އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު އަވަސްކުރަނީ

އެފްއޭއެމަށް ފުލުހުން ވަދެ، ބަލައި ފާސްކުރުން: އެފްއޭއެމްގެ މަނީލޯންޑަރިން މައްސަލައިގެ ތަހުގީގު އަވަސްކުރަން ވަނީ މަޝްވަރާކޮފައި -- ސަން ފޮޓޯ: ހަސަން މާނިއު

ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތުތަކުގެ ތަހުގީގު އަވަސްކުރުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ފުލުހުންނާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

ޕީޖީ އޮފީހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިއަދު ޝަމީމް ބައްދަލުކުރެއްވީ، އެފްއޭއެމަށް އެކި ތަންތަނުން ލިބޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، އެފައިސާއިން މަނީ ލޯންޑާ ކުރިކަމުގެ ތުހުމަތުތައް ތަހުގީގު ކުރާ އިންވެސްޓިގޭޓަރުންނާއެވެ.

އެ ބައްދަލުވުމުގައި، އެމައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، އެމަސައްކަތްތައް ނިންމާނެ ގޮތާއި މުއްދަތާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް އެ އޮފީހުން ބުންޏެވެ.

އެ މަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި، އެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕީޖީ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން ވެސް މަޝްވަރާކޮށް، ގޮތްތަކެއް ނިންމާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ ތެރޭގައި، އެފްއޭއެމްގެ މައްސަލައިގައި އިތުރަށް ތުހުމަތު ކުރެވޭ މީހުންގެ ބައިތަކުގައި ތުހުމަތު އިއްވައި ބަޔާން ނެގުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރި ކަމަށާއި މިއަދުގެ ބައްދަލުވުމުގައި އެއްބަސްވީ، ފުލުހުން މިމައްސަލައިގައި ކުރަން ހުރި މަސައްކަތްތައް ނިންމައި، ވީހާވެސް އަވަހަކަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް ކަމަށް އެ އޮފީހުން އާންމުކުރި މައުލޫމާތުގައިވެއެވެ.

އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ޕްރޮސެކިއުޓާ ޖެނެރަލްގެ އަމުރަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 22ގައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެފްއޭއެމް ހައުސް ވެސް ބަލައި ފާސްކޮށް، އެ ތަނުން ހެކީގެ ގޮތުގައި ބައެއް ތަކެތި ގެންގޮސްފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ފުލުހުން ބުނީ، އެފްއޭއެމަށް ކޮވިޑު ދުވަސްވަރު ލިބުނު 1.9 މިލިއަން ޑޮލަރަށް ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެފްއޭއެމަށް ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ފޮނުވި 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކޮށްފައިވާތީ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ވަނީ ޚިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ އުފުލައިފައެވެ.

https://sun.mv/188172

އެ ތުހުމަތު ބައްސާމް ވަނީ ތަކުރާރުކޮށް ދޮގުކުރައްވައިފައެވެ.

comment ކޮމެންޓް