަލް އިޔާއާ ތައުލީމީ އަހަރު އެލައިން ކުރެވި، ފައިސާ ދަތިކަން އޮތް މިންވަރު ތައުލީމީ ނިޒާމުން ހައްލުކުރެވި، ހިންގުމުގެ ނިޒާމު ކުރިއަށް ވުރެ ފުރިހަމަ ވާނެ ކަމަށް އަޅުގަނޑު ދެކެން" ޑރ.ޝަފީއު ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހި ވަންތަކަމާއި ދީނާއި ސަގާފަތާއި ގުޅޭގޮތަށް ތައުލީމީ ދާއިރާގެ ކަންކަން ބައްޓަން ކުރާނެ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ދިރާސީ އާ އަަހަރުގެ ކިޔެވުން 2026ވަނަ އަހަރުން ފެށިގެން ޖެނުއަރީގައި ފަށަން ނިންމާފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައެވެ.

މިހާރު ހިނގަމުންދާ ދިރާސީ އައު އަހަރު، އަންނަ ޖޫން މަހު ނިމޭނެއެވެ.

ޖެނުއަރީގައި ދިރާސީ އާ އަހަރު ފެށޭގޮތަށް އޮތުމަކީ ރާއްޖޭގައި އޮތް ޒަމާންވީ އާދައެކެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ސްކޫލުތައް ބަންދުވެ ދަރިވަރުންގެ ކިޔެވުން އިތުރު ހަ މަސްދުވަހަށް ދަންމާލަން ޖެހުނީއެވެ.

އެއާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ރަސްމީކޮށް އަހަރުގެ މެދުތެރޭ ފަށާގޮތަށް ބަދަލުކޮށް އޯގަސްޓް މަހުގެ ކުރީކޮޅު ކިޔަވައިދޭން ފަށާގޮތަށް 2020ވަނަ އަހަރުން ފެށިގެން ބަދަލު ކުރިއެވެ.

https://sun.mv/187072

ދިރާސީ އާ އަހަރު ޖެނުއަރީގައި ފެށޭގޮތަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިކަމަށް އެއް ބަޔަކު ތާއީދު ކުރާއިރު، ބައެއް ބެލެނިވެރިން މިކަމާމެދު ކަންބޮޑުވެ ނުރުހުން ފާޅުކުރެއެވެ.

comment ކޮމެންޓް