އަޅުގަނޑު ނުހޮވުނީ އެމްޑީޕީއާ ހެދި: މުސްތަފާ

ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ: އޭނާގެ ގޮނޑި ދިފާއު ނުކުރުވުމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން ކަމަށް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބްގައި ތިމަރަފުށީ ދާއިރާގެ ގޮނޑު ދިފާއު ނުކުރެވުނީ އޭނާ ނިސްބަތްވާ އެމްޑީޕީގެ ސަބަބުން ކަމަށް އެ ދާއިރާގެ އިންތިހާބުން ނާކާމިޔާބާ ކުރިމަތިވި މިހާރުގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މިހާރު ތިބި މެންބަރުންގެ ތެރެއިން ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ވާދަކޮށް ގޮނޑި ދިފާއު ނުކުރެވުނު ހަމަ އެކަނި އެމްޑީޕީގެ މެންބަރަކީ ވެސް މުސްތަފާ އެވެ.

މުސްތަފާ ނުހޮވުނު ސަބަބާއި ގުޅޭ ގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި މުޅި ޕާޓީ އޮތީ އޭނާއާ ދެކޮޅަށް ކަމަށާއި އެ ހަގީގަތް އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ ﷲ ކަމަށެވެ.

"19 ވަނަ މަޖިލިސް އަށް އަޅުގަނޑު ނުހޮވުމުގެ ޒިންމާ އުފުލަން ޖެހޭނީ އެމްޑީޕީ އިން. މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް އެނގޭ ޕާޓީން މަސައްކަތް ކުރީ އަޅުގަނޑު ހޮވުނަ ނުދޭންކަން،" މުސްތަފާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

މުސްތަފާ އެހެން ވިދާޅުވެފައިވާއިރު، ރައީސް އަދި އެ ޕާޓީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، ވަނީ އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލެއްވި ވަކިވަކި ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް މަސައްކަތްތަކެއް ކޮށް ކެމްޕެއިން ވެސް ކޮށްދެއްވާފަ އެވެ. ނަމަވެސް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުންގެ އެއްވެސް ކެމްޕެއިން އިވެންޓެއްގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އަދި އެ ދާއިރާއަކަށް ވަޑައިނުގަންނަވާ ދާއިރާތަކުގެ ތެރޭގައި ތިމަރަފުށީ ދާއިރާ ވެސް ހިމެނެ އެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުަސްތަފާގެ މައްޗަށް 306 ވޯޓުން ކުރި ހޯއްދަވައިގެން އެ ދާއިރާގެ ގޮނޑި ކާމިޔާބް ކުރެއްވީ ރިޔާޒު(ވ) -- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެހެން ނަމަވެސް ރައީސް ސޯލިހު ތާއިދު ކުރައްވާ ތިމަރަފުށީ ދާއިރާގެ ކެންޑިޑޭޓަކީ މުސްތަފާ ކަމަށް އޭނާ ވެސް އަދި ރައީސް ނަޝީދު ވެސް ވަނީ ކެމްޕެއިން އިވެންޓްތަކުގައި ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ތިމަރަފުށީ ދާއިރާގެ އިންތިހާބް ކާމިޔާބް ކޮށްފައިވަނީ ކިނބިދޫ ދާއިރާގެ މިހާރުގެ މެންބަރު އަދި ޖޭޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒެވެ. އޭނާއަށް 1121 ވޯޓް ލިބިފައިވާއިރު މުސްތަފާއަށް ލިބިލެއްވީ 815 ވޯޓެވެ.

comment ކޮމެންޓް