ދިވެހީން ހެދުން އަޅާ ގޮތް ބަދަލު ނުކުރުމަށް ރައީސް ނަޝީދު އިލްތިމާސް ކުރައްވައިފި

ރައީސް ނަޝީދު: --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހީން ހެދުން އަޅާ ގޮތް ބަދަލުނުކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފި އެވެ.

ގިޔާސުއްދީން ސްކޫލުގައި މިރޭ ބޭއްވި ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގައުމެއް ބިނާކުރެވޭނީ ގައުމިއްޔަތެއް ބިނާކޮށްގެން ކަމަށެވެ. އަދި ގައުމިއްޔަތެއް ބިނާކުރެވޭނީ މާޒީއެއްގެ ކުރީގައި ވީ ކަމެއް އެނގިގެން ކަމަށެވެ.

އެހެންނަމަވެސް އެ ގައުމިއްޔަތު ފޮހެލަންވެގެން މިދިޔަ 20 އަކަށް ނުވަތަ 30 އަކަށް އަހަރު ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

" އެންމެ ބޮޑަށް ކުރެވުނު އެއް ކަމަކީ މިސްކިތްތައް ތަޅާލުން. ގަބުރުސްތާނުތައް ތަޅައި، ޒިޔާރަތައް ތަޅާލުން. މާޒީ ފޮހެލުން. އެއަށް ފަހު އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތެއް ކަމަށް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފްކުރަން ފެށުން. އެއީ ހެދުން އަޅާގޮތްވެސް ބަދަލުކުރަން އުޅުނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެން ދިރިއުޅުން މުޅިން އެހެން ގޮތަކަށް ބަދަލުކޮށް މުޅިން އެހެން ސަގާފަތެއް ގެނައުމުގެ ރޫހެއް އުފެދިއްޖެ ކަމަށެވެ. އެގޮތުން އަޅުގަނޑުމެންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށްވެސް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެ މަންމަ އެހެން ގޮތަކަށް ހެދުން އަޅަން ފެށީ އަޅުގަނޑުގެ އުމުރުން 30 އަހަރު ވީފަހުން. ބުރުގާއެއް އަޅާފައި އެހެން ގޮތަކަށް ހެދުން އެޅުން ބަދަލުކުރީ. އޭގެ ކުރީގައި މާމަ ހެދުން އެޅިގޮތެއް ވެސް ހުރި. މާމަވެސް ބައެއް ފަހަރަށް ހަވީރަށްވީމަ ބުރުގާއަކަށް ބަދަލު ކުރޭ. އެހެން ނަމަވެސް އެއީކީއެއް ފަހުން މަންމަ އަޅާފަ ހުރި ބުރުގާއެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާުގެ އަންހެން ކޮއްކޮ ހުއްޓާ "އެހެން ގޮތަކަށް" އޭނާގެ ދަރިން ހެދުން އަޅަން ފެށި ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އެތަކެއް ގޮތަކަށް ހެދުން އެޅުމުގެ ވައްޓާފާޅިއަށް ބަދަލު އައިސްފައިވާ ކަމަށާއި ކުރިން އުޅެވުނީ ވަރަށް ގޯސްގޮތަކަށް ކަމަށް އަޅުގަނޑުމެންނަށް މިހާރު ގަބޫލުކުރެވެން ފަށައިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އަދި ވިދާޅުވީ ރާއްޖެ އެހެން ގޮތަކަށް އަނބުރާލުމަށް ބަޔަކު ވަރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހީން އަބަދުވެސް އުޅެން ބޭނުންވަނީ މާތް ވެގެންވާ އިސްލާމް ދީނުގައި ކަމަށެވެ. އަދި ދީނަށް އުޅުނު ނަމަވެސް ދިވެހީންކަން އެއްގޮތަކަށް ވެސް ހަދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަކީ މި ޖަޒީރާ ރަށްތަކުގެ އަހުލުވެރިން. އަޅުގަނޑުމެންނަކީ އިންޑިއާ ކަނޑުގަ ތިބޭ ރަށްފުށު ބައެއް. އަޅުގަނޑުމެންގެ ސަގާފަތާ އާދަކާދައާ ވައްޓަފާޅިއާ ހެދުން އެޅުން ކަންކަން ކުރާ ގޮތް އެއީ އެހެން ބައެއް މީސް މީހުންނާ ތަފާތު ގޮތް. އަޅުގަނޑު ނަސޭހަތަކީ، އިލްތިމާސަކީ ގޮތް ބަދަލުނުކުރައްޗޭ." ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް