ނަޝީދު ޑެންމާކުގައި ދެއްކެވި ވާހަކަ އަޑުއަހަން މެމްބަރުންނަށް ނުކެރުނު!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފައިލް ފޮޓޯ/ މަޖިލިސް

ދެހާސް ތޭރަވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކްގެ ކޯޕަންހޭގަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވައި އިސްލާމްދީނާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުގެ އޯޑިއޯ ރައްޔިތުންގެ މަޖިލީހުގައި އިއްވަން ބޭނުން ނުވާކަމަށް މެމްބަރުން ނިންމައިފި އެވެ.

މަޖިލީހުގައި މިއަދު ހޫނު ބަހުސްތަކެއް ކުރީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓާ ގުޅިގެން އިސްލާމްދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށެވެ.

މައްސަލައިގައި ބަހުސް ކުރައްވަމުން ގިނަ މެމްބަރުން ވަނީ އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް، އެ ޖަމިއްޔާއަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އަޅާނަމަ، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދައްކަވާފައިވާ ދީނާ ހިލާފު ވާހަކަތައް ވެސް ބަލަން ޖެހޭނެ ކަމަށް ޖަލްސާގައި ތިއްބެވި އެމްޑީޕީ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް -- ފޮޓޯ، މަޖިލިސް

އެގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ "އަޅުގަނޑުމެންނަކީ ﷲގެ ދެވަނަ ދަރިން ނޫން" ކަމަށް ރައީސް ޔާމީން ވިދާޅުވާ އޯޑިއޯ އެއް މަޖިލީހުގައި އިއްވައިފަ އެވެ.

އެ އޯޑިއޯ ރެކޯޑިން ޖެހުމާއެކު ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، އެއީ ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދާ ހިލާފުކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ގަވާއިދާ ހިލާފުވަނީ ކޮން ކަމެއް ކަމެއް މެމްބަރު ސީދާ ވިދާޅެއް ނުވެ އެވެ. ރައީސް ނަޝީދު ތަކުރާރުކޮށް ގަވާއިދާ ހިލާފުވަނީ ކޮން ކަމެއްތޯ ސާފުކޮށްދެއްވަން އެދިވަޑައިގަތުމުން ވެސް މެމްބަރު ވިދާޅުވީ ގަވާއިދާ ހިލާފު ކަމެއް މަޖިލީހުގައި ހިނގާ ކަމަށެވެ.

އާޒިމް އިއްވި ރެކޯޑިން ސާފު ނުވާތީ، މަޖިލީހުގެ ޔައުމިއްޔާއަށްޓަކައި ރެކޯޑިން އަލުން ޖަހައިދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ.

އަލަށް އަމަލުކުރަން ފެށި މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދައްކަމުންދާ ވާހަކައަކާ ގުޅިގެން އިތުރު މައުލޫމާތު ދިނުމަށް އިތުރުވަސީލަތެއްގެ ބޭނުން ހިފާކަމަށްވާނަމަ، އެކަމެއް އެއީ، ކުރަން އެންމެ ރަނގަޅު ކަމެއް ނޫންކަމަށް މެންބަރަކަށް ފެނިގެން އެކަމަށް އިއުތިރާޒު ކޮށްފިނަމަ އެކަން ނިންމަން ވާނީ ބަހުސްކުރުމެއްނެތި ނަގާ ވޯޓަކުންނެވެ.

ރައީސް ޔާމީންގެ ރެކޯޑިން ތަކުރާރުކޮށް މަޖިލީހުގެ ތަޅުމުގައި އިއްވި ނަމަވެސް، އެ ރެކޯޑިން އިއްވުމަށް އިއުތިރާޒެއް އޮތްކަން ރިޔާސަތުން ސާފުކޮށްފައެއް ނުވެއެވެ.

އާޒިމްގެ ރެކޯޑިން އާގުޅިގެން މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ތޯރިގް ވަނީ ރައީސް ނަޝީދު 2013 ވަނަ އަހަރު ޑެންމާކްގެ ކޯޕަންހޭގަންގައި ދެއްކެވި ވާހަކައިގެ ރެކޯޑިން މަޖިލީހުގައި އިއްވައިފަ އެވެ.

ޑެންމާކަށް ކުރެއްވި ދަތުރުފުޅެއްގައި ކުރި ސުވާލާއި ޖަވާބު ސެޝަނެއްގެ ތެރެއިން ބޭރު މީހަކު ރައީސް ނަޝީދާ ކުރައްވާ ސުވާލަކީ ސަގާފީ އިސްލާމްދީނާއި "ޕްރޮގްރެސިވް" އިސްލާމްދީނާ ދެމެދު ހިނގަމުންދާ އަރާރުންވުމުގެ ތެރެއިން ސަގާފީ އިސްލާމް ފެތުރެމުންދާތީވެ އެކަމުގެ ހަގީގަތް ހުޅަނގުގެ އާއްމުންނާ ހިއްސާކޮށްދެއްވުމަށެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް -- ފޮޓޯ: މަޖިލިސް

އެ ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ މެދު އިރުމައްޗާއި ދެކުނު އޭޝިޔާގައި ފެތުރެމުންދާ ވައްހާބިޒަމްއާއި ހަރުކަށި އިސްލާމީ ފިކުރަކީ ހަގީގީ އިސްލާމްދީނެއް ނޫން ކަމަށާއި އެއީ ހިޖާޒުން ނުވަތަ ސައުދީ އަރަބިއްޔާ އިން އައިސްފައިވާ ފިކުރެއް ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވަނީ ހަރުކަށި ފިކުރު ފެތުރެން ފަސޭހަވެފައި ވަނީ އިސްލާމްދީނުގައި އޮންނަ "އަނެއް ގޮތް" ނުވަތަ "އޮލްޓަނޭޓިވް ނެރޭޓިވް" ކިޔައި ނުދެވުމުގެ ސަބަބުން ކަމަށެވެ.

