އަސްލަމް ނަތީޖާ ގަބޫލުނުކުރައްވާ މައްސަލަ ބަލައިދޭން އެދިއްޖެ

ނޮވެމްބަރ 11، 2019: އަސްލަމްގެ ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ އިސް ލީޑަޝިޕަށް ބޭފުން އިންތިހާބު ކުރުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް އެ އިންތިހާބުން ނާކާމިޔާބުވި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލަށް ރަސްމީކޮށް އަންގަވައިފި އެވެ.

އަސްލަމްގެ މީޑިއާ ކޯޑިނޭޓާ ރިޒްނާ ޒަރީރު މިއަދު "ސަން"އަށް ވިދާޅުވީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި 11 ނުކުތާއެއް ފާހަގަކޮށް އެކަންކަން ބަލައި ދިނުމަށް އަސްލަމް މިހާރު ވަނީ އެމްޑީޕީގެ އެސްޖީއަށް ސިޓީއަކުން ރަސްމީކޮށް ދަންނަވާފައި ކަމަށެވެ.

"މިވަގުތު އަސްލަމް ބޭނުންފުޅެއް ނުވޭ އޭގެ ތަފްސީލްތައް މީޑިއާއަށް ހާމަކުރައްވަން، އެއީ އެތެރޭގެ އިންތިހާބަކަށް ވާތީ،" އަސްލަމް ވިދާޅުވި އެވެ.

އެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ނައިބު ރައީސްކަމަށް ވާދަކުރެއްވި، އެ ޕާޓީގެ މިހާރުގެވެސް ނައިބު ރައީސް މުހައްމަދު ޝިފާޒްއާ ވާދަކޮށް އަސްލަމްއަށް ލިބިލެއްވީ، 9،957 ވޯޓެވެ. އެހެން ނަމަވެސް، ޝިފާޒް އިންތިހާބު ކާމިޔާބު ކުރެއްވީ، 13،233 ވޯޓް ހޯއްދަވައިގެން އެވެ. އެ އިންތިހާބުގައި ޖުމްލަ، 23،613 މެންބަރަކު ވޯޓްލާފައިވެ އެވެ.

އަސްލަމްގެ ކެމްޕޭން އޮފީހުން ތުހުމަތުކޮށްފައިވާ ގޮތުގައި، ވޯޓުލުމުގައި ބޮޑެތި މައްސަލަތަކާއި އޮޅުވާލުންތަކެއް ހުރި ކަމަށް ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ވަނީ ހިނގައިފަ އެވެ.

އިންތިހާބު ކާމިޔާބުކޮށް ޝިފާޒް ދެވަނަ ދައުރަކަށް ހޮވިފައި ވާއިރު، އެ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ މަގާމު ދިފާއުކުރައްވައި ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފަ އެވެ.

އެ އިންތިހާބުގައި އެ ޕާޓީގެ ރަޖިސްޓްރީގައި ތިބި، 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

comment ކޮމެންޓް