ބޮޑު ހިޔާނާތެއްގެ ތުހުމަތާއެކު އަބްދުﷲ މައުމޫންގެ މައްޗަށް ހަތް ދައުވާއެއް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން: އޭނާގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވާފައި -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑު (މޯލްޑިވް ގޭސް)ގެ މެނޭޖީން ޑިރެކްޓަރަކަށް ހުންނެވި، ހ. ހެންވޭރުފެހި، ޢަބްދުﷲ މައުމޫންގެ މައްޗަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރިޝްވަތު ގަބޫލުކުރުމުގެ ހަތް ދައުވާއެއް އުފުލައިފިއެވެ.

އޭނާއާއި އޭނާގެ އާއިލީ ބައެއް މީހުންނަށް މޯލްޑިވް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމުގެ ޖުމުލަ ހަތް ދައުވާއެއް ވަނީ އުފުލައިފައެވެ.

ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ހަތް ދައުވާއެއް އުފުލަން ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާއިރު، މައުމޫން މިހާރު ދިރިއުޅެނީ ރާއްޖެއިން ބޭރުގައެވެ.

އެހެންވެ، ވީހާ ވެސް އަވަހަކަށް މި މައްސަލައިގެ އަޑުއެހުންތައް ތާވަލުކޮށްދޭން ޕީޖީ އޮފީހުން ވަނީ އެދިފައެވެ. އަދި، ޝަރީއަތަށް ހާޒިރުވާން އިންކާރުކޮށްފި ހާލަތެއްގައި ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެދޭން ވެސް ކޯޓުގައި ވަނީ އެދިފައެވެ.

ޕީޖީ އޮފީހުން ބުނީ، އެފަދަ އަމުރެއް ނެރޭ ހާލަތެއްގައި އިންޓަޕޯލް މެދުވެރިކޮށް މައުމޫން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން: އޭނާގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް ވަނީ އުފުލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާގެ މައްޗަށް ރިޝްވަތުގެ ފުރަތަމަ ދައުވާ އުފުލާފައިވަނީ ޑިސެމްބަރު 10، 2013 އިން ފެށިގެން ނޮބެމްބަރު 16، 2018 އާ ހަމައަށް މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެ އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީޑީއެޗް އިންޓަނޭޝަނަލްއަށް ހަވާލުކުރުމަށް ފަހު، ރިޝްވަތު ނެގިކަމުގެ ތުހުމަތުގައެވެ.

ޕީޖީ އޮފީހުން ބުނީ، މޯލްޑިވްސް ގޭހުގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިހުރި އެކުންޓަށް އޭޕްރީލް 4، 2016 ގައި ތްރީޑީއެޗް އިންޓަނޭޝަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓެއްގެ އަގަށްވާ 634،700 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާއިރު، މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިހުރި އެކައުންޓަކަށް 29،941.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

ދެވަނަ ދައުވާ އުފުލާފައިވަނީ ޖޫން 7، 2016 ގައި ހިނގި މުއާމަލާތަކާ ގުޅިގެންނެވެ.

އެ ފަހަރު ވެސް ޝިޕްމަންޓަށް ފަހު ބޭންކް އޮފް ސިލޯންގައި ހުރި މައުމޫންގެ އެކައުންޓަކަށް 49،921.50 ޑޮލަރު ވަނީ ޖަމާކޮށްފައެވެ. އޭގެ އިތުރުން، އޭނާއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓަކަށް 12،201.50 ޑޮލަރު ވަނީ ޖަމާކޮށްފައެވެ.

ތިންވަނަ ދައުވާކުރި މުއާމަލާތް ހިނގާފައިވަނީ އޮގަސްޓު 1، 2016 ގައެވެ. އެ ފަހަރު ވެސް މޮން އާކް ކުންފުނީގެ ބީއެމްއެލްގެ އެކައުންޓަށް 49،949.50 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ހަތަރުވަނަ ދައުވާ އުފުލާފައިވަނީ އޭޕްރީލް 9، 2017 ގައި ހިނގި މުއާމަލާތަކާ ގުޅިގެންނެވެ. އެ ފަހަރު ވެސް ސަޕްލަޔަރަށް ފައިސާ ޖަމާކުރުމަށް ފަހު، މައުމޫނާ ގުޅުން އޮންނަ އެހެން ކުންފުންޏެއް ކަމަށްވާ އައި ޑިވެލޮޕާޒް ޕްރައިވެޓް ލިމިޓެޑްގެ އިސްލާމިކް ބޭންކް އެކައުންޓަކަށް 24،930 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ބުނެއެވެ.

ފަސްވަނަ ދައުވާ އުފުލާފައިވަނީ މޭ 15، 2017 ގައި ހިނގި މުއާމަލާތަކާ ގުޅިގެންނެވެ. އެ ފަހަރު ވެސް ސަޕްލަޔަރަށް ފައިސާ ދެއްކުމަށް ފަހު، މައުމޫންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިހުރި އެކައުންޓަކަށް 46،555 ޑޮލަރު ވަނީ ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ތުހުމަތުކޮށްފައެވެ.

ހަވަނަ ދައުވާއެއް އުފުލީ އޮގަސްޓު 23، 2017 ގައެވެ. އެ ފަހަރު ވެސް ސަޕްލަޔަރަށް ފައިސާ ޖަމާކުރުމަށް ފަހު، އޭނާގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިހުރި އެކައުންޓަށް 49،955 ޑޮލަރު ޖަމާކުރި ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އެންމެ ފަހު ހަތްވަނަ ދައުވާއެއް އުފުލި މުއާމަލާތް ހިނގާފައިވަނީ އޮކްޓޫބަރު 8، 2017ގައެވެ. އެ ފަހަރު ވެސް ސަޕްލަޔަރަށް ފައިސާ ޖަމާކުރުމަށް ފަހު، މައުމޫންގެ އެއްބަފާ ބޭބެ އަހުމަދު ހަމީދުގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިހުރި އެކައުންޓަކަށް 34،950 ޑޮލަރު ޖަމާކުރި ކަމަށް ޕީޖީ އޮފީހުން ތުހުމަތުކުރެއެވެ.

މި ހަތް މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުންހުރި މީހުންނާއި ކުންފުނިތަކުގެ އެކައުންޓަށް ޖުމުލަ 298،403.5 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ދައުވާގައި ބުނެފައިވެއެވެ.

comment ކޮމެންޓް