"ހަރުކަށި ފިކުރުގެ މީހުން ވެއްޖިއްޔާ ކޮންމެ ސުވާލަކަށް އެމީހުންގެ ޖަވާބެއް އެބަ އޮތް. ދަންވަރު ގުޅާފައި "ޝޭހުއޭ. މިއުޅެނީ ނުނިދިގެންނޭ" ބުނެފި ނަމަ، ޝޭހު ދޭނެ ރަސޫލާގެ ހަދީސްއެއް ނުވަތަ ވަހީ ބަސްފުޅެއް ދަންވަރު ނިދުމުގައި ކަންކުރުމާ ބެހޭ ގޮތުން. އަޅުގަނޑުމެންގެ ނެތް މިކަހަލަ ހެލްޕްލައިނެއް. އަޅުގަނޑުމެންގެ އަތުގައެއް ނެތް "އެހެން ގޮތެއް". އެހެން ގޮތެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ނަޝީދު ވީޑިއޯގައި ވިދާޅުވެ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވާ ގޮތުގެ ސަބަބުން ކީރިތި ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަ ކުރެވިފައިވާ ކަމަށް ބުނެ، ގިނަ އާއްމުންތަކެއް އޭރު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެ ވާހަކަތަކާ ދެކޮޅަށް މުޒާހަރާވެސް ކުރިއެވެ.

މިއަދު ތޯރިގް އެ އޯޑިއޯ މަޖިލީހުގައި އިއްވުމުން، އެމްޑީޕީ މެމްބަރުން ވަނީ އެ އޯޑިއޯ މަޖިލީހުގައި ޖެހުމަށް ދެކޮޅު ހަދައިފައެވެ. އަދި މެމްބަރުން އިއުތިރާޒު ކުރުމުން އޯޑިއޯ އިތުރަށް އިއްވުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަނީ ގޮސްފައެވެ.

ޑެންމާކުގައި ނަޝީދު ދެއްކެވި ވާހަކަ މަޖިލީހުގައި އިއްވަން ބޭނުން ކަމަށް ބުނެ ވޯޓު ދިނީ 10 މެމްބަރުންނެވެ. އެ އޯޑިއޯ އިތުރަށް އިއްވަން ނުފެންނަ ކަމަށް 54 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.

ރައީސް ނަޝީދުގެ އޯޑިއޯ އިއްވަން ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، ރައީސް ޔާމީންގެ އޯޑިއޯ އިއްވަން ވޯޓަކަށް ނުދިއުމުން އިދިކޮޅު މެމްބަރުން ވަނީ ސުވާލު އުފައްދައިފަ އެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ ރެކޯޑިން އިއްވި އިރު ގަވާއިދުގައި އޮތް ގޮތް އެމަނިކުފާނަށް ފާހަގަވެފައި ނުވާ ކަމަށާއި، އަދި މެމްބަރު ޝިޔާމް ގާތުން އެކަން ސާފުކޮށްދެއްވަން ތަކުރާރުކޮށް އެދުމުން ވެސް އެކަން ސާފުކޮށްދީފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ނައިފަރު ދާއިރާގެ މެމްބަރު ގާތު ދެފަހަރަށް ތިން ފަހަރަށް އެހިން ކޮބައިތޯއޭ ނިޒާމީ ނުކުތާއަކީ، ކޮބައިތޯ އޭ މައްސަލައަކީ. މައްސަލައަކީ އެ އޯޑިއޯގެ މައްސަލަކަމަށް ފާހަގަވެފައި އަދި އެ މާއްދާއިން އަޅުގަނޑުމެންނަށް އެ މައްސަލަ ފާހަގަވީމާ އަޅުގަނޑު ކުރިއަކަށް ނުގެންދިޔައީމުސް،" ނަޝީދު ވިދާޅުވި އެވެ.

އަދި މަހިބަދޫ ދާއިރާގެ މެމްބަރު އިތުރު ވަސީލަތަކާ ނުލާ ވާހަކަ ކުރިއަށް ގެންދިއުމަށް ރިޔާސަތުން އެންގެވިއެވެ.

ނަޝީދުގެ އޯޑިއޯ އަޑު އިއްވަން އެމްޑީޕީ މެމްބަރުން ބޭނުން ނުވުމުން، ތޯރިގު ވިދާޅުވީ އެ ވޯޓުން ފެނިގެން ދިޔައީ ރައީސް ނަޝީދު އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަކޮށް ދެއްކެވި ވާހަކަތައް އަޑުއެހުމުގެ ގާބިލުކަން މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެމްބަރުންގެ ކިބައިގެން ނެތުންކަމަށެވެ.

"އެމްޑީއެން އާ މި ސަރުކާރާ ސަހިންދާ އަކީ އެކައްޗެއް. މީ ހަމަ ސީދާ ސަހިންދާ ސަރުކާރު. ސަހިންދާ ސަރުކާރު ޖެހޭނީ އެމްޑީއެން އުވާލަން ނޫނީ އިސްތިއުފާ ދީފަ ގެއަށް ދާން،" ތޯރިގު ވިދާޅުވި އެވެ.

comment ކޮމެންޓް