ޓޮމް އަށް އިތުރު އަދަބެއް، ފާރަށް މޫނު ލައިގެން ކޮޅަށް ހުންނަން އަންގައިފި

މަހިނބަދޫ ދާއިރާގެ މެންބަރު ތޯރިގު، ޓޮމް މިއަދުގެ މަޖިލީހުގައި: އޭނާގެ ނަން އިއްވުމުން ބޭރަށް ނިކުންނަން ދެކޮޅު ހެއްދެވި.

މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް)ގެ ނަން އިއްވުމަށްފަހު މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިގަންނަން އެންގެވުމުން ވެސް އެގޮތަށް އަމަލުކޮށްފައި ނުވާތީ، އަނެއްކާ ވެސް ރިޔާސަތުން މެމްބަރަށް އަދަބު ދެއްވައިފި އެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާ ހިނގަމުން ދިޔަ ވަގުތު މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ފުމެ އަޑުގަދަކޮށްފައި ވާތީ، މީގެ ފަހުން އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށް 100 ފަހަރު ލިޔަން އިއްޔެ ވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގަވައިފަ އެވެ.

ނަމަވެސް އެގޮތަށް އެ އިބާރާތް ތޯރިގު ލިޔެފައި ނުވާކަން ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި ފާހަގަކުރައްވައިފައެވެ.

މިއަދުވެސް މަޖިލީހުގައި ދުންމާރި ފުމެ، އަޑުގަދަކުރުމުގެ ސަބަބުން ތޯރިގުގެ ނަން އިވައި ތަޅުން ދޫކޮށް ވަޑައިގަތުމަށް ރިޔާސަތުން ވަނީ އަންގައިފައެވެ.

ނަމަވެސް ތޯރިގު އެގޮތަށް އަމަލުކޮށްފައެއް ނުވެއެވެ. އަދި މަޖިލީހުގެ ސެކިއުރިޓީ އިން ތޯރިގު ތަޅުމުން ނެރެން ކުރި މަސައްކަތް ވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

އެހެންކަމުން މަޖިލީހުގައި މެމްބަރު ނެތް ކަމަށް ބަލައިގެން ނަޝީދު ވަނީ ޖަލްސާ ކުރިއަށް ގެންދަވައިފައެވެ. އަދި "ވާހަކަ ނުދައްކާ ހިމޭނުން އިންނަވަން" ނަޝީދު ވަނީ ތޯރިގަށް އަންގަވައިފައެވެ.

އެހެން ނަމަވެސް އެކަމާ ގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

ނަމަވެސް މަޖިލިސް ރައީސް ޖަލްސާ ކުރިއަށް ގެންދަވައި، ކާށިދޫ ދާއިރާގެ މެމްބަރު ވާހަކަދައްކަވަމުން ގެންދަވަނިކޮށް ތޯރިގު ވަނީ އަނެއްކާ ވެސް ދުންމާރި ފުމެން ފަށައިފައެވެ.

އެހާ ހިސާބުން ނަޝީދު ވަނީ ތޯރިގް މަޖިލީހުން ނުކުތުމަށް އަންގަވައި ތޯރިގުގެ އަތުގައި އޮތް ދުންމާރި އަތުލައި މަޖިލީހުގެ އިދާރާއާ ހަވާޅު ކުރުމަށް ސާޖަންޓް އެޓް އާމްސް އަށް އަންގަވައިފައެވެ.

އަދި ތަޅުމުން ބޭރަށް ގޮސް، ފާރަށް މޫނު ލައިގެން ކޮޅަށް ހުންނަން ތޯރިގަށް ވަނީ އަންގައިފައެވެ.

"ތިބޭފުޅާ ބޭރަށް ނުކުމެ ހުންނަވާނީ ފާރަށް މޫނު ލައިގެން ކޮޅަށް،" ނަޝީދު އެންގެވިއެވެ.

ތޯރިގު މިހާރު ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ. ތޯރިގުގެ އިތުރުން އިތުރު ދެ މެމްބަރެއްގެ ނަން އިއްވުމަށްފަހު މިއަދު ވަނީ ތަޅުމުން ބޭރުކޮށްފައެވެ.

ތޯރިގްގެ އިތުރުން ދެން ނަން އިއްވާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އާއި ނައިފަރު ދާއިރާ މެންބަރު އަހްމަދު ޝިޔާމް އެވެ.

comment ކޮމެންޓް