އަޅުގަނޑު ވަކިކުރަން އުޅެނީ އިޖުރާއަތްތަކާ ހިލާފަށް: ޕީޖީ ބިޝާމް

ޕީޖީ އައިޝަތު ބިޝާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ޕްރޮސިކިއުޓާ ޖެނެރަލް މަގާމުން ވަކިކުރުމަށް މިހާރު ކުރާ މަސައްކަތްތަކީ ގާނޫނު އަސާސީގެ ރޫހާއި އަދި އިޖުރާއަތްތަކާ އެއްގޮތަށް ހިންގޭ މަސައްކަތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕީޖީ، އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޖީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޕްރޮސެސް ކުރިއަށް ގެންގޮސްދިނުމަށް ޖުޑިޝަރީ ކޮމިޓީއިން ފާސްކުރީ މިމަހުގެ 19 ވަނަ ދުވަހު ފާސްކޮށް ޖެހިގެން އައި ދުވަހުގެ ޖަލްސާގައި އެކަން މަޖިލީހުގައި އިއުލާންކޮށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ އެ މައްސަލަ ފޮނުވައިފަ އެވެ.

އެ މައްސަލައިގައި އެ ކޮމިޓީއަށް ޖަވާބުދާރީވުމަށް ހާޒިރުވުމަށް ޕީޖީ ބިޝާމްއަށް އަންގާފައި އޮތީ، މިއަދު ހެނދުނު 11:00 އަށެވެ.

ކޮމިޓީއަށް ހާޒިރުވުމުގެ ނޯޓިހާ ގުޅިގެން ޕީޖީ އޮފީސް މެދުވެރިކުރައްވާ އޭނާ މިއަދު އާންމު ކުރެއްވި ބަޔާނެއްގައި ބިޝާމް ވިދާޅުވެފައި ވަނީ، އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފަށާފައިވާ މަސައްކަތްތަކަކީ އިހްލާސްތެރި ނިޔަތެއްގައި ފަށާފައިވާ މަސައްކަތެއް ނޫން ކަމަށެވެ.

ބިޝާމް ވިދާޅުވީ ޕީޖީގެ މަގާމުން އޭނާ ވަކިކުރުމުގެ މައްސަލަ ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ހުއްދަ ދިން އިރު، އޭނާ މަގާމުން ވަކިކުރަން ޖެހޭ ސަބަބުތައް ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ތަޅުމުގައި ވިދާޅުވި ސަބަބުތަކާ، ޖުޑީޝަރީ ކޮމިޓީގައި މައްސަލަ ދިރާސާކުރައްވަމުން ގެންދެވި އިރު، ކޮމިޓީގެ މެމްބަރުން ވިދާޅުވަމުން ގެންދެވި ސަބަބުތައް އެއްގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެ މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވަން ބޭނުންވާ ކަމަށް ކޮމިޓީގެ ސިޓީގައި ފާހަގަކޮށްފައިވާތީ އެކަމަށް ރިއާޔަތް ކުރައްވައި ބިޝާމް ވިދާޅުވީ، ޖަވާބުދާރީވާން ވަކީލަކާ އެކުވެސް ހާޒިރުވުމުގެ ފުރުސަތު އޮތް ކަމާއި، މަޖިލީހުގެ ގަވާއިދުގައިވާ މުހުލަތުވެސް ލިބޭނެ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ސިޓީއެއް ފޮނުވި ނަމަވެސް އެ ސިޓީގައި ޖަވާބުދާރީވާން ޖެހޭ ކަންތައްތައް ބަޔާންކޮށްފައި ނެތް ކަމަށެވެ.

"ޖަވާބުދާރީވާން ތައްޔާރުވުމަށްޓަކައި މުހުލަތެއް ދިނުމާއި، ޖަވާބުދާރީވާން ހާޒިރުވާއިރު ވަކީލެއްގެ ހާޒިރުގައި ޖަވާބުދާރީވުމުގެ ފުރުސަތު ލިބޭގޮތަށް އޮތުމުގެ މަގުސަދަކީ ތައްޔާރުވުމަށް ފުރުސަތު ލިބޭނެ ފަދަޔަކުން، ޖަވާބުދާރީވާންޖެހޭ ކަންކަން ވެސް ވަރަށް ސާފުކޮށް، ތަފްސީލުކޮށް ބަޔާންކުރައްވައި އެންގެވުމެވެ." ޕީޖީގެ ބަޔާނުގައިވެ އެވެ.

ޕީޖީ ވިދާޅުވީ އަދުލުވެރިކަމާއެކު ފިޔަވަޅު އެޅުމުގެ ހައްގު ކަށަވަރުކޮށްދިނުމަކީ ފިޔަވަޅެއް އަޅާއިރު އެކަމާ ގުޅުންހުރި ހުރިހާ އިޖުރާއަތުތަކެއް ވެސް އަދުލުވެރިކަމާއެކު ކަށަވަރުކޮށްދިނުން ކަމަށެވެ.

ބިޝާމްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ކޮމިޓީގެ ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ޕީޖީގެ މަގާމުން އޭނާ ވަކިކުރުމުގެ މައްސަލަ އޮތް ކަމެއް އޭނާއަށް އެނގިފައި އަދި އަންގާފައިވެސް ނުވާ ކަމަށެވެ.

ގާނޫނު އަސާސީގައި ބުނާ މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކުން މީހަކު ދުރުކުރުމަކީ ވަކި މައްސަލައެއްގެ ގޮތުގައި އެޖެންޑާ ކުރުމަކާ ނުލައި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގެ 'އެހެނިހެން' އައިޓަމްގެ ތެރެއިން ހުށަހެޅި ގޮތް ނިންމޭ ވަރަށް ވުރެ ބޮޑު ކަމެއް ކަމަށް ވެސް ބިޝާމް ވަނީ ވިދާޅުވެފަ އެވެ.

"ވީމާ، މިދެންނެވި ކަންކަމަށް ރިއާޔަތްކުރާއިރު، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން އަޅުގަނޑު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފައްޓަވާފައިވާ އިޖުރާއަތްތަކަކީ އިހްލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ އަދި ގާނޫނުއަސާސީގެ ނައްޞާއި ރޫހާ އެއްގޮތަށް ކުރިޔަށްގެންދަވާ އިޖުރާއަތްތަކެއްކަމުގައި އަޅުގަނޑަށް ގަބޫލުނުކުރެވޭ ވާހަކަ ދެންނެވީމެވެ،" ޕީޖީ ބިޝާމްގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް