މަޖިލީހުގައި ކަށިގަނޑު ނުފުމޭނެކަމަށް 100 ފަހަރު ލިޔަން ތޯރިގަށް އަންގައިފި

މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް -- ފޮޓޯ / ރައްޔިތުން މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ތަކުރާރުކޮށް ކަށިގަނޑު ފުމެމުން ގެންދާތީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މެމްބަރަށް އަދަބު ދެއްވައިފި އެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ވައިބާ ގުރޫޕެއްގައި އާންމު ކުރި މެސެޖަކާ ގުޅިގެން މަޖިލީހުގެ މެމްބަރުން އޭނާއަށް ފާޑު ކިޔާތީ ޕީޕީއެމް، ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުން ވަނީ މިއަދު މަޖިލީހުގައި އިހުތިޖާޖު ކޮށްފަ އެވެ.

އަދި އެމްޑީޕީ މެމްބަރުން ވާހަކަ ދައްކަވަން ފެށުމުން، އިދިކޮޅު މެމްބަރުން ވަނީ ކަށިގަނޑު ފުމެ މަޖިލީހުގައި އަޑުގަދަކޮށްފައެވެ. މަޖިލީހުގައި ކަށިގަނޑު ފުމެފައި ވަނީ މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް، ޓޮމް އެވެ.

އެހެންކަމުން ދެން މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނެ ކަމަށް 100 ފަހަރު ލިޔަން، ރިޔާސަތުން ވަނީ ތޯރިގަށް އަންގައިފައެވެ.

"އަޅުގަނޑު މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު 100 ފަހަރު ދެން ތިމަންނާ މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން، އެގޮތަށް މި ދެންނެވި ޖުމްލަ 100 ފަހަރު ލިޔުއްވުމަށް ދަންނަވަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ތޯރިގަށް އަދަބު ދެއްވުމަށްފަހު، މަޖިލީހުގެ ތެރެއިން އިތުރަށް ކަށިގަނޑުގެ އަދު އިވިފައެއް ނުވެއެވެ.

މަޖިލީހުގައި މިހާރު ކުރިއަށް ދަނީ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުކުރި ރިޕޯޓު ޖުޑިޝަރީ ކޮމިޓީއިން ދިރާސާކޮށް ނިންމި މައްސަލަ އެވެ.

އެމައްސަލައިގެ ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމަށް ފާޑު ކިޔަމުން ދަނީ ކްރިމިނަލް ކޯޓުގެ ވައިބަ ގުރޫޕަކަށް ނަސްރުގެ ދުވަހާ ގުޅިގެން ހައިލަމް ފޮނުވި މެސެޖެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ހިލިހިލާ ޖަހާފައިވާ ކާޓޫނެއް ލާފައިވާތީ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީ މެމްބަރުން ތަޅުމުގައި ތުހުމަތު ކުރެއްވީ، ގާޒީ ހައިލަމަށް ޕީޕީއެމް-ޕީއެންސީއިން ފައިސާ ދީފައިވާ ކަމަށެވެ. އެ ފައިސާ ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑްރިންގް މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް ކުރުމަށް ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލީހުގައި ކުރިއަށް ދަނީ މާދަމާ އޮންނަ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުމުގެ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ މައްސަލައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް