ތާލިބާނުންނާއި އެމެރިކާގެ ސުލްޙައިގެ ވާހަކަތަކަށް ކުރިއެރުންތަކެއް ލިބިއްޖެ

އެމެރިކާ އާއި ތާލިބާންގެ ސުލްހައިގެ ވާހަކަތައް --

ދަވްޙާ (މޭ 9) : އަފްޣާނިސްތާނަށް ސުލްޙަ ގެނައުމަށް ޓަކައި އެމެރިކާ އާއި ތާލިބާން ޖަމާއަތާ ދެމެދު ކުރިޔަށްދާ ވާހަކަތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެކަން ތާލިބާނުން ހާމަކޮށްފި އެވެ.

ތާލިބާނުންގެ ތަރްޖަމާން ސުހައިލް ޝާހީން ބުނީ ކުރިއެރުން ލިބިފައި ވަނީ ކުރީގެ ބުރުތަކުގައި އެއްބަސްވުމަކަށް ނާދެވި ހުރި ދެ މައްސަލަ ކަމަށްވާ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ ތާވަލެއް އެކުލަވާލުމުގެ މައްސަލައަށާއި އެހެން ގައުމަށް ހަމަލާދިނުމަށް އެއްވެސް ފަރާތަކުން އަފްޣާނިސްތާނުގެ ބިން ބޭނުން ނުކުރުމުގެ މައްސަލައަށެވެ. މި ދެ މައްސަލާގައި ދެފަރާތުގެ މެދުގައިހުރި ޚިލާފްތައް އެއްބަސްވުމަކާ ހަމައަށް ދެވޭވަރަށް މިހާރު ހައްލުކުރެވިފައިވާކަން ޝާހީން ހާމަކުރި އެވެ.

އަފްޣާނިސްތާނަށް ސުލްޙަ ގެނައުމަށް ޓަކައި ގަތަރު މެދުވެރިއެއްގެ ބައި އަދާކޮށްގެން އެމެރިކާއިން ތާލިބާން ޖަމާއަތާ ވާހަކަ ދައްކަމުން ގެންދާތާ މަސްތަކެއް ވެއްޖެ އެވެ. މި މުއްދަތުގައި ވާހަކަތައް ނާކާމިޔާބުވެ ވާހަކަތައް ވަގުތީ ގޮތުން ހުއްޓާލާ ހިސާބަށް ވެސް ކަންތައް ގޮސްފައިވެ އެވެ. ނަމަވެސް އަލުން ވާހަކަތައް ފެށުމުން ކުރިއެރުންލިބި ބައެއް މައްސަލަތައް ހައްލުކުރެވިފައިވެ އެވެ.

މީގެ ތެރޭގައި ތާވަލެއްގެ ދަށުން އަފްޣާނިސްތާނުން އެއްކޮށް ފޭބުމަށް އެމެރިކާ އެއްބަސްވުމާއި އަފްޣާނިސްތާނުގެ ބިމުން އަލްގާއިދާއަށާއި އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ޖާގަ ނުދިނުމަށް ތާލިބާނުން އެއްބަސްވުން ހިމެނެ އެވެ. ނަމަވެސް އެއްބަސްވުމަކަށް ނާދެވޭ މައްސަލަތައް އަދި ވެސް އެބަހުއްޓެވެ. މީގެތެރޭގައި ތާލިބާނުން ހަތިޔާރު ދޫކޮށް ސިޔާސީ ޖަމާއަތަކަށް ބަދަލުވުމާއި އަފްޣާން ސަރުކާ އެކު ސުލްޙައިގެ ވާހަކަތައް ފެށުމަށް ތާލިބާނުން ދެކޮޅު ހެދުން ހިމެނެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ގަތަރުގައި ކުރިޔަށްދާ ތާލިބާނުންނާއި އެމެރިކާގެ ސުލްޙައިގެ ވާހަކަތަކުގައި އެމެރިކާގެ ފަރާތުން އިސް ވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ އެމެރިކާ އިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ މަންދޫބު ޒަލްމާއި ޚަލީލް ޒާދް އެވެ. ތާލިބާންގެ ފަރާތުން ބައިވެރިވަނީ އެޖަމާއަތުގެ ސިޔާސި ވަފްދެކެވެ. އެ ވަފްދުގެ ވެރިއަކަށް ހުންނަވަނީ ގަތަރުގައި ހުންނަ ތާލިބާނުންގެ އޮފީހުގެ ވެރިޔާ އެވެ.

އެމެރިކާ ތާލިބާނުންނާ އެކު ސުލްޙައިގެ ވާހަކަތައް ފެށީ ތާލިބާނުން އަސްކަރީ ގޮތުން ބަލިކުރުމަށް ޓަކައި 17 އަހަރުވަންދެން އެމެރިކާ ކުރި ހަނގުރާމައަށް ކާމިޔާބު ނުލިބި މަގްސަދު ހާސިލު ކުރުމުގައި އެމެރިކާ މުޅިން ނާކާމިޔާބު ވުމުންނެވެ. ތާލިބާނުން އަސްކަރީ ގޮތުން ބަލުކުރުމަށް ފާއިތުވި 17 އަހަރު ތެރޭގައި އެމެރިކާއިން އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް ޚަރަދުކޮށްފައިވާ އިރު އެ ހަނގުރާމައިގާ އެމެރިކާގެ އެތައް ސަތޭކަ ސިފައިން މަރުވެފައިވެ އެވެ. އަދި އެމެރިކާގެ އެތައް ހާސް ސިފައިން ޒަޚަމްވެ އެތަށް ސިފައިންގެ އަތްފައި ބުރިވެ ނުކުޅެދޭ މީހުންނަށް ވެގެން ގޮސްފައިވެ އެވެ.

އެމެރިކާ ތާލިބާނުންނާ ސީދާ ގޮތެއްގައި ވާހަކަ ދެއްކި ނަމަވެސް އަދި ވެސް ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާ ސަރުކާރުން ލޭބަލްކޮށްފައިވާ ޖަމާއަތެކެވެ. ސުލްހައިގެ ވާހަކަތަކާއެކު ވެސް ތާލިބާނުން އަފްޣާނިސްތާނުގައިދޭ ޓެރަރިސްޓް ހަމަލާތަކަށާ އަދި ކުރަމުން ގެންދާ ހަނގުރާމައަށް ހުއްޓުމެއް އައިސްފައެއް ނުވެ އެވެ. އެމެރިކާއާއި ތާލިބާނުންނާ ދެމެދު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަކީ މި ވާހަކަތަކުގެ މައިގަނޑު މަގްސަދެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް