ރިލްވާނު މައްސަލާގައި ފުލުހުން އިހްމާލުވެފައިވޭތޯ ބަލަން ކޮމިޓީ އަށް ހާޒިރު ކުރަނީ

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން: އެމައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް ފުލުހުންގެ އިސްވެރިން ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައި ---

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުންގެ އިހުމާލެވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ފުލުހުންގެ އިސްވެރިން ހާޒިރުކުރުމަށް އެ ކޮމިޓީން ނިންމައިފި އެވެ.

އެ މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް ރައްޔިތުން މަޖިލީހުން ބެލުމަށް މަޖިލީހުން ފާސްކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. އެ ހުށަހެޅުން މަޖިލީހަށް ހުށަހެޅީ، ތުޅާދޫ ދާއިރާ މެމްބަރު ހިސާން ހުސައިނެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު އެ މައްސަލައާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އެ ކޮމީޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިރޭ "ސަން" އަށް ވިދާޅުވީ، ރިލްވާން ގެއްލުމުގެ މުޅި މައްސަލަ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާތީވެ، ތަހުގީގު ކުރުމުގެ އެބައި ކޮމިޝަނަށް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދު ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، ކޮމިޓީން ނިންމީ ފުލުހުންގެ އިސްވެރިން ހާޒިރުކޮށް އެ މައްސަލާގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް ސުވާލު ކުރުމަށެވެ.

"މައުލޫމަތު ހޯދަން ޖެހޭ ފަރާތްތަކުން މައުލޫމަތު ހޯދުމާއި ފުލުހުންނާ ސުވާލުކުރާނެ. އެ މައުލޫމަތުގެ އަލީގައި މި އަންނަ ހަފްތާގައި ކުރިއަށް ހުރި ކަންކަން ކުރިއަށް ގެންދާންން،" އަސްލަމް ވިދާޅުވިއެވެ.

މިއަދު ކޮމިޓީގައި ފުލުހުން ހާޒިރު ކުރާނެ ވަކި ދުވަހެއް ކަނޑައަޅާފައި ނުވެއެވެ.

އަސްލަމް ވިދާޅުވީ، ފުލުހުންގެ އިތުރުން އެ މައްސަލައާ ގުޅިގެން އިތުރު މުއައްސަސާތަކުންވެސް އިތުރު މައުލޫމަތު ސާފު ކުރާނެ ކަމަށެވެ.

"އިތުރު އެހެން ފަރާތްތަކުގެ މައުލޫމަތު ހޯދަންވެސް މިއަދު ވަނީ ސިޓީ ފޮނުވާފައި. އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި އައިލާގެ ފަރާތުން މި މައްސަލައިގައި ސާފު ކުރަން ހުރި ކަންކަން ސާފު ކުރާނެ،" އަސްލަމް ވިދާޅުވިއެވެ.

މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރިލްވާން ގެއްލުމާ ގުޅޭ މައްސަލަތައްކެއް ހުށަހެޅިފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އޭގެ އިތުރުންވެސް އެހެނިހެން ބައިވަރު މައްސަލަތައް ނުބަލައި ފުނި ޖެހިފައިވާ ކަމަށް އަސްލަމް ފާހަގަ ކުރެއްވި އެވެ.

"ބައެއް މައްސަލަތައް މިހާރު ހުރީ މުއާމަލާތްވެސް ކެނޑިފައި. އެ މައްސަލަތަކަށް ވެސް އެޑްރެސް ކުރަމުން މިދަނީ. އެގޮތައް މައްސަލަތައް ފުނިޖެހިފައި ހުރިމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އަސްލަމް ވިދާޅުވިއެވެ.

ރިލްވާންގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތްތޯ ބެލުމަށް އަންނަ މަހު 20 ގެ ކުރިން އެ މައްސަލަ ބަލައި ނިންމުމަށްވެސް މިއަދު ކޮމިޓީގައި ފާސްކޮށްފައެވެ.

ރިލްވާން ގެއްލިގެން ހޯދަން ފެށީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުއެވެ. އޭގެ ފަހުން ފަސް އަހަރެއްހާ ދުވަސް ވެފައިވާއިރު، އަދިވެސް ފުލުހުންނަށް ރިލްވާންއަށް ވީ ގޮތެއް ބުނެނުދެވެއެވެ.

comment ކޮމެންޓް